23 ޖެނުއަރީ 2022 - 18:44

ކޮވިޑު-19 ގެ މި ޕީކްގައި އެއް ދުވަހާ ބަލި ޖެހޭ މީހުންގެ އަދަދު 6،000 އަށް ވެސް އަރައިފާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އެޖެންސީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެޕިޑެމިއުލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު ބަލި ފެތުރޭ ސްޕީޑަށް ބަލާނަމަ ކޭސްތަކުގެ އަދަދު ދެ ގުނަ އިތުރުވެގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ނަމަވެސް ލަފާކުރާ ނަމްބަރު ރިއަލިޓީއަށް ބަލާއިރު، އަސްލު ފެންނަ ކޭސްތައް މަދުވެގެން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އާއްމުންގެ އެއްބާރުލުން ލިބޭތީ ކަމަށާއި އެކަމަކު، އޮމިކްރޮން ސްޓްރެއިންގެ ޕްރޮޖެކްޝަންތަކުގައި ލަފާކުރާ ގޮތަށް ކޭސަސްތައް ދާނަމަ 4،000-6،000 އަށް ކޭސްތައް އިތުރުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އަދި މަސައްކަތަކީ އެހާ ހިސާބަށް ކޭސް ލޯޑު ނުގޮސް ހިފެހެއްޓުމަކަށް އައުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
މިދިޔަ އަހަރު ޑެލްޓާ ވޭރިއެންޓް ފެތުރި، ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެ، އެ ބަލީގައި އެތައް ބަޔަކު މަރުވެގެން ވެސް ދިޔަ އެވެ. ނަމަވެސް އޮމިކްރޮން ވޭރިއެންޓުގައި ހާލު ދެރަވެ، ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދެވެ.
ޑރ. އަފްޒަލް ވިދާޅުވީ އޮމިކްރޮންގައި މަރުވާ މީހުން މަދުވިއަސް ކޭސް ލޯޑުން ނަގާ ޕަސެންޓޭޖުން މަރުވާ މީހުން އިތުރުވާނެ ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ އޮމިކްރޮންގައި ރާއްޖޭގެ ހާލަތު ވެސް ވަރަށް ބޮޑަށް ގޯސްވެފައިވެ އެވެ. އެއް ދުވަހާ ޕޮޒިޓިވްވާ މީހުންގެ އަދަދު 2،000 އިން މަތީގައި ހުއްޓަސް އިތުރު ފިޔަވަޅުތަކެއް އަޅަން އަދި ނުނިންމަ އެވެ.
އޭނާ ވިދާޅުވީ އެޗްޕީއޭގެ ވިސްނުން ހުރީ ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި ކޮވިޑާ އެކު އުޅެން ދަސްކުރާށެވެ.
"މިހާރު އަޅުގަނޑުމެންގެ ހިޔާލުތައް މި ހުންނަނީ ބައްޔާއެކުގައި ދިރިއުޅުން ކުރިއަށް ގެންދާ ކަހަލަ އުސޫލަކަށް. ކޮންމެ ގޮތެއް ވިޔަސް 3-4 އަހަރަށް ދިގުދެމިގެން ދިޔަސް އަޅުގަނޑުމެންނަކަށް ނުތިބެވޭނެތާ ހުރިހާ ވަގުތެއްގައި އިމަޖެންސީ ހާލަތެއްގައި،"ޑރ. އަފްޒަލް ވިދާޅުވި އެވެ.