07 މެއި 2022 - 16:05

ކުވެއިތު ސިޓީ (މެއި 7) - މިއަހަރުގެ ސެޕްޓެމްބަރު މަހު 10 އިން 25 އަށް ޗައިނާގެ ހަންގްޒޫ ސިޓީގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ 19 ވަނަ އޭޝިއަން ގޭމްސް ބާއްވާ ތާރީހު ފަސްކުރަން އޭޝިއާގެ އޮލިމްޕިކް ކައުންސިލް (އޯސީއޭ) އިން ނިންމައިފި އެވެ.
ގޭމްސް ފަސްކުރަން ނިންމާފައި ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެތުލީޓުންނާއި ސަޕޯޓަރުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި ޗައިނާގެ އޮލިމްޕިކް ކޮމިޓީ އާއި އޭޝިއަން ގޭމްސް އިންތިޒާމުކުރާ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު، އަލުން ގޭމްސް ކުރިޔަށް ގެންދާނެ ތާރީހެއް ފަހުން ހާމަ ކުރާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
"ހަންގްޒޫ އޭޝިއަން ގޭމްސް އޯގަނައިޒިން ކޮމިޓީ އޮތީ ދުނިޔޭގެ ގޮންޖެހުންތަކާ އެކު ވެސް ގޭމްސް ކަނޑައެޅިފައިވާ ވަގުތުގައި ފަށަން ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ނަމަވެސް މި ނިންމުމަކީ ޕެންޑެމިކްގެ ހާލަތާއި ގޭމްސްގެ ސައިޒަށް (ގޭމްސްގައި ވާދަކުރާ އެތުލީޓުންގެ އަދަދު) ވަރަށް ފަރުވާތެރިކަމާ އެކު ބެލުމަށް ފަހު ހުރިހާ ސްޓޭކްހޯލްޑަރުން ވެސް މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެއް،" އޯސީއޭ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އޮލިމްޕިކްސް މުބާރާތަށް ވުރެ ދެން އެންމެ ގިނަ އެތުލީޓުން ވާދަކުރަނީ އޭޝިއަން ގޭމްސްގަ އެވެ. މިދިޔަ ހަފްތާއާ ހަމައަށް ވެސް، މުބާރާތް އިންތިޒާމުކުރާ ފަރާތާއި އޯސީއޭ އިން ވެސް، ތިބީ ވިންޓާ އޮލިމްޕިކްސް ކުރިޔަށް ގެންދިޔަ ހަރުކަށި އުސޫލުތަކާ އެކު ޝެޑިއުލާ އެއްގޮތަށް މުބާރާތް ކުރިޔަށް ގެންދަން ނިންމައިގެންނެވެ.
ނަމަވެސް ހާލަތަށް ބަލައި، ބަލިމަޑުކަމެއްގެ ތެރޭގައި މުބާރާތް ކުރިއަށް ގެންގޮސް ކުޅުންތެރިންނާއި ބެލުންތެރިންގެ ފުރާނަ ރިސްކު ކޮށްގެން މުބާރާތް ކުރިއަށް ނުގެންދަން ވެގެން، ފަސްކުރަން ނިންމީ އެވެ.
އޭޝިއަން ގޭމްސް ފަސްކުރި އިރު، ޑިސެމްބަރު މަހު ޗައިނާގެ ޝަންޓޫ ސިޓީގައި ބާއްވަން ނިންމި މިދިޔަ އަހަރުގެ އޭޝިއަން ޔޫތު ގޭމްސް ވަނީ ކެންސަލް ކޮށްފަ އެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު ޗައިނާގެ ވެރިތަށް ބެއިޖިން ގައި ވިންޓާ އޮލިމްޕިކް މުބާރާތް ކުރިއަށް ގެންދިޔައިރު، މާޗު މަހު ވަނީ ޕެރަލިމްޕިކްސް ވެސް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާ އެކު ބާއްވައިފަ އެވެ.
ނަމަވެސް ޗައިނާގައި މިހާރު މިވަނީ ކޮވިޑުގެ މާ ބޮޑު ރާޅެއް އުފެދި، އަލުން ލޮކްޑައުނަކަށް ދިޔުމުގެ ބިރު ހީވެފަ އެވެ. ރެކޯޑް އަދަދަކަށް ކޮވިޑުގެ ކޭސްތައް ފެނި، އެގައުމުގެ ޝަންހާއީ ސިޓީ ލޮކްޑައުން ކޮށްފައި އޮންނަތާ މަހެއްހާ ދުވަސް ވެފައި ވާއިރު، ގޭމްސް ކުރިޔަށް ގެންދަން ތައްޔާރު ވެފައިވާ ހަންގްޒޫ ސިޓީގައި ވެސް މިދިޔަ ހަފްތާ ވަނީ ހުރިހާ ރައްޔިތުން ކޮވިޑަށް ޓެސްޓު ކުރަން ފަށައިފަ އެވެ. ހަންގްޒޫ ސިޓީ އާއި ޝަންހާއީއާ ދެމެދު ހުންނާނީ ގާތްގަނޑަކަށް 175 ކިލޯމީޓާރުގެ ދުރުމިނެވެ.