26 ޖެނުއަރީ 2022 - 15:17

ދަށު ކޯޓުތަކުން ޖިނާއީ މައްސަލަތައް ތާވަލު ކޮށްގެން ކުރިޔަށް ގެންދާ ގޮތާ މެދު ގިނަ ބަޔަކު ޝަކުވާ ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބަލަން ފަށައިފި އެވެ.
މަޖިލީހުގައި މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އޮތީ ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލު ކުރާ ގޮތާއި އެގޮތަށް ޝަރީއަތްތައް ކުރިޔަށް ނުދާ މައްސަލަ އެވެ.
އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ކްރިމިނަލް ކޯޓުގައި ޖިނާއީ މައްސަލަތައް ތާވަލު ކުރާ އުސޫލާއި، ތާވަލާ އެއްގޮތަށް ޝަރީއަތްތައް ކުރިޔަށް ނުގެންދާ ކަމުގެ ޝަކުވާ ވަރަށް ގިނައިން އެ ކޮމިޓީގެ މެންބަރުންނަށް ލިބެމުންދާ ކަމަށެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު އަހުމަދު ސިރާޖު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޝަރީއަތް ކުރިޔަށް ގެންދަން ޖެހޭ މުއްދަތުތަކެއް ލިޔެފައިވީ ނަމަވެސް އެ މުއްދަތަކަށް އަމަލު ނުކުރާ ކަމަށެވެ. ދަށުން މައްސަލައެއް ނިމެން އަދިވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށާއި ބައެއް ފަހަރު ހަތަރު އަހަރަށް ވުރެ ވެސް ގިނަ ދުވަސްވެފައި އެބަހުރި ކަމަށް ސިރާޖު ވިދާޅުވި އެވެ.
އެ މައްސަލަތައް ދިމާވަނީ ކޯޓުތަކުގައި މައްސަލައެއް ހުރެގެންތޯ ނޫނީ އިދާރީ މައްސަލައެއް ދިމާވެގެންތޯ ސާފު ކުރަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ ގިނަ ފަރާތްތަކާ ބައްދަލުކޮށް މި މައްސަލަތައް ހައްލު ކުރަން މަސައްކަތް ކޮށްފައި،" ސިރާޖު ވިދާޅުވި އެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވީ މިހާތަނަށް ހިނގާފައިވާ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް ނިމިގެން ދިޔަ ގޮތާމެދު ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލާގައި ތުހުމަތު ކުރެވުނު މީހުން ސަލާމަތް ވުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ދައުލަތުގެ ފަރާތުން ހަދާފައިވާ ބޮޑެތި ގޯސްތަކަކީ ދިމާވެގެންވާނެ ކަންކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެއް ބާވަތެއްގެ މައްސަލަތަކުގައި ތަކުރާރުކޮށް އެއް ގޯސްތަކެއް ދައުލަތުގެ ފަރާތުން ހަދައި، އޭގެ ސަބަބުން ކުށްވެރިން ދޫވާ މައްސަަލަތަކަކީ އޮޅިގެން ދިމާވެދާނެ ކަމެއް ނޫން ކަމަށާއި އެކަންކަން ހައްލު ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ޒަރީރު ވެސް ވިދާޅުވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވީ އެ މައްސަލަތައް ބެލުމަށް ފުލުހުންނާއި ޕޮލިސް ބޯޑާއި ޕްރޮސެކިއުޓާ ޖެނަރަލް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ބޭފުޅުން ހާޒިރު ކުރުމަށެވެ.
ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްކޮށް، މުއައްސަސާތައް ކޮމިޓީ އަށް ހާޒިރު ކުރަން ނިންމި އެވެ.