ވީޑިއޯ ޓެކްނޮލޮޖީއާ މެދު ޒިދާން ހިތްހަމައެއް ނުޖެހޭ
ވީޑިއޯ ޓެކްނޮލޮޖީއާ މެދު ޒިދާން ހިތްހަމައެއް ނުޖެހޭ

ޔޮކަހާމާ، ޖަޕާން (ޑިސެމްބަރު 16) - މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް މެޗުތަކުގައި ވީޑިއޯ ޓެކްނޮލޮޖީ ރެފްރީންގެ އެހީ ބޭނުންކުރަމުން އަންނައިރު، އެކަމާ ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ހުރީ އެހާ ބޮޑަށް ހިތްހަމަޖެހިފައެއް ނޫނެވެ.

ވީޑިއޯ އެސިސްޓަންޓް ރެފްރީ ސިސްޓަމް ބޭނުންކުރަނީ ހަތަރު ވަނަ އޮފިޝަލް ހުންނަ މޭޒުމަތީގައި ބަހައްޓާފައިވާ ޓީވީ ސްކްރީން މެދުވެރިކޮށެވެ. އެ ޓީވީން މެޗު ކުރިއަށްދާއިރު ވަގުތުން ރެފްރީ އަށް ރީޕްލޭ ބަލައިލެވޭނެ އެވެ.

އިއްޔެ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އުތުރު އެމެރިކާގެ ޗެމްޕިއަން މެކްސިކޯގެ ކްލަބް އެމެރިކާ އަތުން 2-0 އިން ރެއާލް މޮޅުވި މެޗުގައި ވެސް ރެފްރީ ވަނީ މި ސިސްޓަމް ބޭނުންކޮށްގެން ބައެއް ނިންމުންތައް ކަށަވަރުކޮށްފަ އެވެ.

ޒިދާން ބުނީ ފީފާގެ ނިންމުމަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައިގައި ޓެކްނޮލޮޖީ މާ ބޮޑަށް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ.

"އަހަރެން އަމިއްލަ އަށް މިކަމުގައި ދެކޭ ގޮތް ބުނުމަކީ ރަނގަޅު ގޮތެއް ނޫން. ފުޓްބޯޅައިގައި ކޮންމެވެސް ވަރަކަށް ޓެކްނޮލޮޖީ ބޭނުންވޭ. އެކަމަކު ވަކި ލެވެލެއްގައި ހުރުން ބޭނުންވަނީ. ފީފާގެ ނިންމުމަށް އިހުތިރާމްކުރަން. މިއީ ފީފާއިން ބޭނުންވާ ގޮތްކަމަށްވާނަމަ މި ސިސްޓަމަށް ހޭނުން ވަރަށް މުހިއްމު،" ޒިދާން ބުންޏެވެ.

ރެއާލްގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ވެސް ވަނީ މިކަމާ މެދު ނުރުހުން ފާޅުކޮށްފަ އެވެ.

"މިއީ މުޅިން އާ ކަމެއް. އެކަމަކު މި ޓެކްނޮލޮޖީ އަކީ އަހަރެން މާ ގަޔާވާ ކަމެއް ނޫން. މިކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް ކުރިމަތިވާނެ. ފީފާއިން މި ސިސްޓަމް ބޭނުންކުރުން ހުއްޓާލާނެ ކަމަށް އުއްމީދުކުރަން. އަހަރެން ދެކޭ ގޮތުގައި މިއީ ފުޓްބޯޅައެއް ނޫން،" ކްރޮއޭޝިއާގެ ގައުމީ ޓީމަށް ވެސް ކުޅޭ މޮޑްރިޗް ބުންޏެވެ.

މާދަމާ ކުޅޭ ފައިނަލް މެޗުގައި ރެއާލް މެޑްރިޑް ބައްދަލުކުރާނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދި އޭޝިއާގެ ފުރަތަމަ ޓީމު ކަމަށްވާ ޖަޕާނުގެ ކަޝިމާ އެންޓްލާސްއާ ދެކޮޅަށެވެ. ކަޝިމާ މި މުބާރާތުގައި ބައިވެރިވީ ބާއްވާ މުބާރާތް ގައުމު ކަމަށްވާ ޖަޕާނަށް ދިން ފުުރުސަތެއްގެ ތެރެއިންނެވެ.