16 ޑިސެމްބަރ 2016 - 11:33

ތިއީ ސްޓާ ވޯސް ފިލްމުތަކަށް ލޯބި ކުރާ މީހެއް ނަމަ މިއަދަކީ ގައިމު ވެސް ބޮޑު ދުވަހެކެވެ. ސްޓާ ވޯސް ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމް "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" މުޅި ދުނިޔޭގައި މިއަދު ޕްރިމިއަ ކުރަމުން އަންނަ އިރު، މި ފިލްމު މި ފަހަރު ދިވެހިންނަށް ވެސް ވަކިން ހާއްސަ އެވެ. އެހެންވެ ކޮންމެހެން ވެސް މި ފިލްމު ދިވެހިން ބަލާލަން އެބަ ޖެހެ އެވެ.

ރާއްޖޭގައި ވެސް "ރޯގް ވަން" މިއަދު ޕްރިމިއާ ކުރާ އިރު، އެންމެ އުފަލުން ހުރި އެކަކީ މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އޭނާއަކީ އެހާ ފިލްމީ މީހެއް ނޫން ނަމަވެސް މި ފިލްމު ނުބަލައި އޭނާ އަށް ވެސް ދޫކޮށްލެވޭކަށް ނެތެވެ. އެއީ އެހެން ދިވެހިންނަށް ވުރެ ބޮޑަށް "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" އޭނާ އާ ގުޅި ލާމެހިފައި ވާތީ އެވެ.
"ފިލްމަށް ވަރަށް ބޮޑަށް އެބަ ލުކްފޯވާޑް ކުރަން. އެހެން ނަމަވެސް ފިލްމު ރާއްޖޭގައި އަޅުވާ އިރު، ފުރަތަމަ ޝޯއަކުން ފުރުސަތެއް ލިބޭ ގޮތެއް ނުވި. ހަނދާން ވަނީ ދެވަނަ ނޫނީ ތިން ވަނަ ޝޯއިން ކަމަށް ޓިކެޓް ލިބޭ ވަރުވީ،" އޭނާ ބުންޏެވެ. "ރާއްޖޭގައި ބަލާފައި އަދި ރާއްޖޭން ބޭރަށް ދެވުނު އިރަކުން މީގެ ތްރީޑީ ވެސް ބަލާލުމުގެ އުންމީދުގައި މި ހުންނަނީ."
ކުޑޫ އަށް "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ހާއްސަވާ ސަބަބުތަކަކީ މިއެވެ؛ ލ. އަތޮޅުގައި މިދިޔަ އަހަރު މި ފިލްމުގެ ވިއްސަކަށް މިނިޓް ޝޫޓް ކުރި "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ"ގެ ކާސްޓާއި ކްރޫ ރާއްޖެ ގެނެސް އެ މީހުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނީ ކުޑޫ އާއި އޭނާގެ އަންހެނުން ހިއްސާވާ "ބްލޫ އެންޑް ވައިޓް" ކުންފުނިންނެވެ.
"ރޯގް ވަން"ގެ ޝޫޓިންއަކީ ރާއްޖޭގައި މިހާތަނަށް ކުރި އެފަދަ އެންމެ ބޮޑު މަސައްކަތެވެ. މިއީ ތަފާތު ހަ ލޮކޭޝަނެއްގައި ތިން ސަތޭކަ އަށް ވުރެ ގިނަ މީހުންނާއި 180 ޓަނުގެ އިކުއިޕްމެންޓާއި ހަ ސަފާރީ އުޅަނދާއި 16 ލޯންޗާއި ހެލިކޮޕްޓަރެއް ވެސް ބޭނުން ކުރި ވަރުގަދަ އޮޕަރޭޝަނެކެވެ. ހޮލީވުޑްގެ އެންމެ މަތީ ފެންވަރުގެ ބަޔަކު ގެނެސް އެ މީހުންގެ މަސައްކަތް ކުޑޫ ފުރިހަމަކޮށްދިނުމަކީ މި ކުޑަކުޑަ ރާއްޖޭގެ ރައްޔިތަކަށް ލިބުނު އާދައިގެ ޝަރަފެއް ކަމަށް ބަލައިގެން ނުވާނެ އެވެ.
މީގެ ނަތީޖާ ނިކުތީ ވެސް މިހެންނެވެ. ފިލްމު ސިނަމާތަކުގައި އެޅުވި އިރު، ކުޑޫ އާއި އޭނާގެ ޓީމް މެމްބަރުންގެ ނަންތައް ފިލްމުގެ ކްރެޑިޓްސްގައި ހިމަނާފައިވެ އެވެ.
ކުޑޫ ބުނީ އެކަން އެނގުނީ ރާއްޖޭން ބޭރުގައި ފިލްމު ބެލި ދިވެއްސަކު އޭގެ ފޮޓޯއެއް ނަގައިފައި ސޯޝަލް މީޑިއާގައި ޝެއާ ކުރުމުން ކަމަށެވެ.
"ފިލްމު ބެލި ވަރަށް ގިނަ ބައެއް މީހުން ސީދާ އަހަރެން ކައިރީ ބުނެފައި އެބަހުރި ފިލްމު ވަރަށް މޮޅޭ. ވަރަށް ފުރިހަމައޭ. ރާއްޖޭގެ މަންޒަރުތައް ވަރަށް ވަރަށް ސަޅި ކަމަށް،" ބޭރުގެ ފިލްމުތައް ރާއްޖޭގައި ޝޫޓްކޮށްދިނުމުގެ މަގުފަހިކޮށް ދިނުމުގައި ހަރަކާތްތެރިވާތާ ނުވަ ވަރަކަށް އަހަރުވެފައިވާ ކުޑޫ ބުންޏެވެ. "އަހަންނަކީ އެހާ ފިލްމު ބަލާ މީހެއް ވެސް ނޫން. އެކަމަކު މީގެ ވާހަކަ އެކި މީސްމީހުންގެ ފަރާތުން އައިސްފައި ހުރި ގޮތުން ވަރަށް އެންޓިސިޕޭޓްކޮށްގެން މި ހުންނަނީ ފިލްމަށް."
އޭނާ ބުނީ ލ. އަތޮޅުގެ ފަޅު ރަށްތަކެއްގައި "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ގެ މަންޒަރުތައް ނެގީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ކަމަށެވެ. އެކަމަކު މިއަދު އެންމެ އުފާވަނީ ހުރި ދަތިތަކާއި ހުރަސްތަކާ އެކު ވެސް ކަންވުމުން ކަމަށް ބުންޏެވެ. މިކަން އޭނާ ކުރި އިރު މަޖަލަކަށް ހަދާފައި ސްޓާ ވޯސްގެ ޓީމުން ވެސް ކުޑޫ އާއި އޭނާގެ ޓީމާ ދިމާކޮށް ވެސް ހެދި އެވެ.
"އެ މީހުން މަޖަލަކަށް ހަދާފައި ބުނެފައި އެބަ ހުރި އަސްލު ކަލެއަކަށް ނުވެސް އެނގެއޭ މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން. އެހެން އެ ބުނަނީ މި ވަރުގެ ބޮޑު ޕްރޮޖެކްޓެއް ރާއްޖޭ ނެގުމަކީ ކިހާ ބޮޑު ކަމެއްކަން އެ މީހުން އަމިއްލަ އަށް ވެސް ގަބޫލް ކުރާތީ އެހެންވެ."
"ހިއެއް ނުވޭ މިއަށް ވުރެ އުނދަގޫ އަދި ބޮޑު ޕްރޮޖެކްޓެއް ދެން ރާއްޖެ އަންނާނެހެންނެއް. ސްޓާ ވޯސް އެ ނަމުން އެކަނި ވެސް މީގެ ހައިބަތު އެބަ ދައްކުވައިދޭ،" ކުޑޫ ބުންޏެވެ. "އެހެންވެ މި ވަރުގެ ފިލްމެއްގެ މަންޒަރުތަކެއް ހޮލީވުޑްގެ ފިލްމަކުން ފެނުމަކީ ރާއްޖެ އަށް އިތުރަށް މި ދާއިރާ އިން ހުޅުވިގެން ދާނެ ދޮރެއް ކަމަށް އަހަރެން ދެކެނީ. މީގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކެއް ކުރިއަށް އޮތް ތަނުގައި ވާނެ ކަމަށް އުންމީދު ކުރަނީ."
ކުޑޫ ބުނަނީ ރާއްޖޭގައި ފިލްމުތައް ނަގަން ގިނަ ބަޔަކު އަބަދު ވެސް ވަރަށް ޝައުގުވެރިވާ ކަމަށެވެ. އެހެންވެ އޭނާގެ ވާހަކައަކީ މިއެވެ؛ ހާއްސަކޮށް ސަރުކާރުން މިކަހަލަ ކަންކަމަށް މިހާރަށް ވުރެ ބޮޑަށް ލޯ ހުޅުވައި، ފުރުސަތުތަކުގެ ބޭނުން ހިފޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ.
"މި ޕްރޮޖެކްޓަށް ބަލާއިރު ސީދާ ރައީސް ޔާމީންގެ ސަޕޯޓް ވަރަށް ބޮޑަަށް ލިބުނު. އެހެންވެ އަސްލު މިކަން މިއަށް ވުރެ ފުޅާކޮށް، ރާއްޖެ އަށް ލިބޭ ފަހި ފުރުސަތެއްގެ ގޮތުގައި ދެކޭ ނަމަ އުސޫލްތަކެއް ކަނޑައެޅި، ވަސީލަތްތަކެއް ގާއިމު ކުރެވި ރާއްޖޭގައި ބޭރުގެ ޕްރޮޑަކްޝަން ޓީމްތަކަށް ފަސޭހަ އިން މަސައްކަތްކޮށްލެވޭނެ އިންތިޒާމްތަކެއް އެބަ ޖެހޭ ހަމަޖައްސަން،" އޭނާ ބުންޏެވެ. "އޭރުން މިކަހަލަ ކަންކަމަށް ރާއްޖެ ވަރަށް ބޮޑަށް ދޮރު ހުޅުވިގެން ދާނެ."
ކުޑޫ ބުނީ ހުވެފަނަކީ މަގުތައް ރާއްޖޭގައި ފަހިވުމެވެ. ޓޫރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖެ ކަހަލަ ގައުމެއްގައި ބޭރުގެ ފިލްމެއް ނުވަތަ އިޝްތިހާރެއް ޝޫޓްކޮށް، މުޅި ދުނިޔޭގެ އެންމެން އެ އުފެއްދުމެއް ބެލުމަކީ ރާއްޖެ އަށް އޮތް ކުރިއެރުމެކެވެ. އެހެންވެ އެކަމާ ދޭތެރޭ މިހާރަށް ވުރެ ފުންކޮށް ވިސްނާލަން ޖެހެ އެވެ.
"މިހާތަނަށް ސަރުކާރުގެ ކަމާ ބެހޭ ވަރަށް ގިނަ ފަރާތްތަކަށް އެކި ފަހަރުމަތިން އެކި ދުވަސްވަރު އަހަރަމެން ހުންނާނެ ރާއްޖޭގައި މި ކަހަލަ މަސައްކަތްތަތަކަށް ހުރީ އިޝޫސްތަކާ އެކު ޑޮކިއުމަންޓް ހުށަހަޅާފައި. މިހާތަނަށް އަދި އެދެވޭ އެއްވެސް އިޖާބެއް ލިބިފައެއް ނެތް. އެކަމަކު ސްޓާ ވޯސް އާ އެކު މި އަންނަ ފޯރީގައި އެކަންކަމަށް މަގުފަހިވާނެ ކަމަށް ބަލަމާ ހިނގާ."
ގެރެތު އެޑްވަޑްސް ޑައިިރެކްޓްކޮށްފައިވާ "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ތަރިންގެ ތެރޭގައި ފެލިސިޓީ ޖޯންސް، ޑިއެހޯ ލޫނާ، މެޑްސް މިކެލްސެން ފަދަ ތަރިން ހިމެނެ އެވެ.
މި ފިލްމް ބެލި ބެލި ބައެއް ކްރިޓިކުން ބަނީ މިއީ މިހާތަނަށް އުފެއްދި އެންމެ ޝައުގުވެރި އަދި އެންމެ މޮޅު ސްޓާ ވޯސް ފިލްމް ކަމަށް ބުނެފަ އެވެ.