16 ޑިސެމްބަރ 2016 - 18:21

މުޅިން އަލަށް ދޭން ފަށާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ފުޓްބޯޅަ ކޯޗުގެ އެވޯޑަށް ވާދަކުރާ ގަދަ ފަަހެއް އިއުލާންކޮށްފި އެވެ.

އެފްއޭއެމް އާއި ފުޓްބޯޅަ ހަބަރު ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސްފުޓްބޯލް ގުޅިގެންދޭ އެވޯޑްސްގައި ހިމެނޭ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން ކްލަބް އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި ޓީސީ ސްޕޯޓްސް ކްލަބުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.
އެންމެ މޮޅު ފުޓްބޯޅަ ކޯޗުގެ އެވޯޑަށް ވާދަކުރަނީ މާޒިޔާގެ އަލީ ސުޒޭނާއި އީގަލްސްގެ އިހުސާން އަބްދުލްގަނީ (ސާންތީ) އާއި ޓީސީގެ މުހައްމަދު ނިޒާމާއި ކްލަބް ވެލެންސިއާގެ މުހައްމަދު އިގްބާލް އަދި ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު އާތިފެވެ.
މި މަހު 29 ވަނަ ދުވަހު ބާއްވާ އެވޯޑް ހަފްލާގައި މި އަހަރު ދިނުމަށް ހަމަޖެހިފައިވަނީ މި ދެ އެވޯޑުގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔަކަށްދޭ ރަން ބޫޓެވެ.
ކުޅިވަރު ނޫސްވެރިންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޕެނަލެއްގެ ތެރެއިން ޝޯޓްލިސްޓު ކުރާ ކުޅުންތެރިންގެ ނަން ވޯޓަށް ހުޅުވާލާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ވޯޓުލާނީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ ކެޕްޓަނުންނާއި ކޯޗާއި ދެ ވަނަ ޑިވިޝަންގެ ކްލަބްތަކުގެ ކޯޗުން އަދި ކުޅިވަރު ނޫސްވެރިންނެވެ.
ޕެނަލްގައި ހިމެނެނީ ކުރީގެ ކުޅުންތެރިޔާ އަބްދުﷲ އާމިރާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝާހިދު (ޝާޑު) އަދި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ)ގެ އިތުރުން ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީނާއި ޕީއެސްއެމްގެ ސްޕޯޓްސް އެޑިޓަރު ހަފްސީ އަބްދުﷲ އެވެ.
މި އަހަރު މަދު އެވޯޑެއް ދޭން ނިންމާފައިވީ ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އެވޯޑްތަކުގެ އަދަދު އިތުރުކުރާނެ ކަމަށާއި ބޭނުންވަނީ ވީހާވެސް ގިނަ ގޮތްގޮތުން ކުޅުންތެރިންގެ އަގުވަޒަންކުރުމަށް ކަމަށް މޯލްޑިވްސް ފުޓްބޯލް އިން ބުނެ އެވެ.
މި އެވޯޑްގެ ހުރިހާ ހިންގުމުގެ މަސައްކަތްތަކެއް މޯލްޑިވްސް ފުޓްބޯލް އިން ކުރާއިރު އެފްއޭއެމްގެ ފަރާތުން މިކަމަށް ފޯރުކޮށްދޭނީ ޓެކްނިކަލް އެހީ އެވެ. އެވޯޑާ އެކު ފައިސާގެ އިނާމް ދޭ ގޮތަށް ހަމަޖެހިފައިނުވެ އެވެ.