25 ޖެނުއަރީ 2022 - 10:29

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ ޓަވަރެއްގައި، ކޮވިޑް-19 އަށް ޓެސްޓުކުރާ ސެންޓަރެއް މިއަދު ހުޅުވަން ނިންމައިފި އެވެ.
އެޗްޕީއޭ އިން ބުނީ ހިޔާ ފްލެޓްގެ "އެޗް 8" ޓަވަރުގައި މިއަދު މެންދުރު ފަހު 3:30 އިން ފެށިގެން އިރުއޮއްސި 6:30 އަށް ކޮވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި މީގެ ފަހުން ކޮންމެ ދުވަހަކު ވެސް އެތަނުން ހިދުމަތް ދޭނެ އެވެ.
ހިޔާ ފްލެޓްތަކުގައި މިހާރު ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާއިރު، މި ސެންޓަރު މިއަދު މި ހުޅުވަނީ ދެ ވަނަ ފިޔަވަހީގައި ކޮވިޑަށް ޓެސްޓުކުރާނެ ތަނެއް ނެތިގެން އާންމުންގެ ޝަކުވާ ވެސް ގިނަވެފައި ވަނިކޮށެވެ. ހުޅުމާލޭގައި މިހާރު ކޮވިޑަށް ޓެސްޓުކުރެވެނީ ފުރަތަމަ ފިޔަވަހީގައި ރުއްގަނޑު 1 ގައި ހަދާފައިވާ ސެންޓަރަކުން އެކަންޏެވެ.
"އެން 8" ޓަވަރުގައި ހުޅުވާ މި ސެންޓަރާ އެކު، މާލެ ސަރަހައްދުގައި އެޗްޕީއޭއިން ކޮވިޑް ޓެސްޓު ހަދައިދޭ ހަ ސެންޓަރެއް ހުންނާނެ އެވެ. އެއީ ސޯޝަލް ސެންޓަރާއި ހެންވޭރު ފުޓުބޯޅަ ދަނޑާއި އެފްއޭއެމް އިމާރާތާއި ވިލިމާލެ ފްލޫ ކްލިނިކާއި ހުޅުމާލެ އަދި ރުއްގަނޑު 1 އިންނެވެ.
ކޮވިޑަށް ޓެސްޓުކުރަން މާލޭގައި އަދި އިތުރު ދެ ސެންޓަރު ހަދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެއީ ކޮން ތަންތަނެއް ކަމެއް އަދި ނޭނގެ އެވެ.
ކޮވިޑް ޖެހިފައިވޭތޯ ބެލުމަށް ހަދާ، އެންމެ އަވަހަށް ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް ވެސް އެޗްޕީއޭގެ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ ހަދައިދޭން ފަށައިފަ އެވެ. އެކަމަކު އެ ޓެސްޓް ހަދާނީ ބަލީގެ އަލާމާތް ހުންނަ މީހުންގެ އެވެ.
މި ބައްޔަށް ޓެސްޓުކުރާ ސެންޓަރުތައް އިތުރުކުރަމުން އަންނަނީ، ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެ، އެތަންތަނަށް ބާރުބޮޑުވަމުން ދާތީ އެވެ. އިއްޔެ ވެސް ވަނީ ރިކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފަ އެވެ.