ގާނޫނުގައި އޮތަސް މިހާރު "ކަރަންޓީނު ޗުއްޓީ"އެއް ނުލިބޭ
ގާނޫނުގައި އޮތަސް މިހާރު "ކަރަންޓީނު ޗުއްޓީ"އެއް ނުލިބޭ

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ނުވަތަ އެ މީހުންނާ ކޮންޓެކްޓްވާ މީހުންނަށް، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުގައި އޮންނަ ގޮތަށް "ކަރަންޓީނު ޗުއްޓީ" މިހާރު ނުލިބޭ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ކަރަންޓީން މަރުކަޒެއްގައި ނުވަތަ ގޭގައި ވިޔަސް ކަރަންޓީނުވާން ޖެހޭ މުވައްޒަފުންނަށް، އެތަނެއްގައި މަޑުކުރަންޖެހޭ މުއްދަތަށް މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި މުސާރަ ލިބޭ ގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާ ދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭ ކަމަށް އޮވެ އެވެ.

ގާނޫނުގައި ބުނަނީ މުވައްޒަފަކު ކަރަންޓީނުވާން އަންގައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް އޮތް ކޮންމެ ފަރާތަކަށް، އެ ޗުއްޓީ ހަމަޖައްސައިދޭން ވާނެ ކަމަށެވެ.

އެގޮތަށް ގާނޫނުގައި ލިޔެ، ކުރިން އަމަލުކުރަމުން އައި ނަމަވެސް މިހާރު އެގޮތަށް އަމަލުނުކުރާ ކަމަށް ބައެއް މީހުން ބުނެ އެވެ. ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުން ވެސް ބުނި ގޮތުގައި އެ މީހުންނަށް ކަރަންޓީނުގައި ތިބެގެން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޮތީ އަންގައިފަ އެވެ.

އެ ތަންތަނުން އެތަނުގައި މަސައްކަތްކުރާ މީހުންނަށް ފޮނުވާ މެމޯތަކުގައިވާ ގޮތުން އެގޮތަށް އަންގަނީ ގިނަ ބަޔަކު އޮފީހުން ޕޮޒިޓިވްވެ، އަދި އެތައް ބަޔަކު ވެސް ކަރަންޓީނަށް ދާން ޖެހޭތީ އެވެ.

އެގޮތަށް މިނިސްޓްރީއަކުން އެތަނުގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައިވާ ގޮތުން ޑައިރެކްޓް ކޮންޓެކްޓްވާ މުވައްޒަފުންގެ ކަރަންޓީނުގެ މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތްކުރުމަށް ފަހު އެޗްއާރުން އަންގާ ގޮތަކަށް އެކަން ރިޕޯޓްކުރަން ޖެހެ އެވެ.

އަދި މުވައްޒަފުން ކަރަންޓީނުގައި ތިބި ކަމުގެ ލިޔުން އެޗްޕީއޭ އިން ހޯދަން މި ދުވަސްވަރު ދަތި ނަމަވެސް، ވަކި މުއްދަތެއްގެ ތެރޭގައި އެ ލިޔުން ހޯދައި، ހާޒިރީ އަޕްޑޭޓް ކުރުމަށާއި ގޭގައި މަސައްކަތްކުރިޔަސް އެޗްޕީއޭ މެދުވެރިކޮށް ލިޔުން ނުލިބޭ ނަމަ، ހާޒިރީ އަޕްޑޭޓް ނުކުރެވޭނެ ކަމަށް ވެ އެވެ.

އެކަމަކު ޕޮޒިޓިވްވި މީހުން، ކަރަންޓީނުގައި ބައިތިއްބައިގެން މަސައްކަތް ކުރަމުން އަންނަ ކަމެއް ސާފެއް ނުވި އެވެ. ބެލެވޭ ގޮތުގައި ޑައިރެކްޓް ކޮންޓެކްޓުން ކަރަންޓީނުގައި ބައިތިއްބައިގެން އެ މީހުން ލައްވާ މަސައްކަތް ކުރަމުން އަންނަނީ މި ދުވަސްވަރު ކޮވިޑް ޖެހޭ މީހުންގެ އަދަދުވެ ކަރަންޓީނު ކުރަންޖެހޭ މީހުންގެ އަދަދު ވެސް އިތުރުވާތީ އެވެ.

އެނގިފައިވާ ގޮތުގައި ބައެއް އޮފީސްތަކުގެ ދެބައި ކުޅަ އެއްބައި މީހުން ކަހަލަ ގޮތަކަށް ކަރަންޓީނުވާން ޖެހުމުން އެތަންތަނުގެ މަސައްކަތްތައް ވެސް ވަނީ ބުރޫއަރައިފަ އެވެ.

އެކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަންގެ ނައިބް ރައީސް އިބްރާހީމް ރަޝީދު، "މިހާރު" އަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ހާއްސަ ޗުއްޓީ ލިބޭނެ ކަމަށެވެ.

"ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ޗުއްޓީ ނުލިބޭނެ ކަމަށް ކޮމިޝަނުން އަންގައިފައެއް ނޯންނާނެ. އެ މީހުންނަށް ޗުއްޓީ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ޕޮޒިޓިވްވާ މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވާ މީހުންގެ ގައިގައި ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް ނަމަ، އެ މީހުން ލައްވާ ގޭގައި މަސައްކަތް ކުރެވިދާނެ ކަމަށް ކޮމިޝަނުން ފޮނުވި ސާކިއުލާގައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑްގެ އާވޭރިއަންޓް ފެނުނު ފަހުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިއްޔެ ވެސް 2،800 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނެވެ. އަދި 30 ރަށެއް އޮތީ މޮނިޓަރިންގެ ލިސްޓަށް ލައިފަ އެވެ.