އޮމިކްރޮންގައި ކުޑަކުދިންގެ ކިބައިން ފެންނަ އަލާމާތްތައް
އޮމިކްރޮންގައި ކުޑަކުދިންގެ ކިބައިން ފެންނަ އަލާމާތްތައް

ކޮވިޑްގެ އެކި ވެރިއަންޓްތަކުގެ ތެރެއިން ވެސް މިހާރު އާންމުވެފައިވާ އޮމިކްރޮންގެ ސަބަބުން، ކުޑަކުދިންނަށް ކޮވިޑް ޖެހުން އެހެން ހުރިހާ ފަހަރަކަށް ވުރެ ވެސް ބޮޑަށް މިހާރު ވަނީ އިތުރުވެފަ އެވެ.

އޮމިކްރޮން ވެރިއަންޓްގެ އަސަރު ކުޑަކުއްޖެއްގެ ހަށިގަނޑުން ފެންނާނީ ކިހިނެއްތޯ ކުރާ ސުވާލަށް އަދި މާ ފުރިހަމަ ޖަވާބެއް ނެތެވެ. އެއީ އަދި މިހާތަނަށް ހުރި ޑޭޓާގެ މަދުކަމުންނެވެ. އެކަމަކު މިހާތަނަށް އެނގެން ހުރި ކަންކަމުގެ މައްޗަށް ބަލައި "އިންސައިޑާ" އިން ވަނީ ކުޑަކުދިންގެ ކިބައިން އޮމިކްރޮންގެ އަސަރު ފެންނަ ގޮތުގެ ލިސްޓެއް ޑޮކްޓަރުންނާ ވާހަކަ ދައްކައިގެން ހަދައިފަ އެވެ.

އޮމިކްރޮންގެ ރާޅު މުޅި ދުނިޔެއަށް ބިންދާލައި އެތައް މިލިއަން ބަޔަކަށް ބަލި ޖެހެމުން ދިޔަ ނަމަވެސް އޮމިކްރޮންގައި އާންމުކޮށް ފެންނަނީ އެހެން ވެރިއަންޓްތަކަށް ވުރެ ލުއި އަލާާމާތްތަކެކެވެ. އެންންމެ ބޮޑު ނަސީބަކީ ކުޑަކުދިންގެ ހާލަތު ސީރިއަސް ވެދާ ހިސާބަށް މި ވެރިއަންޓުގައި ވެސް ދިއުން ނާދިރުމަކެވެ.

ތަޖުރިބާކާރުންނާ ވާހަކަ ދައްކައިގެން "އިންސައިޑާ" އިން އެއްކުރި މައުލުމާތަށް ފަހު ބުނެފައި ވަނީ އޮމިކްރޮންގައި ކުޑަކުދިންގެ ކިބައިން އެންމެ އާންމުކޮށް ފެންނަ އަލާމާތްތަކަކީ؛

• ވަރުބަލިވުން

• ކިނބިހިއެޅުން

• ކެއްސުން ނުވަތަ ކަރުގައި ރިއްސުން

ކިންގްސް ކޮލެޖް ލަންޑަންގެ މެޑިކަލް ޕްރޮފެސަރަކު ވަނީ، ކުޑަކުދިންނަށް ކޮވިށް ޖެހުމުން ފެންނަ އަލާމާތްތައް ރިޕޯޓްކުރުމަށް އެޕްލިކޭޝަނެއް ހަދައި އެއިން މައުލޫމާތުތަކެއް އެއްކޮށްފަ އެވެ. އުމުރުން 8-12 އަހަރާ ދެމެދުގެ ކުދިންގެ މައުލޫމާތު އެއްކުރުމަށް ފަހު ބުނެފައި ވަނީ އެންމެ އާންމު އަލާމާތްތަކަކީ؛

• ވަރުބަލިވުން

• ބޮލުގައި ރިއްސުން

• ކަރުގައި ރިއްސުން

• ނޭފަތުން އައުން

• ކިނބިހިއެޅުން

• ހުން އައުން

• ކެއްސުން

އެހެން ބައެއް މާހިރުން "އިންސައިޑާ" އަށް ވިދާޅުވި ގޮތުގައި ބައެއް ކުދިންގެ ހަޖަމުގެ ނިޒާމު ގޯސްވެ އެވެ. މިއީ ނާދިރު ހާލަތެއް ކަމަށާއި އެކަމަކު ބައެއް ކުދިން ބޭރަށް ހިންގައި ގައިގައި އެއްޗެހި ނެގުން ފަދަ ކަންތައް ދިމާވާ ކަމަށް ވިދާޅުވި އެވެ.