24 ޖެނުއަރީ 2022 - 11:44

ސްރީ ލަންކާގެ ކޮންމެ ރައްޔިތަކަށް ޑިޖިޓަލް ނޭޝަނަލް އައިޑެންޓިޓީ ކާޑެއް ދޫކުރުމަށް ފަހު، ކޮންމެ ރައްޔިތަކަށް ޑިޖިޓަލް ވޮލެޓެއް ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް، އެ ގައުމުގެ ޒުވާނުންނާ ބެހޭ މިނިސްޓަރު ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
މޯބައިލްކޮށް ފައިސާ ދެއްކުމަށް ލަންކާގެ މަރުކަޒީ ބޭންކުން ތައާރަފްކުރި، ލަންކާ ކިޔޫއާރް ކޯޑް އިފްތިތާހް ކޮށްދެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަމާލް ވިދާޅުވި ގޮތުގައި، ޑިޖިޓަލް ވޮލެޓް ތައާރަފްކުރުމުގެ މަޝްރޫއުގެ މަސައްކަތް 30 މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭނެ އެވެ.
އެ މަޝްރޫއު ފުރިހަމަކޮށް ރައްޔިތުންނަށް ޑިޖިޓަލް ވޮލެޓް ދޫކުރުމުން، ކޮންމެ މީހެއްގެ ވެސް ޒާތީ މައުލޫމާތުތައް ހިމެނޭ ލިޔުންތަކުގެ ސޮފްޓް ކޮޕީއެއް، އެމީހެއްގެ ފޯނުގައި ރައްކާކޮށްގެން ގެންގުޅެވޭނެ ކަމަށް ނަމާލް ވިދާޅުވި އެވެ. އެ ގޮތުން ކޮންމެ މީހެއްގެ އުފަން ދުވަހުގެ ސެޓްފިކެޓާއި، ޕާސްޕޯޓާއި ކައިވެނީގެ ސެޓްފިކެޓާއި އިމްތިހާނުގެ ނަތީޖާތައް ފަދަ ލިޔެކިޔުންތައް ފޯނުގައި ރައްކާތެރިކަމާ އެކު ގެންގުޅެ، އެފަދަ ލިޔުންތައް ހުށަހަޅަންޖެހޭ ހާލަތުގައި ވަގުތުން ހުށަހެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްރީ ލަންކާގައި މިހާރު ބޭނުންކުރަމުން އަންނަ، ލަންކާ ކިޔޫއާރް ކޯޑް ޕޭމަންޓް މަޝްރޫއު ތަންފީޒުކުރަމުން އަންނަނީ އެ ގައުމުގެ އެންމެ ބޮޑު 13 ސިޓީގަ އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ސަރަހައްދުތަކަށް މި ހިދުމަތް ތައާރަފް ކުރުމަށް ލަންކާ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ލަންކާ ކިޔޫއާރް ކޯޑް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެ ގައުމުގެ ޓޫރިޒަމާ ބެހޭ މިނިސްޓަރު ޕްރަސަންނަ ރަނަތުންގާ ވިދާޅުވި ގޮތުގައި އެ ގައުމުގެ ޓޫރިޒަމް ދާއިރާގައި ވެސް، ލަންކާ ކިޔޫއާރް ކޯޑް ތައާރަފްކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަން ތަންފީޒު ކުރުމާ ގުޅޭ ގޮތުން، ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކާ މަޝްވަރާކޮށް ހިޔާލު ހޯދުމަށް ފަހު އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.