24 ޖެނުއަރީ 2022 - 06:43

ކެންސަރު ބަލީގައި ބޮލީވުޑްގެ ކުޅަދާނަ ތަރި، އިރްފާން ހާން މަރުވިތާ ދެ އަހަރުވާން ގާތްވެފައިވާއިރު ވެސް އޭނާގެ އެންމެ ގާތް މީހުންނަށް އެ ހަނދާންތަކުން އަދިވެސް އަރައެއް ނުގަނެވެ އެވެ. އޭނާގެ ހަނދާންތައް އާކޮށް އާއިލާގެ އެކި މީހުން ކުރާ ޕޯސްޓުތަކުން އެކަން އެނގެ އެވެ.
އިރުފާންގެ އަނބިމީހާ ސުތާޕާ ސިކްދާރު، އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކާއެކު، އާ ކުރީ އެ ހަނދާންތަކެވެ. އެ ފޮޓޯ އިން ފެންނަނީ ފިލްމެއްގެ ޝޫޓިން ކުރިއަށް ގެންދިޔައިރު އިރުފާނާއި އޭނާގެ ދަރިފުޅު ބަބިލް އެކީގައި އުޅުނު ތަނެވެ.
އެ ފޮޓޯއާއެކު ހިއްސާކުރި ކެޕްޝަން އަދި މާ އަސަރުގަދަ އެވެ. އެ ފޮޓޯގައި ދަރިފުޅާއި އިރުފާންގެ ދެމެދުގައި ދެއްކެވެނީ ކޮން ވާހަކައެއް ކަމެއް ނޭނގުނަސް އެ ދެ މީހުން އަބަދުވެސް އެކި ކަންކަމުގައި މަޝްވަރާކުރާ ކަމަށް ސުތާޕާ ބުންޏެވެ.
އެ މީހުންގެ މެދުގައި ދެއްކެވުނު ވާހަކަތައް އިރުފާން ހަނދާންވޭތޯ ސުވާލު ކުރަމުން ސުތާޕާ ބުނީ ދަރިފުޅު، ބަބިލް ވަރަށް ބޮޑަށް އިރުފާންގެ މަތިން ހަނދާންވާތީ އުޅޭ ކަމަށެވެ. އަދި ބައްޕަ ނެތް ތަން އޭނާ އަށް ދުވަހަކު ވެސް ފޫނުބެއްދޭނެ ކަމަށް ޕޯސްޓުގައި ވެ އެވެ.
ސުތާޕާ އާއި އިރްފާން ކައިވެނި ކުރީ 1995 ގަ އެވެ. އެ މީހުންގެ 25 އަހަރުވީ ކައިވެންޏަށް ލިބިފައި ވަނީ ބަބިލް އާއި އަޔާން އެވެ. އޭގެ ތެރެއިން ދޮށީ ބަބިލް އެވެ. އޭނާ ވެސް ބޭނުންވަނީ ފިލްމީ ދާއިރާގައި އުޅޭށެވެ.
އުމުރުން 53 އަހަރުގައި އިރްފާން މަރުވީ އޭޕްރީލް 29، 2020 ގަ އެވެ.