23 ޖެނުއަރީ 2022 - 19:57

ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ހަދާ، އެންމެ އަވަހަށް ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް އެޗްޕީއޭގެ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުގައި ހަދައިދޭން މިއަދު ފަށައިފި އެވެ.
ރައީސް އޮފީހުން ބުނީ ހެންވޭރު ދަނޑާއި ސޯޝަލް ސެންޓަރާއި އަދި ހުޅުމާލެ ރުއްގަނޑު 1 ގައި ހުންނަ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުން، ވަގުތުން ނަތީޖާ ލިބޭ މި ޓެސްޓް ހެދޭނެ އިންތިޒާމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމުގެ މަތިން ހަމަޖައްސައިދީފައި ވާނެ ކަމަށެވެ.
މާދަމާ ހުޅުމާލެ ދެވަނަ ފިޔަވައްސާއި މާލޭގެ އިތުރު ދެ ތަނެއްގައި ވެސް ރެޕިޑް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ބުންޏެވެ.
"ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މި ތަންތަނަށް ގޮސް ރެޕިޑް ޓެސްޓް ހެދޭނެ އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ވެސް ލިބޭނެ،" ރައީސް އޮފީހުން ބުންޏެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެޕްރޫވްޑް ކޮލިފިކޭޝަން ލިބިފައިވާ ރެޕިޑް އެންޓިޖެން ޓެސްޓްތަކަށް ހުއްދަ ދޭނެ ކަމަށް އެޗްޕީއޭ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ބުނެފައިވެ އެވެ.
ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް މިހާރު ހަދަމުން އަންނަނީ ޕީސީއާރު ޓެސްޓެވެ. ނަމަވެސް އެ ޓެސްޓް ހަދައިގެން ނަތީޖާ ލިބުމަށް ގިނަ ވަގުތު ނަގަ އެވެ. އެހެންވެ، ހަލުއިކޮށް ފެތުރެމުންދާ އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ވަނީ ރެޕިޑް ޓެސްޓް ބޭނުންކުރާ މިންވަރު އިތުރުކޮށްފަ އެވެ.
ރެޕިޑް އެންޓިޖެން ޓެސްޓަކީ 15 މިނެޓާއި 30 މިނެޓާ ދެމެދުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ، އަގުހެޔޮ އަދި އަމިއްލަ އަށް ވެސް ހަދާލެވޭ ޓެސްޓެކެވެ.
ރާއްޖޭގައި ރަސްމީކޮށް ރެޕިޑް ޓެސްޓަށް ހުއްދަ ނުދިން ނަމަވެސް ބައެއް ތަންތަނުން އަންނަނީ މީގެ ޓެސްޓް ކިޓްތައް ވިއްކަމުންނެވެ.