އިބްރާހިމާއި ޕަލަކް އުޅުނު ގޮތުން ޝައްކުވެއްޖެ!
އިބްރާހިމާއި ޕަލަކް އުޅުނު ގޮތުން ޝައްކުވެއްޖެ!

ބޮލީވުޑުގެ މަޝްހޫރު ތަރި ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރިފުޅު، އިބްރާހިމް އަލީ ހާނާއި ޓީވީ ތަރި، ޝްވެތާ ތިވާރީގެ އަންހެން ދަރިފުޅު ޕަލަކްގެ ޑިނަ ޑޭޓަކަށް ދިޔަކަން އެނގި އެ ވާހަކަ ވަރަށް ބޮޑުވެއްޖެ އެވެ. ވަކިން ހާއްސަކޮށް، ޕަޕަރާޒީންނަށް މި ދެ ޒުވާނުން ފެނުމާ އެކު ޕަލަކް އުޅުނު ގޮތުން އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ އިބްރާހިމާ އެކު ކާރުގައި ދަނިކޮށް ޕަޕަރާޒީން ފޮޓޯ ނަގަން ފެށުމާ އެކު ޕަލަކްގެ މޫނު އެކީ ފޮރުވޭ ގޮތަށް އަތް އަޅައިގެން އިންދަ އެވެ. އޭރު އޭނާއާ ޖެހިގެން އިން އިބްރާހިމް އިނީ ސަމާސާ ފާޑަކަށް ހިނި އައިސްފަ އެވެ.

މިއާ އެކު އެންމެ ގިނަ ބަޔަކު ކުރި ސުވާލަކީ އިބްރާހިމާއި ޕަލަކް އުޅެނީ ރައްޓެހިވެގެންތޯ އެވެ. އެއް ބަޔަކު އެ ދެ މީހުން ވަރަށް ގުޅޭ ކަމަށް ބުނެ މަރުހަބާ ކިޔަން ފެށި އެވެ. އެކަމެއް ހިނގިތާ ދެ ދުވަސް ވިޔަސް މިހާތަނަށް އެކަން އެ މީހުންގެ ފަރާތުން ކަށަވަރުކޮށެއް ނުދެ އެވެ. އަދި އެކަމާ ގުޅޭ ވާހަކައެއް ވެސް ނުދައްކަ އެވެ.

އެކަމަކު އެ މީހުންނާ ގާތް ގުޅުމެއް އޮންނަ މީހަކު އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކަށް ބުނެފައިވާ ގޮތުގައި އެ ދެ މީހުން އެންމެ ފުރަތަމަ ދިޔައީ ވަރަށް މަޝްހޫރު ރެސްޓޯރަންޓަކަށެވެ. އެތަނުގައި ވަގުތު ހޭދަކުރުމަށް ފަހު، އެހެން ރެސްޓޯރަންޓަކަށް ދިޔަ ވަގުތު ޕަޕަރާޒީންނަށް އެއީ ކޮން ބައެއްކަން އެނގުނީ އެވެ.

އޭނާ ބުނާ ގޮތުގައި ޕަލަކް އާއި އިބްރާހިމަކީ ވެސް ގާތް އެކުވެރިންނެވެ. އެކަމަކު އެ ދުވަހު ޕަލަކް މޫނު ފޮރުވީ އޭނާ އަކީ ވަރަށް ޕްރައިވެޓް މީހަކަށްވާތީ ކަމަށް ވެސް ބުންޏެވެ.

"ރޭގަނޑުގެ ކެއުމަކަށް އެ ދެ މީހުން ދިއުމުގެ މާނަ އަކީ ޑޭޓް ކުރުމެކޭ ނޫން. މީހަކާ ރައްޓެހިވާން އެ ދެ މީހުން އަދި ވަރަށް ހަގު،" އޭނާ ބުނެފައިވެ އެވެ.

އުމުރުން 20 އަހަރުގެ އިބްރާހީމް އާއި 21 އަހަރުގެ ޕަލަކް މީގެ ކުރިން އެކީ ފެނިފައެއް ނުވެ އެވެ. އެހެންވެ، ގިނަ ބަޔަކަށް ޝައްކުކުރެވެނީ އެ މީހުންގެ މެދުގައި އެކުވެރިކަމަށް ވުރެ ބޮޑު ގުޅުމެއް އޮތް ކަމަށެވެ.

ކަސޯޓީ ޒިންދަގީ ކޭގައި ޕްރެނާގެ ރޯލުން ފެނުނު ޝްވެތާގެ ދަރިފުޅުގެ ޕަލަކް މިހާތަނަށް ބޮލީވުޑަށް ތައާރަފު ނުވި ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ނެރުނު ލަވަ "ބިޖްލީ ބިޖްލީ" އިން ފެނިފަ އެވެ. ހިޓްވި އެ ލަވައިގައި ޕަލަކްގެ ހުށަހެޅުން ވަރަށް ކަމުގޮސްގެން ގިނަ ބަޔަކު އެ ވާހަކަ ދެއްކި އެވެ.

އިބްރާހިމް ވެސް އަންނަނީ ބޮލީވުޑަށް ތައާރަފުވުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު އޭނާ ބޮލީވުޑަށް ނިކުންނާނެ ސީދާ އިރެއް އަދި ނޭނގެ އެވެ.