25 ޖެނުއަރީ 2022 - 06:35

ކޮވިޑް-19 އިން ދިފާއުވާން ދޭ ވެކްސިންތަކުގެ ތެރެއިން މޮޑާނާ އާއި ފައިޒާ ފަދަ، އެމްއާރްއެންއޭ ވެކްސިންތަކުން މައިކާޑައިޓިސް އާއި ޕެރިކާޑައިޓިސްއާ ކުރިމަތިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
މައިކާޑައިޓިސް އަކީ ހިތުގެ މަސްތައް ދުޅަވުމެވެ. ޕެރިކާޑައިޓިސް އަކީ ހިތުގެ ބޭރު ފަށަލަ ދުޅަވުމެވެ.
މި ދެ ހާލަތް ވެސް މެދުވެރިވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމުން އިންފެކްޝަންތަކަށް އަދި އެހެން ޓްރިގާތަކަށް ދޭ އިޖާބައިގެ ސަބަބުންނެވެ.
(ރާއްޖޭގައި އާންމުކޮށް ދިން ކޮވިޑް ވެކްސިންތައް ކަމަށްވާ ކޮވިޝީލްޑް އަދި ސިނޮފާމް ވެކްސިނަކީ އެމްއާރްއެންއޭ ވެކްސިނެއް ނޫނެވެ. އެކަމަކު ބޫސްޑަ ޑޯޒްގެ ގޮތުގައި ޖަހަމުން އަންނަ ފައިޒާ ވެކްސިނަކީ އެމްއާރްއެންއޭ ވެކްސިނެކެވެ)
ސީޑީސީން ބުނެފައިވަނީ ވެކްސިނަށް ފަހު މައިކާޑައިޓިސްގެ މައްސަލަތައް ދިމާވި ކަމުގެ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށެވެ. އެއީ؛
- އެމްއާރްއެންއޭ ކޮވިޑް-19 ވެކްސިން (ފައިޒާ-ބައޮންޓެކް އަދި މޮޑާނާ) ދިން ފަހުން، ހާއްސަކޮށް، ފުރާވަރުގެ ޒުވާން ފިރިހެން ކުދިންނަށް އަދި ބޮޑެތި މީހުންނަށް
- އާންމު ގޮތެއްގައި، ދެ ވަނަ ޑޯޒަށް ފަހު
- އާންމު ގޮތެއްގައި، ވެކްސިން ޖަހާތާ ހަފްތާއެއްގެ ތެރޭގައި
• މައިކާޑައިޓިސް ނުވަތަ ޕެރިކާޑައިޓިސް އާ ކުރިމަތިވާ ގިނަ މީހުންނަށް ފަރުވާ ދިނުމުން އަދި އަރާމު ކުރުމުން ވަރަށް އަވަހަށް ރަނގަޅުވެފައިވޭ
• އަލާމާތްތައް ކުޑަވުމުން އާންމު ގޮތެއްގައި މަސައްކަތްކޮށް އުޅެވޭނެ.
• މައިކާޑައިޓިސްގެ މައްސަލަ ދިމާވެއްޖެ މީހެއް ނަމަ، ކަސްރަތާއި ކުޅިވަރުގައި އުޅެން ފަށަންވާނީ ހިތުގެ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްފަހު.
• މޭގައި ރިއްސުން
• ނޭވާ ކުރުވުން
• ހިތް އަވަހަށް ތެޅުން، ބާރަށް ތެޅުން
ވެކްސިން ދީފައިވާ ކުއްޖެއްގެ ކިބައިން ނުވަތަ މީހެއްގެ ކިބައިން މިއިން އެއްވެސް އަލާމާތެއް ނުވަތަ އާންުމު އަލާމާތެއް [ހާއްސަކޮށް، ވެކްސިން ދޭތާ ހަފްތާއެއްގެ ތެރޭ] ފެނިއްޖެ ނަމަ ސިއްހީ އެހީތެރިކަން ހޯދަންވާނެ އެވެ.
ސީޑީސީން ބުނަނީ އެ އިދާރާގެ ލަފަޔަކީ ކޮވިޑްގެ އެމްއާރްއެންއޭ ވެކްސިން، އުމުރުން ފަސް އަހަރުން މަތީގެ ކޮންމެ ކުއްޖަކަށް ވެސް ޖެހުން ކަމަށެވެ. ސަބަބަކީ މައިކާޑައިޓިސް އާއި ޕެރިކާޑައިޓިސްގެ މައްސަލަ ކުރިމަތިވެދާނެ ކަމަށް އޮންނަ ފުރުސަތަށް ވުރެ ކޮވިޑް ޖެހިގެން ކުރިމަތިވާ ސިއްހީ މައްސަލަތަކާއި ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުމާއި އެ ބަލީގައި މަރުވުމަށް އޮންނަ ފުރުސަތު ބޮޑުވުމެވެ.
އެހެންވެ ސީޑީސީގެ ވެބްސައިޓްގައި ބުނެފައި ވަނީ އެމްއާރްއެންއޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ނަމަ، ޑޮކްޓަރު އެހެން ގޮތަކަށް ލަފައެއް ނުދެއްވާހާ ހިނދަކު ވެކްސިން ފުރިހަމަކުރުމަށެވެ.
މަތީގައިވާ މައުލޫމާތަކީ ސީޑީސީގެ ވެބްސައިޓްގައި މިކަމާ ބެހޭ ގޮތުން ހުރި މައުލޫމާތުގެ ތަރުޖަމާއެކެވެ. މި މައުލޫމާތު އެންމެ ފަހުން އަޕްޑޭޓްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. މިއީ އަލަށް އެނގޭ ކަންކަމާ އެކު އަޕްޑޭޓްކުރަމުން އަންނަ މައުލޫމާތެވެ.
މިދިޔަ ޑިސެމްބަރު މަހު އާންމުކުރި، ޑެންމާކްގައި ކޮށްފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި ހިތުގެ މަސްތައް ދުޅަވުމުގެ ފުރުސަތު ފައިޒާ ވެކްސިން ޖެހުމަށް ވުރެ ބޮޑަށް އޮންނަނީ މޮޑާނާ ވެކްސިން ޖެހުމުންނެވެ.
މައިކާޑައިޓިސްއާ އެމްއާރްއެންއޭ ވެކްސިނާ ހުރި ގުޅުމެއް ބަލަން ކުރި މި ދިރާސާގައި ޑެންމާކުގެ 85 ޕަސެންޓް ނުވަތަ އުމުރުން 12 އަހަރުން މަތީގެ 4.9 މިލިއަން މީހުން ބައިވެރިކޮށްފައިވެ އެވެ.
ދިރާސާގެ ނަތީޖާއިން ދެއްކީ ފައިޒާ އަށް ވުރެ މޮޑާނާ ވެކްސިނުން ހިތުގެ މަސްތަކުގެ އިންފްލެމޭޝަނަށް ފުރުސަތު ތިނެއް ނުވަތަ ހަތަރު ގުނަ ބޮޑު ކަމަށާއި އެކަމަކު މި މައްސަލަ ދިމާވުމުގެ ފުރުސަތު ދެ ވެކްސިނުގައި ވެސް އޮތީ އާންމު ގޮތެއްގައި ވަރަށް ކުޑަކޮށް ކަމަށެވެ. އަދި މައްސަލަ ދިމާވިޔަސް އެއީ ވަރަށް ކުޑަކޮށް ކަމަށް ވެސް ޑެންމާކްގެ ސްޓަޓެންސް ސީރަމް އިންސްޓިޓިއުޓްގެ ދިރާސާގައި ބުނެފައިވެ އެވެ.
ދިރާސާގައި ފެނުނީ ފައިޒާ ވެކްސިން ދިން ކޮންމެ 71،400 މީހަކަށް އެންމެ ކޭސްއެކެވެ. އަދި މޮޑާނާ ވެކްސިން ދިން ކޮންމެ 23،800 މީހަކަށް އެއް ކޭސް ފެނުނެވެ.
ފައިޒާ ވެކްސިނުން މި ފުރުސަތު، ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް އޮންނަ ކަމަށް ބުނެފައި ވާއިރު މިއީ އެމެރިކާ އާއި އިޒްރޭލުގައި ކުރި ދިރާސާއަކުން ވެސް ދެއްކި ގޮތެވެ.
މި ދިރާސާގެ ރިޕޯޓްގައި ވެސް ބުނެފައި ވަނީ އެމްއާރްއެންއޭ ވެކްސިނުން ހިތަށް މި ނުރައްކާ ކުރިމަތިވާން އޮންނަ ފުރުސަތަށް ވުރެ ވެކްސިނުން ލިބޭ ރައްކާތެރިކަން މާ ބޮޑުކަމަށާއި ވެކްސިން ޖެހުމުގެ ބަދަލުގައި ކޮވިޑް ބައްޔަށް ހުށަހެޅުމަކީ ރައްކާތެރިގޮތެއް ނޫން ކަމަށެވެ.
"ކޮންމެ މީހަކު ވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ [ވެކްސިންގެ ބަދަލުގައި] ކޮވިޑް ޖެހުމަކީ ވެސް ހިތުގެ މަސްތައް ދުޅަވެދާނެ ކަމެއްކަން،" ދިރާސާގައި އިސްކޮށް ހުންނެވި އެންޑާސް ވީޑް، ދިރާސާއާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެ އެވެ.