27 ޖެނުއަރީ 2022 - 15:44

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާ 478 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
އެ ކުންފުނިން މިއަދު އާންމުކުރި މާލީ ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރު ލިބުނު ފައިދާ، އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ އިތުރެވެ. އެސްޓީއޯ އަށް 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި ސަރުކާރުގެ މި ތިން އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އެހާ ބޮޑަށް އިތުރުވީ، ތެލުގެ ވިޔަފާރި ފުޅާކޮށް، ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަ ކުރާތީ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ 2020 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ތެލުގެ ވިޔަފާރިން 7.1 ބިލިއަން ރުފިޔާ އެސްޓީއޯ އަށް ލިބިފައި ވެ އެވެ.
- ތެލުގެ ވިޔަފާރި: 7.1 ބިލިއަން ރުފިޔާ
- އެހެނިހެން ވިޔަފާރިތައް: ތިން ބިލިއަން ރުފިޔާ
- ޖުމްލަ އާމްދަނީ: 10.1 ބިލިއަން ރުފިޔާ
- ފައިދާ: 478 މިލިއަން ރުފިޔާ
ތެލުގެ އިތުރުން އެސްޓީއޯ އަށް އާމްދަނީ ލިބެނީ ޓްރޭޑުންނާއި ގޭހާއި އިންޝުއަރެންސާއި މަސްވެރިކަމުންނެވެ.
އެސްޓީއޯގައި 2،000 މުވައްޒަފުން މަސައްކަތް ކުުރާއިރު، އެއީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ނަފާއެއް ހޯދާ އެއް ތަނެވެ.