25 ޖެނުއަރީ 2022 - 01:08

މަހިބަދޫ ސްޕޯޓްސް ކުލަބުން މިއަހަރުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ 1-1 އިން އެއްވަރު ކޮށްފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޔޫވީން ވަނީ މެޗް ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ވެސް ޔޫވީ އެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ހުސްކޮށްލާފައި ލަންމާން ޒުހެއިރު ދިން ބޯޅައަކުން ޔޫވީއަށް ލަނޑު ޖަހައިދިނީ އަލީ މީސާގް އީސާ އެވެ.
ފުރަތަމަ ހާފުގައި ޔޫވީ އަށް ވަނީ ލަނޑުޖަހަން ހުސް ދެ ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ. ލަންމާން ފޮނުވާލި ހަމަލާއެއް މަހިބަދޫގެ ގޯލްކީޕަރު މުހައްމަދު އިގްޔާން އިގްބާލް ދިފާއު ކުރިއިރު، މީސާގާއި އާލިމް ފަލާހު ޝަރީފް ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލާ އަމާޒުނުވެ އެވެ.
ފަހު ހާފުގައި ވެސް ޔޫވީ އަށް ވަނީ ލީޑު ފުޅާކުރަން އިތުރު ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. މީސާގް ޖެހި ބޯޅައެއް މަހިބަދޫ ކީޕަރު ގައިގައި ޖެހިފައި އައި ވަގުތު ޔޫވީގެ އަބްދުއްރަހްމާން ތިބްޔާން އަލީ ސައީދު ގޯލު ކުރިމައްޗަށް ހުރަސް ކޮށްލުމުން ލަންމާން ޖެހި އޯވާހެޑް ކިކް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މަހިބަދޫއިން އެއްވަރުކުރީ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ކެޕްޓަން އަލީ އިޝްފާގު ހަސަން މަޖީދެވެ. މެދު ރޮނގާ ހިސާބުން މުހައްމަދު ޖޫދް އިސްމާއިލް ދިން ބޯޅައެއް ހިފައިގެން އިޝްފާގު ވަނީ އެކަނި މާ އެކަނި ޔޫވީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ހާފުގެ މެދަކާ ހިސާބުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އިޝްފާގެވެ.
މީގެ ކުރިން ތިން ފަހަރު މަހިބަދޫ އިން މި މުބާރާތުގައި ވާދަ ކޮށްފައި ވާއިރު އެންމެ ފަހުން ކުޅެފައި ވަނީ 2014 ވަނަ އަހަރުގެ މުބާރާތުގަ އެވެ. މިހިބަދޫ އާއި ޔޫވީ އާއެކު ގުރޫޕް ބީ ގައި ދެން ހިމެނެނީ ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ.
މިއަދު ފެށި ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް އޭގެ އީގަލްސް ވަނީ 1-0 އިން ސުޕަ ޔުނައިތެޑް ސްޕޯޓްސް ބަލި ކޮށްފަ އެވެ.
މާދަމާ ވެސް މުބާރާތުގެ ދެ މެޗް ކުޅޭނެ އެވެ. ހަވީރު 4 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރުޕް އޭގެ މާޒިޔާ އާއި ގްރީން ސްޓްރީޓްސް އެވެ. އަދި ރޭގަނޑު 8:30 ގައި ކުޅޭނީ ގުރޫޕް ބީގެ ޓީސީ ސްޕޯޓްސް ކުލަބާއި ވެލެންސިއާ އެވެ.