26 ޖެނުއަރީ 2022 - 06:06

ތަލުގޫ ފިލްމު "ޕުޝްޕާ" އަކީ ހިޓެކެވެ. އެ ފިލްމާއި އޭގެ ލަވަތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ވައިގައި ހިފީ އެވެ.
ތެލުގޫ ތަރި، އައްލޫ އަރްޖުން އާއި ރަޝްމިކާ މަންޑަންނާ ލީޑު ރޯލުން ފެންނަ މި ތަރިންގެ އެކްޓިން ރީތިކަމާއި އެ ފިލްމުގެ މޮޅުކަމުގެ ތައުރީފު ނުކުރާ މީހަކު ނެތެވެ. އެ ފިލްމަކީ އިންޑިއާގެ ވަކި ހިސާބަކުން ނޫނީ ނުލިބޭ ލަކުޑިއެއް ވަގަށް ވިއްކުމުގެ ވިޔަފާރިކުރާ ބަޔަކު އުޅޭ ގޮތް ދައްކާ ފިލްމެކެވެ.
އެ ފިލްމުގައި އައްލޫ "ޕުޝްޕަރާޖް" ގެ ރޯލު ކުޅޭއިރު ރަޝްމިކާ ފެންނަނީ ސްރިވައްލީގެ ރޯލުންނެވެ. އަދި އެ ވަގު ވިޔަފާރީގައި އުޅެނިކޮށް ޕުޝްޕަރާޖަށް ސްރިވައްލީ ފެނި، އޭނާއާ ހިތާވެގެން ލޯބި ހޯދަން ކުރާ މަސައްކަތްތައް ވެސް މި ފިލްމުން ފެނެ އެވެ.
މި ފިލްމުގެ އިތުރުން އޭގެ ލަވަތައް ހިޓްވެ، "ޓިކްޓޮކް" ގައި ލަވައަށް ނުނަށާ މީހަކު ނެތެވެ. އެ ފިލްމުގައި ހަ ލަވައެއް ހިމެނެ އެވެ. އެއީ "ސާމީ ސާމީ" އާއި "ސްރިވައްލީ" އަދި "އޯ ބޯލޭގާ ޔާ އޯ" އާއި "އޭ ބިއްދާ ޔޭ މޭރާ" ގެ އިތުރުން "ޖާގޯ ޖާގޯ ބަކްރޭ" އާއި "އޯ އަންތަވާ" އެވެ.
އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ވައިގައި ހިފީ "ސްރިވައްލީ އާއި "އޯ އަންތަވާ" އެވެ. އެ ދެ ލަވައިގެ އެކި ކަޑިތަކަށް ޓިކްޓޮކުގައި ގިނަ އަދަދެއްގެ ދިވެހިން ވެސް އަންނަނީ ނަށަމުންނެވެ. އަދި ބޮލީވުޑުގެ ބައެއް ތަރިން ވެސް، މަޝްހޫރުވި ކަޑިތަކަށް ނަށައި މި ޓްރެންޑުގައި ބައިވެރިވެފައިވެ އެވެ.
މި ފިލްމުގައި އުޅޭ އައްލޫއަށް ވަނީ ބޮލީވުޑުގެ ބައެއް ފިލްމުތަކުން ވެސް ފުރުސަތު ލިބިފަ އެވެ. އެކަަމަކު ބޮލީވުޑަށް ނުކުތުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ރަޝްމީކާއަށް ވެސް ކަރަން ޖޯހަރު މި ފަހުން ފިލްމެއް ހުށަހެޅި ކަމުގެ އަޑު އެރި އެވެ، އެކަމަކު އޭނާ ވެސް ބޮލީވުޑަށް ދިއުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
ސުކުމާރު، ލިޔެ، ޑައިރެކްޓްކޮށް ނެރުނު ޕުޝްޕާއަކީ މީތްރީ މޫވީ މޭކާސް އިން ޕްރޮޑިއުސްކޮށް މިދިޔަ ޑިސެމްބަރު 17 ގައި ނެރުނު ފިލްމެކެވެ. ސިނަމާތަކުގައި ވެސް އެޅުވި އެ ފިލްމު، އެމެޒޮނުން ހިންދީ ބަހުންނާއި ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް އާއި ކަންނަޑާ ބަހުން ވެސް މިހާރު ބެލޭނެ އެވެ.