24 ޖެނުއަރީ 2022 - 12:06

ވިޓޯރިއާ، ސްޕެއިން (ޖެނުއަރީ 24) - ސްޕެނިޝް ލަ ލީގާގައި އަލާވެސްއާ ދެކޮޅަށް ބާސެލޯނާ ރޭ ކުޅުނު މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ޖެހި ލަނޑުން މޮޅުވެ ތާވަލުގެ ފަސް ވަނަ އަށް އެ ޓީމު ޖެހިލައިފި އެވެ.

ލީގުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ބާސެލޯނާ ކާމިޔާބުކުރީ 1-0 އިންނެވެ. އެ މެޗުގެ ކުރިން ބާސެލޯނާ ކުޅުނު ދެ މެޗުނެ ވެސް ވަނީ ބަލިވެފަ އެވެ. ސްޕެނިޝް ސުޕަ ކަޕުގެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑު އަތުން ބަލިވެފައިވާއިރު، މިދިޔަ ހަފްތާގައި ކޮޕަ ޑެލް ރޭގައި ވެސް ބާސެލޯނާ ވަނީ އެތުލެޓިކް ބިލްބާއޯއާ ވާދަކޮށް ބަލިވެފަ އެވެ. މި ދެ މެޗުން ވެސް އެ ޓީމު ބަލިވީ ނަތީޖާ ނެރެން ކުޅުވި އިތުރު ވަގުތުގެ ދެހާފު ކުޅުމަށް ފަހު އެވެ.
ރޭގެ މެޗުގައި ބާސެލޯނާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އަލަވެސް އިން ވަނީ ބާސެލޯނާގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ހަމަލާތައް ދިފާއު ކުރުމުގައި ކީޕަރު މާކް-އަންޑްރޭ ޓާ ސްޓޭގަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގެ 87 ވަނަ މިނިޓުގައި ޖޯޑީ އަލްބާ ދިން ބޯޅައެއް ހޯދުމަށް ފަހު ފެރާން ޓޮރޭޒް، ގޯލު ކުރިމަތީ ހުސްކޮށް ހުރި ޑި ޔޮންގް އަށް ޖައްސާލުމުން އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުތެރަށް ބޯޅަ ފޮނުވާލައިގެން އެޓީމަށް މެޗުން ތިން ޕޮއިންޓް ހޯދައިދީފަ އެވެ. މިއީ އޭނާ މި ސީޒަނުގައި، ލީގުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
މެޗަށް ފަހު ޑި ޔޮންގް ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުން އެ ޓީމު ބަލިވުމުން ވެސް ބާސެލޯނާގެ ކުޅުމަށް މީހުން ތައުރީފް ކުރީތީ ހައިރާންވާ ކަމަށާއި، އެއީ އެކަން ވާން ޖެހޭގޮތް ނޫން ކަމަށެވެ. އަދި ބާސެލޯނާ މެޗަކުން ބަލިވުމަކީ އެކަމާ މެދު އަބަދުވެސް ކަންބޮޑުވާން ޖެހޭ ވަރު ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކޮށްފަ އެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ އޮތީ 21 މެޗުން 35 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ފަސްވަނައިގަ އެވެ. އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ހަތަރު ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. މިހާތަނަށް 22 މެޗު ކުޅެގެން 50 ޕޮއިންޓް ހަމަކޮށްފައިވާ ރެއާލް މެޑްރިޑް، ރޭ އެލްޗޭއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.