26 ޖެނުއަރީ 2022 - 10:28

ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާއެއް ދީފި ނަމަ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއަށް ޒާތީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުއްވުމަށް ވިސްނަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ބައިޑެން މި މޭރުމުން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް އިންޒާރު ކުރެއްވި އިރު، ނޭޓޯ ގައުމުތަކުގެ ވެރިން ވެސް ވަނީ، ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާއެއް ދީފި ނަމަ، ރަޝިޔާ އެކަމުގެ އަގު އަދާކުރަންޖެހޭނެ ކަމަށް އިންޒާރު ކުރައްވައިފަ އެވެ. ބައިޑެން ވިދާޅުވި ގޮތުގައި ރަޝިޔާ އިން ޔޫކްރޭނަށް އުދުވާނީ ހަމަލާއެއް ދީފި ނަމަ، މުޅި ދުނިޔެއަށް ވެސް އެކަމުގެ ނުބައި ނަތީޖާތައް ކުރިމަތިވާނެ އެވެ.
ރަޝިޔާ އިން ބުނި ގޮތުގައި ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރީގައި ރަޝިޔާ ސިފައިން ތިބި ނަމަވެސް، ޔޫކްރޭނަށް ހަމަލާއެއް ދިނުމުގެ ވިސްނުމެއް ރަޝިޔާގައި ނެތެވެ. އަދި މަސްރަހު ހޫނުކުރަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިޔާގެ 100000 އަށް ވުރެ ގިނަ ސިފައިން، ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރީގައި މިހާރު އެބަތިއްބެވެ. ބަރު ހަތިޔާރާއެކު އެހާ ގިނަ އަދަދެއްގެ ސިފައިން ތިބީ، ރައީސް ޕުޓިންގެ އަމުރަކާ އެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޔޫކްރޭނަށް އަރައިގަންނަން ކަމަށް، ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަންނާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ، ނޭޓޯގެ ސިފައިން ޔޫކްރޭނާ ކައިރިއަށް ފޮނުވުމަށް ނޭޓޯ އިން މިހާރު ވަނީ ނިންމައިފަ އެވެ. ނޭޓޯގެ ސިފައިންނާއި ބަރު ހަތިޔާރުތައް ފޮނުވާ ގައުމުތަކުގެ ތެރޭގައި އެސްޓޯނިއާ ލިތުއޭނިއާ ލެތުވިއާ އަދި ޕޮލޭންޑް ހިމެނެ އެވެ. އެ ގައުމުތަކަށް މިހާރު ގޮސް ތިބި ނޭޓޯ ސިފައިންގެ އަދަދު 4000 އަށް އަރާނެ ކަމަށާއި އޭގެ އިތުރުން، ވައިގެ ދިފާއީ ނިޒާމުތަކާއި ޓޭންކުތަކާއި ފާރަލުމަށް ބޭނުންކުރާ އާލާތްތައް ވެސް ހިމެނޭ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަންނަން ތައްޔާރުވަމުންދާ ކަމުގެ އަޑު ގަދަވެފައިވާ މިދަނޑިވަޅުގައި، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ 8500 ސިފައިން ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. ފުރިހަމަ ހަތިޔާރާއެކު އެ ސިފައިން ތައްޔާރުގައި ތިބީ، ރައީސް ޖޯ ބައިޑެންގެ އަމުރަކާ އެކު، އިރުމަތީ ޔޫރަޕްގެ ކޮންމެވެސް ގައުމަކަށް ދިއުމަށެވެ.