17 ޑިސެމްބަރ 2016 - 06:14

ކާމިޔާބު އެތައް ފިލްމެއް ކުޅެ، އޮސްކާ ވެސް ހޯދާފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖޫލިއާ ރޮބަޓްސް ފުރަތަމަ ފަހަރަށް ޓީވީ ސިލްސިލާއެއް ކުޅެން އެއްބަސްވެއްޖެ އެވެ.

ޖޫލިއާ، 49، ޓީވީ އަށް އައުމަކީ އޭނާގެ ފޭނުންނަށް އާ ތަޖުރިބާއަކަށް ވާނެ އެވެ. އެހެންވެ އޭނާގެ ފުރަތަމަ ސީރީސްގެ ވާހަކަ ދެކެވެން ފެށުމާ އެކު، މިހާރު ވަނީ އިންތިޒާރީތަކެއް ކުރެވެން ފަށައިފަ އެވެ.
ޖޫލިއާ ރޮބަޓްސްގެ ފުރަތަމަ ޓީވީ ސިލްސިލާއަކީ "ވެއާ ވުޑް ޔޫ ގޯ، ބާނަޑެޓް" ފަދަ ކާމިޔާބު ވާހަކަތަކެއް ކިޔުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ މާރިއާ ސެމްޕްލް މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ވާހަކަ "ޓު ޑޭ ވިލް ބީ ޑިފެރަންޓް" އަށް ބިނާކޮށް ހަދާ ޑްރާމާ ސިލްސިލާއެކެވެ.
މިއީ ފިރިމީހާ އާއި ފިރިހެން ދަރިފުޅާ އެކު އާދައިގެ އުފާވެރި އަދި މަޖާ ދިރިއުޅުމެއް އުޅެމުން ދިޔަ އަންހެނެއްގެ ހަޔާތް ތަފާތު ގޮތަކަށް ބަދަލުވެގެން ދާ ގޮތް ކިޔައިދޭ ވާހަކައެކެވެ.
"ޓު ޑޭ ވިލް ބީ ޑިފެރަންޓް" ގެ ރައިޓްސް ގަނެފައި ވަނީ މެގަން އެލިސަންގެ އަންނަޕޫރްނާ ޕިކްޗާސް އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސިލްސިލާގެ ސްކްރީންޕްލޭ ލިއަން ހަވާލުކޮށްފައި ވަނީ މީގެ ކުރިން "ސަޑެންލީ ސޫޒަން" އާއި "އެރެސްޓެޑް" ފަދަ ޓީވީ ސިލްސިލާތަކުގެ ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާފައިވާ ލިޔުންތެރިޔާ މާރިއާ އެވެ.
އޭނާ 2012 ގައި ނެރުނު ވާހަކަ "ވެއާ ވުޑް ޔޫ ގޯ، ބާނަޑެޓް" އަށް އެލިސަން އަންނަޕޫރްނާ ޕިކްޗާސް އިން ހަދާ ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނީ މާރިއާ އެވެ.
"ޓު ޑޭ ވިލް ބީ ޑިފެރަންޓް" އާ އެކު ރޮބަޓްސް ޓީވީ އަށް އަންނަ އިރު، މި ސިލްސިލާ ޑައިރެކްޓް ކުރާނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ. އަދި މި ސިލްސިލާ ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް ވެސް ނޭނގެ އެވެ.
"ޓު ޑޭ ވިލް ބީ ޑިފެރަންޓް" އެއް ޕްރޮޑިއުސަރަކީ ވެސް "ޕްރެޓީ ވުމަން" އާއި "ރަންއަވޭ ބްރައިޑް" ފަދަ ފިލްމްތައް ކުޅެފައިވާ ޖޫލިޔާކަން ފާހަގަކޮށްލެވެ އެވެ.
މި އަހަރު "މަދާސް ޑޭ" އާއި "މަނީ މޯންސްޓާ" އިން ފެނުނު ރޮބަޓްސް މިހާރު އަންނަނީ ލަޔަންގޭޓްސްގެ ކުރިއަށް އޮތް ފިލްމް "ވޮންޑަ" ގައި މަސައްކަތް ކުރަމުންނެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު އެވެ.