ޕޮގްބާ ނެތަސް ޔުވެންޓަސް އަށް ގެއްލުމެއް ނެތް: ޑީބަލާ
ޕޮގްބާ ނެތަސް ޔުވެންޓަސް އަށް ގެއްލުމެއް ނެތް: ޑީބަލާ

ޓިއުރިން (ޑިސެމްބަރު 16) - މި ސީޒަން ފެށުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕައުލް ޕޮގްބާ ނެތަސް ޔުވެންޓަސް އަށް ގެއްލުމެއް ނެތް ކަމަށް އެ ޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑީބަލާ ބުނެފި އެވެ.

ޔުވެންޓަސް ދޫކޮށް ޕޮގްބާ ޔުނައިޓެޑަށް ބަދަލުވީ 89 މިލިއަން ޕައުންޑަށެވެ. މިއީ ދުނިޔޭގެ ރެކޯޑް އަގެކެވެ. ޑީބަލާ ބުނީ ޕޮގްބާއާ އަބަދުވެސް ގާތްގުޅުމެއް އޮންނަ ކަމަށެވެ.

"ޕޮގްބާ ޔުނައިޓެޑަށް ބަދަލުވިޔަސް އަބަދުވެސް އޭނާއާ ވާހަކަ ދައްކަން. އަހަރެމެން އޭނަ މަތިން ހަނދާންވޭ. އޭނާ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިޔަކު ކަން އެންމެނަށް ވެސް އެނގޭ. އެކަމަކު ހަގީގަތަކީ ޕޮގްބާ ނެތްތަން ޔުވެންޓަސް އަކުން ނުދައްކާ. އޭނާ ނެތަސް އަދި ގެއްލުމެއް ނެތް،" ޑީބަލާ ބުންޏެވެ.

ޕޮގްބާ އާއި ޑީބަލާ އަކީ މިދިޔަ ސީޒަނުގައި ޔުވެންޓަސްގެ އެޓޭކުގައި އެންމެ ޕާޓްނާޝިޕް ރަނގަޅު ދެ ކުޅުންތެރިންނެވެ. ޑީބަލާ ކާމިޔާބުކުރި ގިނަ ލަނޑުތައް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޕޮގްބާ އެވެ.

މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 22 މެޗުން ޕޮގްބާ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ.

"ޕޮގްބާ ޔުވެންޓަސް އަށް އެނބުރި އަންނަ ހިތްވޭ. އެއީ މެންޗެސްޓާ ޔުނައިޓެޑް ލީގުގައި އޮތީ ހަ ވަނައިގައި ޔުވެންޓަސް މިއޮތީ ލީގުގެ އެއް ވަނައިގައި،" ޑީބަލާ ބުންޏެވެ.

ޕޮގްބާ ވިއްކާލައިގެން ލިބުނު ފައިސާ ޔުވެންޓަސް އިން އިންވެސްޓްކުރީ ރަނގަޅަށް ކަމަށާއި އޭގެ ފައިދާ އެ ޓީމަށް ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރު ވެސް ކުރާނެ ކަމަށް ޑީބަލާ ބުންޏެވެ.