24 ޖެނުއަރީ 2022 - 11:50

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް، ބެލްޖިއަމްގެ ބްރަސެލްސްގައި ކުރަމުންދާ މުޒާހަރާގައި އިއްޔެ އާދަޔާ ހިލާފަށް ހަމަނުޖެހުން ހިންގަން ފެށުމާ ގުޅިގެން، ކަރުނަގޭހާއި ބާރު ޕްރެޝަރުގައި ފެންޖަހައިގެން މުޒާހަރާ ރޫޅާލައިފި އެވެ.
ބްރަސެލްސްގައި ހުންނަ ޔޫރަޕިއަން ކޮމިޝަންގެ މައި މަރުކަޒު ކުރިމަތީގައި ކުރަމުން ދިޔަ މުޒާހަރާގައި، 50،000 އަށް ވުރެ ގިނަ މީހުން އިއްޔެ ބައިވެރިވި އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމާ ގުޅިގެން، އާންމު އެއްވުންތައް ބޭއްވުމާއި ހޮޓާތަކާއި ރެސްޓޮރަންޓްތައް ހުޅުވައިގެން ހިދުމަތްދިނުން މަނާކޮށްފައި އޮންނަތާ ފަސް މަސް ވެއްޖެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅީއްސުރެ، އެކަމާ ދެކޮޅަށް ކޮންމެ ދުވަހަކު ވެސް އާންމުންގެ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން އަންނަތާ މިހާރު މަސްތަކެއް ވެއްޖެ އެވެ. އެ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާ ގުޅިގެން، މިދިޔަ ހުކުރު ދުވަހުން ފެށިގެން ބައެއް ފިޔަވަޅުތައް ވަނީ އުވާލައިފަ އެވެ.
މިހާރު ދީފައިވާ ލުއިތަކަކީ، ކޮވިޑުން ދިފާއުވާ ވެކްސިންގެ ތިން ވަނަ ޑޯޒް ޖަހާފައިވާ މީހުން، ސައި ހޮޓާތަކާއި ރެސްޓޮރަންޓްތަކާއި ސިނަމާތައް ފަދަ ތަންތަނަށް ވަނުން ހުއްދަވުމެވެ. މިހާރު ހަމަޖައްސާފައި އޮތް ގޮތުން، ރެސްޓޮރަންޓްތަކާއި ސިނަމާތަކާއި އެނޫން ވެސް އާންމުން އެއްވެ އުޅޭ ތަންތަނަށް ވަންނަ ނަމަ، ކޮވިޑްގެ ޑޯޒްތައް ފުރިހަމަކުރުމުން ދޭ ފާސް އެމީހެއްގެ އަތުގައި އޮންނަންޖެހެ އެވެ.
ބްރަސެލްސްގައި އިއްޔެ ކުރި މުޒާހަރާ ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުންކުރަން ފެށީ، މުޒާހަރާގެ ގިނަ އަދަދެއްގެ ބައިވެރިންތަކެއް ޕާކެއްގެ ތެރެއަށް އެއްވެ ތިއްބައި އެތަނަށް ފުލުހުން ދާން ފެށުމާ އެކު، މުޒާހަރާގެ ބައިވެރިން ފަޓާހުގައި ރޯކޮށް ފުލުހުންނާ ދިމާލަށް އުކުމުންނެވެ. އެކަން ހުއްޓުވުމަށް ފުލުހުން ވަނީ ބާރު ޕްރެޝަރުގައި ފެންޖަހައި މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ފޮނުވާލައިފަ އެވެ.
އިއްޔެގެ މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުންނާއި ފުލުހުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ތުހުމަތުގައި 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެކިވަރުގެ އަނިޔާތައް ލިބިގެން ތިން ފުލުހަކާއި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 12 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.
މުޒާހަރާގެ ބައިވެރިން އިއްޔެ ވެސް އެންމެ ގަދައަށް އަޑު އުފުލީ، ކޮވިޑް ވެކްސިން ޖެހުން މަޖުބޫރުކުރުމާ ދެކޮޅަށެވެ. އެމީހުން ބުނި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން، ވަކިން ހާއްސަކޮށް ޒުވާނުން ބްލެކްމެއިލް ކޮށްގެން ގަދަކަމުން ވެކްސިން ޖައްސުވާށެވެ.
ބެލްޖިއަމްގައި ވެކްސިން ޖަހާ އުމުރުފުރާގެ 89 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އިރު، 67 ޕަސެންޓް މީހުން ވަނީ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ. ނަމަވެސް އެ ގައުމުގައި މިހާރު ވަނީ ކޮވިޑްގެ ފަސް ވަނަ ރާޅެއް ފެތުރެން ފަށައިފަ އެވެ. ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މިހާރު ފެތުރެމުންދާ ފަސް ވަނަ ރާޅު އޭގެ އެންމެ އުހަށް އުފުލިގެންދާނީ އަދި ހަފުތާތަކެއް ފަހުންނެވެ.
"އަހަރެންގެ ދަރިން ވެކްސިން ޖަހަން މަޖުބޫރުކުރާތީ އަހަރެން މިހުރީ ވަރަށް ރުޅި އައިސްފައި. އެކުދިން ދަތުރުކުރަން ބޭނުން، ކުޅިވަރުތަކުގައި ވާދަކުރަން ވެސް ބޭނުން. އެކަމަކު ވެކްސިން ނުޖަހައި އެއިން އެއް ކަމެއް ވެސް ކުރެވޭކަށް ނެތް. އެކަމު ވެކްސިން ޖަހަން އެ ކުދިން ބޭނުމެއް ނޫން. މިއީ ހަމަ ސީދާ ބްލެކްމެއިލްކުރުން،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.