25 ޖެނުއަރީ 2022 - 13:51

ކޮވިޑް-19 ގެ ކޭސްތައް މާލޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ސްކޫލުތަކަށްދާ ޓީޗަރުންނާއި ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށުނުއިރު ވެސް ކޮވިޑް ފެތުރޭތީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސްތަކާއި ވަގުތު ވެސް ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. މިނިސްޓްރީން ސްކޫލުތަކަށް އެންގީ ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި ގްރޭޑު 1-8 (ކީސްޓޭޖް 1،2،3) ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ކިޔަވައިދޭށެވެ.
ދަންފަޅި ކުރުކޮށް މަދު ދުވަސްތަކެއް ކިޔަވައިދެމުން އައި ނަމަވެސް ސްކޫލުތަކަށް ދަރިވަރުން ފޮނުވާ އަދަދު ވަރަށް ބޮޑަށް މަދެވެ.
މާލޭގެ ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ، އިއްޔެ އެކަނި ވެސް އެ ސްކޫލުގެ ޓީޗަރުންގެ ތެރެއިން ދެބައިކުޅައެއްބައި ހާޒިރު ނުވާ ކަމަށެވެ. އެހެންވެ ބައެއް ކުލާސްތަކުގައި އެންމެ ގަޑިއެއް ކިޔަވައިދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވެ ދަރިވަރުން ވެސް ނާދޭ. މި ޓާމް ފެށުނީއްސުރެ މި ދަނީ މިކަހަލަ ގޮތަކަށް،" ނަން ހާމަނުކޮށް، އޭނާ ވިދާޅުވި އެވެ.
"ޓީޗަރުން ވެސް ހަމަ އެހެން. އަޅުގަނޑުމެން ހަމަ ސްޓްރަގްލް މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު (ނާޒް)، ވިދާޅުވީ ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ނާންނަ ސަބަބުތައް އެބަހުއްޓެވެ. އޭނާ ވިދާޅުވި ގޮތުގައި މައިގަނޑު އެއް ސަބަބަކީ ޓީޗަރުންނާއި ކުދިން ކޮންޓެކްޓްވާ މިންވަރު އިތުރުވުމެވެ.
"ޕޮޒިޓިވްވާ މީހުން ފެނިގެން ގެތައް ކަރަންޓީނުކުރާތީ ވެސް ކުދިންނަށް ސްކޫލަށް ނާދެވޭ. ވެކްސިން ނުޖަހާ ދަރިވަރުން ތިބީމަ ވެސް ވެދާނެ މަދުވަނީ ކަމަށް،" އޭނާ ވިދާޅުވި އެވެ.
"ކޮމިއުނިޓީ ސްޕްރެޑެއް އޮވެފައި ގެތައް ވެސް ކަރަންޓީނުކުރަންޖެހޭ މިންވަރު އިތުރުވާތީ ކަމަށް ބެލެވެނީ ކުދިންނަށް ވެސް ނާދެވެނީ. ބައެއް ދުވަސްތަކުގައި ކުދިން އާދޭ. އަނެއް ބައި ދުވަސް ދުވަހު ކުދިން އަންނަ މިންވަރު މަދުވޭ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މުވައްޒަފުން ސްކޫލަށް ނުދާ ވަރު ފާހަގަކުރެވޭ ވަރަށް އިތުރުވެ މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.
"އަސްލު ބެލެނިވެރިން ވެސް ވަރަށް ސަޕޯޓިވްކަން ފާހަގަކުރެވެނީ މި ހާލަތުގައި،" އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު، ވިދާޅުވީ މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން ވަރަށް ރަނގަޅަށް ކްލާސްތަކަށް ހާޒިރުވާ ކަމަށެވެ. އެކަމަކު ދަށް ގްރޭޑްތަކުގެ ކްލާސްތަކަށް ހާޒިރުވާ ކުދިންގެ އަދަދު މަދު ކަމަށާއި އެގޮތަށް ފާހަގަކުރެވޭ ވަކި ގްރޭޑެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓީޗަރުން ވެސް ޕޮޒިޓިވްވެ، ކިޔަވައިދިނުމަށް ބުރޫއަރާފާނެތީ އިތުރު ޕްލޭންތަކާ އެކު މެދުނުކެނޑި ކިޔަވައިދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ދުވަހެއްގައި މަދެއް ނޫން ކުދިން އަންނަ ވަރު. ބައެއް ދުވަސްތަކުގައި ދަށް ގްރޭޑްތަކުގައި ހާޒިރުވާ މިންވަރު މަދީ. މިގޮތަށް ފާހަގައެއް ނުވޭ ވަކި ގްރޭޑެއްގެ ކުދިންނޭ ނާންނަނީ. އެކި ދުވަސްތަކުގައި ހަމަ އެކި ކްލާސްތަކުގައި މަދުވަނީ ކުދިން،" އޭނާ ވިދާޅުވި އެވެ.
ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު ދަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލުކުރުމުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، އަހުމަދު އަލީ، "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީން ސްކޫލުތަކުގެ ހާލަތު ބަލާ މެދުނުކެނޑި ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތެއްގެ އިރުޝާދު ސްކޫލުތަކަށް ދެމުން އަންނަ ކަމަށެވެ.
މިވަގުތު އޮންލައިންކޮށް ކިޔެމުން ކުރިއަށް ގެންދިއުމުގެ ވިސްނުން މިނިސްޓްރީގައި ނެތްއިރު އަހުމަދު ވިދާޅުވީ މިނިސްޓްރީން ބަލާނީ ސްކޫލަށް ހާޒިރުކޮށްގެން ކުދިންނަށް ކިޔަވައިދެވޭނެ މަގެއް އޮތްތޯ ކަމަށެވެ.
"ސްކޫލަށް ކުދިން ހާޒިރުކޮށްގެން އެންމެ ފުރިހަމަކޮށް ކިޔެވުން ކުރިއަށް ގެންދިއުމުގެ ވިސްނުން އަޅުގަނޑުމެންގެ ހުރީ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ސްކޫލުތަކަށް ހާޒިރުކޮށްގެން ކިޔަވައިދެމުން ދަނީ،" އަހުމަދު ވިދާޅުވި އެވެ.