24 ޖެނުއަރީ 2022 - 11:29

ޕެރިސް (ޖެނުއަރީ 24) - ފްރާންސްގެ ޕީއެސްޖީ އަށް މި ސީޒަނުގައި ގެނައި ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑާ އެކު ފަސޭހަކަމާ އެކު ޕީއެސްޖީން ރެއިމްސް ބަލިކޮށްފި އެވެ.

ފްރާންސް ލީގުގައި ޕީއެސްޖީން އަމިއްލަ ދަނޑުގައި ރެއިމްސްއާ ދެކޮޅަށް ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމެން ދަނިކޮށް ޕީއެސްޖީއަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު މާކޯ ވެރާޓީ އެވެ. މިއީ 2017 ވަނަ އަހަރަށް ފަހު އޭނާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. އޭނާ އެންމެ ފަހުން ޕީއެސްޖީ އަށް ލަނޑެއް ޖަހައިދިނީ 2019 ވަނަ އަހަރު ފްރެންޗް ކަޕުގެ ސެމީ ފައިނަލުގަ އެވެ.

ދެވަނަ ހާފުގައި ޕީއެސްޖީގެ ދެވަނަ ލަނޑު ޖަހައިދިނީ ރާމޯސް އެވެ. އެންހެލް ޑި މާރިއާ ކޯނަރަކުން ހުރަސްކުރި ބޯޅަ ޕީއެސްޖީގެ ޑެނީލޯ ޕެރޭރާ ޖެހުމުން ރެއިމްސްގެ ޑިފެންޑަރެއް އެ ބޯޅަ ބްލޮކް ކުރުމުން ހޯދީ ރާމޯސް އެވެ. ރާމޯސް ފުރަތަމަ ފޮނުވާލި ހަމަލާ ކީޕަރު ދިފާއުކުރި ނަމަވެސް ރީބައުންސްވެގެން އައި ބޯޅަ އޭނާ ވަނީ ގޯލުތެރަށް ފޮނުވާލައިގެން ޕީއެސްޖީ އަށް ލީޑު ފުޅާކޮށްދީފަ އެވެ.
ޕީއެސްޖީގެ ތިންވަނަ ލަނޑަކީ ރެއިމްސް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ވެރާޓީ އަށް ލިއޮނެލް މެސީ ޖައްސާލި ބޯޅަ އޭނާ ފޮނުވާލުމުން ގޯލަށް ވަނީ ބޯޅަ ދިފާއު ކުރަން އުޅުނު ރެއިމްސްގެ ޑިފެންޑަރެއް ބޮލުގައި ޖެހިފަ އެވެ.
ކިލިއަން އެމްބާޕޭގެ އެހީތެރިކަމާ އެކު ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ޖެހީ ޕެރޭރާ އެވެ. އޭރިއާ ބޭރުން ހުސް ކޮށްލާފައި އެމްބާޕޭ ދިން ބޯޅަ އޭނާ ވަނީ އެއްފަހަރުން ޖަހައި ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީ ވަނީ ލީގުގައި ބަލިނުވެ ޖެހިޖެހިގެން 13 މެޗު ހަމަކޮށްފަ އެވެ. މި ސީޒަނުގައި ލީގުގައި އެ ޓީމު މިހާތަނަށް ހަމައެކަނި ބަލިވީ މިދިޔަ އޮކްޓޯބަރު މަހު ރަށުން ބޭރުގައި ރެނެސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ލީގު އެއްވަނައިގައި ޕީއެސްޖީ އޮތީ 22 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނީސް އަށް ލިބިފައި ވަނީ 42 ޕޮއިންޓެވެ. ނީސް ވަނީ އެންމެ ފަހުން ލީގުގައި ރަށުން ބޭރުގައި މެޓްޒްއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްފަ އެވެ.