24 ޖެނުއަރީ 2022 - 12:19

ރާއްޖޭގައި ކޮވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯން ފެތުރި، ހާލަތު އިތުރަށް ގޯސްވާން ފެށުމާއެކު ކެފޭ/ރެސްޓޯރެންޓުތަކުގެ ވިޔަފާރި އަނެއްކާވެސް ދަށްވާން ފަށައިފި އެވެ.
"މިހާރު" އާ ވާހަކަ ދެއްކި ގިނަ ރެސްޓޯރެންޓުތަކުގެ އޮފިޝަލުން ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު، ރެސްޓޯރަންޓްތަކަށް ގޮސް ކެއުންބުއިމުގެ ހިދުމަތް ހޯދާ މީހުން މި މަހު ވަރަށް ބޮޑަށް ދަށްވާން ފަށާފައިވާ ކަމަށެވެ.
ރެސްޓޯރެންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނުޒައިރު އަލީ ވިދާޅުވީ، އާ ވޭރިއަންޓުގެ ބިރުވެރިކަން އުފެދުމާ ގުޅިގެން، މާލެ އާއި ހުޅުމާލޭގައި މީހުން ބޭރަށް ނުކުމެ އުޅުން މަދުކަން ފާހަގަ ކުރެވޭ ކަމަށެވެ. މިކަން ރެސްޓޯރެންޓްގެ އިތުރުން ވިޔަފާރިއާ ގުޅުން ހުރި ގިނަ ދާއިރާތަކުން ވެސް ފާހަގަ ކުރެވެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާއްމުކޮށް ހުރިހާ ވިޔަފާރިއަކަށް ވެސް މި ދަނީ މީގެ ސަބަބުން އަސަރު ކުރަމުން. މި ގޮތަށް ހަ ވަރަކަށް މަސް އޮންނާނެ ކަމަށް ލަފާ ކުރެވޭ. ކުރިއެކޭ އެއްގޮތަށް މި ދުވަސްވަރު ރެސްޓޯރެންޓުތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ،" ނުޒައިރު ވިދާޅުވި އެވެ.
ހުޅުމާލޭގައި ރެސްޓޯރެންޓެއް ހިންގާ މީހަކު "މިހާރު" އަށް ބުނީ އޭނާގެ ވިޔަފާރިން މީގެ ކުރިން ވަރަށް ބޮޑު ފައިދާއެއް ވިޔަސް ކޮވިޑްގެ ކޭސްތައް މިހާރު އިތުރުވާން ފެށުމާއެކު ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އޭނާ ބުނިގޮތުގައި އެ ރެސްޓޯރެންޓުގެ ވިޔަފާރި ވަނީ 50 ޕަސެންޓް ދަށްވެފަ އެވެ.
"ކުރިން ރެއަކަށް 80،000 ރުފިޔާ ލިބޭ. އެކަމަކު މި ފަހުން ވިޔަފާރި ދަށްވެގެން ދުވާލަކު ލިބެނީ 40،000ރ. ވަރު،" އޭނާ ބުންޏެވެ.
ބައެއް ރެސްޓޯރެންޓުތަކުން ބުނިގޮތުގައި، އެ ތަންތަނަށް ގޮސް ކެއުންބުއިމުގެ ހިދުމަތް ހޯދާ މީހުންގެ އަދަދު މަދުވި ނަމަވެސް ޑެލިވަރީ ކުރާ މީހުންނާއި ޓޭކްއަވޭގެ ހިދުމަތް ހޯދާ މީހުންގެ އަދަދު ވަނީ އިތުރެވެ. އެ އިން އެނގެނީ ދިވެހިންގެ ޒިންމާދާރުކަން ކަމަށް ވެސް އެ ރެސްޓޯރެންޓުތަކުން ބުންޏެވެ.
"ކަރަންޓީނުގައި ތިއްބަސް އެ ތިބެނީ އަސްލު ބޭނުން ގޮތަކަށް ދޫކޮށްފައި. އެކަމަކު ބޭރަށް ނުނިކުމެ އުޅޭތީ އެނގެނީ ދިވެހިން ޒިންމާދާރުވެފައިވާ ވަރު. މައްސަލައަކީ ކޮންމެ ފަހަރަކު ފަރުދީ ޒިންމާ އަދާނުކުރާ ކަމަށް ބުނެ ބޮޑެތި ފިޔަވަޅުތައް އަޅައި ވިޔަފާރިތައް އެއްކޮށް ހުއްޓުމަކަށް އައުން،" މިހާރުއާ ވާހަކަ ދެއްކި ރެސްޓޯރެންޓް ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.
މިދިޔަ އަހަރާއި 2020 ވަނަ އަރާއި މިދިޔަ އަހަރު ވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރެސްޓޯރެންޓުތަކަށް ވަރަށް ބޮޑަށް ގެއްލުން ވިއެވެ. ބައެއް ރެސްޓޯރެންޓުތައް މިހާރު ވަނީ ބަނގުރޫޓު ވެސް ވެފަ އެވެ.
އެޗްޕީއޭ އިން އިއްޔެ ބުނީ، ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ 74 މީހަކު އާ ވޭރިއަންޓް، އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ވެސް މިހާރު އެވްރެޖްކޮށް އުޅެނީ 2،000 އިން މަތީގަ އެވެ.