27 ޖެނުއަރީ 2022 - 12:22

ޔޫކްރޭންގެ މައްސަލައިގައި ރަޝިޔާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމުގެ ގޮތުން ރަޝިޔާ އިން ހުށަހެޅި ހުށަހެޅުން އެމެރިކާ އިން ބޮލާލައި ޖަހައިފި އެވެ.
ޔޫކްރޭނަށް އަރައިގަތުމުގެ ރިއާސީ އަމުރެއްގެ އިންތިޒާރުގައި، ރަޝިޔާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ތިބި ރަޝިޔާ ސިފައިންނާއި ބަރު ހަތިޔާރުތައް އެ ސަރަހައްދުން ދުރަށް ގެންދިއުމަށް ރަޝިޔާ އިން ހުށަހަޅާ ހުށަހެޅުމަކީ، ނޭޓޯގައި ޔޫކްރޭން ބައިވެރި ނުކުރާނެކަމުގެ ޔަގީންކަން ދިނުމެވެ. މީގެ އިތުރުން ވެސް ރަޝިޔާއާ އިންވެގެން އޮތް ގައުމުތަކަށް ނޭޓޯގެ މެމްބަރުކަން ނުދިނުމަކީ ރަޝިޔާގެ ޝަރުތެކެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓީންގެ އެ ހުށަހެޅުމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން މިހާރު ވަނީ ލިޔުމުން ރަސްމީ ޖަވާބެއް ދެއްވައިފަ އެވެ.
އެމެރިކާ އިން ބުނާ ގޮތުގައި ރަޝިޔާގެ ހުށަހެޅުންތަކަށް އެމެރިކާ އިން ދޭން ޖެހޭ ޑިޕްލޮމެޓިކް ޖަވާބު މިހާރު އޮންނާނީ ދީފަ އެވެ. އެ ޖަވާބާ މެދު އަމަލުކުރާނެ ގޮތެއް އެނގޭނީ ރަޝިޔާއަށް ކަމަށާއި، ކޮންމެ ގޮތަކަށް ވެސް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުން ބުނެ އެވެ.
ރަޝިޔާގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ނޭޓޯ އިން ވެސް ވަނީ ވަކި ލިޔުމަކުން ރަޝިޔާ އަށް ޖަވާބު ދީފަ އެވެ. ނަމަވެސް ނޭޓޯ އިން ދިން ޖަވާބަކީ ކޮބައިކަމެއް އެ ޖަމާއަތުން ނުބުނެ އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހެންސް ސްޓޮލްޓެންބާގް ވިދާޅުވި ގޮތުގައި، ޔޫކްރޭންގެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަން ވީއެންމެ އަވަހަކަށް ފިލުވައިލުމަށް އެ ޖަމާއަތުން ރަޝިޔާ އަށް ގޮވައިލަ އެވެ. އަދި ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ ދެބަސްވުންތައް ހަތިޔާރާއި ބާރުގެ ބޭނުންކޮށްގެން ހައްލުކުރަން އުޅުމުގެ ބަދަލުގައި، އެފަދަ މައްސަލަތައް ހައްލުކުރަންޖެހޭނީ ވާހަކަ ދައްކައިގެން ސުލްހަވެރިކަމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ރަޝިޔާ އާއި ނޭޓޯއާ ދެމެދު އުފެދޭ ދެބަސްވުންތައް ހައްލުކުރުމަށް، ދެ ފަރާތުގެ މެދުގައި ރަސްމީ ގުޅުމެއް އަލުން ގާއިމުކޮށް ދެފަރާތުގެ މެދުގައި މަޝްވަރާތައް ފެށުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ. ޔޫކްރޭންގެ މައްސަލައާ ގުޅިގެން، އެމެރިކާ އާއި ނޭޓޯގެ ފަރާތުން ރަޝިޔާއާ އެކުގައި ވާހަކަ ދައްކަމުން އަންނަތާ މިހާރު ހަފުތާތަކެއް ވެއްޖެ އެވެ. ނަމަވެސް މައްސަލަ ހައްލުކުރެވޭ ވަރުގެ އެއްބަސްވުމަކާ ހަމައަށް ނުދެވެ އެވެ.