މިއަދު ކޮވިޑް ޖެހުނު މީހުންގެ އަދަދު 3،000 އާ ގާތަށް
މިއަދު ކޮވިޑް ޖެހުނު މީހުންގެ އަދަދު 3،000 އާ ގާތަށް

ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު 2،813 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އިން އާ ވޭރިއަންޓް، އޮމިކްރޯން ފެނުނު ފަނުން މި ބައްޔަށް އެއް ދުވަހެއްގައި މިހާ ގިނަ ބަޔަކު ޕޮޒިޓިވްވި ދުވަހެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެގެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް 2،813 މީހަކު ކޮވިޑަށް ޕޮޒިޓިވްވީ ފާއިތުވި ޓެސްޓްކުރި 7،343 ސާމްޕަލުންނެވެ. އޭގެ ތެރެއިން 3،467 ސާމްޕަލް ޓެސްޓްކުރީ މާލެއިންނެވެ.

މިދިޔަ 24 ގަޑިއިރު ކޮވިޑަށް އަލަށް ޕޮޒިޓިވްވި ޖުމުލައިގެ ތެރެއިން 1،273 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވްވިއިރު ރަށްރަށުން ޕޮޒިޓިވްވީ 974 މީހެކެވެ. އަދި ރިސޯޓުތަކުން 114 މީހެކެވެ.

މިއާ އެކު ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 125،590 އަށް އެރީ އެވެ. އޭގެ ތެރެއިން 108،632 މީހުން ބަލިން ރަނގަޅުވެފައި ވާތީ މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 16،673 އެވެ.

އިއްޔެ ރެއެކޭ އެއްގޮތަށް މިއަދު ވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދަކަށް ބަދަލެއް ނާދެ އެވެ. އެ އަދަދު ހުރީ 57 ގަ އެވެ. ކޮވިޑް ބަލީގައި ރާއްޖެއިން މަރުވީ 272 މީހެކެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާ ބޮޑަށް ގޯސްވީ އާވޭރިއަންޓު ފެނުނު ފަހުންނެވެ. މާލޭގެ އިތުރުން ވެސް އެކި ރަށްރަށުގައި އެ ވޭރިއަންޓު ފެތުރެމުން އެބަދެ އެވެ. ހާލަތު ގޯސްވެގެން މިވަގުތު މޮނިޓަރިންގެ ލިސްޓަށް ލާފައި އޮތީ 30 ރަށެކެވެ.