24 ޖެނުއަރީ 2022 - 12:02

އދ. އަތޮޅާއި ގދ. އަތޮޅުގެ ފަޅުރަށްތަކެއް ބަލަހައްޓާނެ ބަޔަކު ހޯދައި، އެ ރަށްތައް ކުއްޔަށް ދޫކުރަން އިއުލާންކޮށްފި އެވެ.

އދ. އަތޮޅު ކައުންސިލުން ހުޅުވާލާފައި ވަނީ އެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެ އަތޮޅުގެ ދެ ފަޅުރަށެއް ކަމަށްވާ ހުރަސްދު އާއި ލޮނުބުއި ކުއްޔަށް ދިނުމަށެވެ. ގދ. އަތޮޅުން ކުއްޔަށް ދޫކުރަން އިއުލާންކުރީ އެ އަތޮޅު ރަތަފަންދޫގެ އިހުތިސާސްގެ ތެރޭގައި އޮންނަ ފަސް ފަޅުރަށެކެވެ. އެއީ މޭރަގިއްލާ އާއި ފާހުއްޓާއި ދެރުކުރެހާއި ދޯނިގިއްލާ އަދި ކެރެއްދުވާ އެވެ.
އދ. އަތޮޅު ކައުންސިލުން ބުނީ، އެ އަތޮޅު މަންދޫ ކައިރީގައި އޮންނަ ހުރަސްދު އާއި ލޮނުބުއި ކުއްޔަށް ދޫކުރަން ނިންމީ، އެއީ މިހާރު ވެސް އަތޮޅުގެ މީހުންނާއި ރިސޯޓުތަކުން ޓޫރިސްޓުން ޕިކްނިކް ދިއުމަށް ވަރަށް ގިނައިން ބޭނުންކުރާ ރަށްތަކަކަށް ވުމުން، އެ ތަންތަން ބެލެހެއްޓޭނެ ރަނގަޅު ގޮތެއް ހޯދުމަށް ކަމަށެވެ.
ހުރަސްދު އަކީ މީގެ 16 އަހަރު ކުރިން ސަރުކާރުން ހިމާޔަތްކޮށްފައިވާ ރަށެކެވެ. އޭގެ ބޭނުމަކީ، އެ ރަށް އޮންނަ ލޮކޭޝަން މުހިންމު ވާތީ އިލްމީ ދިރާސާތަކަށެވެ.
މި ރަށްތައް ކުއްޔަށް ނަގާ ފަރާތްތަކުން، އެ ރަށްތައް ސާފުކޮށް ބަލަހައްޓައި، ޕިކްނިކަށް ދާ މީހުންނަށް އިންތިޒާމުތައް ހަމަޖައްސައިދޭން ޖެހޭނެ އެވެ. އަދި ކުއްޔަށް ނަގާ މީހުން މި ރަށްތަކުން މާލީ މަންފާ ވެސް ހޯދޭނެ އެވެ. މި ދެ ރަށް ވެސް ކުއްޔަށް ދޫކުރަނީ 20 އަހަރަށެވެ.
ހުރަސްދު އާއި ލޮނުބުއި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 31 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.
ރަތަފަންދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަސް ފަޅުރަށް ކުއްޔަށް ދޫކުރަން ނިންމީ، އެ ރަށުގެ ތަރައްގީގެ ޕްލޭންތައް ހަދައި ނިމެންދެން، އެ ރަށްތައް ބެލެހެއްޓޭނެ ގޮތެއް ހޯދުމަށް ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު އަބްދުﷲ ވިދާޅުވި އެވެ.
"ކައުންސިލުން އެކަނި އުޅެގެން މިހާ ގިނަ ރަށްތައް ނުބެލެހެއްޓޭނެ. މިހާރު ވެސް މި ރަށްތަކުގައި ގަވާއިދާ ހިލާފަށް ބައެއް ކަންކަން ކުރާ ކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ލިބެމުން ދާތީ، މި ވަގުތަށް މި ރަށްތައް ބަލަހައްޓާނެ ބަޔަކު ހޯދަން މި އިއުލާން ކުރީ،" އޭނާ ވިދާޅުވި އެވެ.
މި ފަސް ރަށް ވެސް ކުއްޔަށް ދެނީ ގިނަވެގެން އެއް އަހަރު ދުވަހަށެވެ.
މުހައްމަދު ވިދާޅުވި ގޮތުގައި، މި ރަށްތަކުން ލިބެން ހުރި އެއްޗެހިން މާލީ މަންފާ ހޯދުމުގެ ހުއްދަ ކުއްޔަށް ހިފާ ފަރާތަށް ދޭނެ އެވެ. ނަމަވެސް، މި ރަށްތަކުގައި އިމާރާތްކުރުން ފަދަ ކަންކަމަށް ހުއްދައެއް ނުދޭނެ އެވެ.
"ހުރިހާ ރަށެއް އެއް ބަޔަކަށް ނުދޭނެ. ކޮންމެ ރަށެއްގެ އެއްބަސްވުން ހަދާނީ ވަކިވަކިން، ކޮންމެ ރަށެއް ވަކި ބަޔަކަށް ލިބޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
މި ރަށްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މި މަހު 31 ކުރިން ޕްރޮޕޯސަލް ހުށަހަޅަން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.