ޗައިނާ ކުންފުނިން އަނެއްކާ ވެސް ލިވަޕޫލަށް ބިޑް ކުރަނީ
ޗައިނާ ކުންފުނިން އަނެއްކާ ވެސް ލިވަޕޫލަށް ބިޑް ކުރަނީ

ލިވަޕޫލް (ޑިސެމްބަރު 16) - ޗައިނާގެ ސްޓޮކް އެކްސްޗޭންޖް ކުންފުނި ޗައިނާ އެވާބްރައިޓް ލިމިޓެޑުން އިންގްލެންޑްގެ ލިވަޕޫލް ގަންނަން އަނެއްކާ ވެސް ބޮޑު ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފާއިތުވި ހަަ މަސް ދުވަހުގެ ތެރޭގައި ދެ ފަަހަރެއްގެ މަތިން އެވާބްރައިޓް ލިމިޓެޑުން ވަނީ ލިވަޕޫލް ގަންނަން ބިޑްކޮށްފަ އެވެ. ޓޯކްސްޕޯޓްސްގެ ނޫސްވެރިޔާ އަބްރަހަމް ވަނީ ލިވަޕޫލް ވިއްކާލުމަށް އެޓީމުގެ ވެރިޔާ ޖޯން ހެންރީ އެވާބްރައިޓް ކުންފުންޏާ އެކު މަޝްވަރާ ކުރަމުން ކަމަށް ބުނެފަ އެވެ. އަދި ވަރަށް އަވަހަށް 800 މިލިއަން ޕައުންޑްގެ އަގަކަށް ލިވަޕޫލް ވިއްކާލާނެ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

ލިވަޕޫލްގެ ވެރިޔާ ފެންވޭ ސްޕޯޓްސް ގްރޫޕްގެ ޗެއާމަން ހެންރީ ވަނީ ޓޯކްސްޕޯޓްސްގެ މި ރިޕޯޓަކީ ހަގީގަތާ ހިލާފު އެއްޗެއް ކަމަށް ވިދާޅުވެ ޓްވީޓްކޮށްފަ އެވެ. އަދި ފެންވޭ ސްޕޯޓްސް ގްރޫޕުން ވެސް ވަނީ ލިވަޕޫލް ވިއްކާލުމުގެ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަަމަށް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެވާބްރައިޓް ލިމިޓެޑުން ލިވަޕޫލް ގަތުމަށް 950 މިލިއަން ޕައުންޑްގެ ބިޑެއް ކުރަން އަންނަނީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް ފެންވޭ ސްޕޯޓްސް ގްރޫޕުން ލިވަޕޫލް ވިއްކާލާނެ ކަަމަށް ނުބެލެ އެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޔޫއޭއީގެ ބިލިއަނަރު ޝެއިހް ހަލީފާގެ ކުންފުންޏަކުން ވެސް ވަނީ ލިވަޕޫލް ގަތުމަށް 800 މިލިއަން ޕައުންޑްގެ ބިޑެއް ކޮށްފަ އެވެ. އެހެން ނަމަވެސް އެ ފަހަރު ވެސް ލިވަޕޫލުން އެއްބަހެއްނުވި އެވެ.