ޑަބްލިއުއެޗްއޯ އެޕްރޫވްޑް ރެޕިޑް ޓެސްޓަށް ހުއްދަ ދެނީ
ޑަބްލިއުއެޗްއޯ އެޕްރޫވްޑް ރެޕިޑް ޓެސްޓަށް ހުއްދަ ދެނީ

ކޮވިޑު-19 ޖެހިފައިވޭތޯ ބެލުމަށް ޓެސްޓް ހެދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެޕްރޫވްޑް ކޮލިފިކޭޝަން ލިބިފައިވާ ރެޕިޑް އެންޓިޖެން ޓެސްޓުތަކަށް ކުރިއަށް އޮތް ތަނުގައި ހުއްދަ ދިނުމަށް މަސައްކަތްކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އެޖެންސީން ބޭއްވި ނިއުސް ކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑަމިއުލޮޖޮސިޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އަދި ޑަބްލިއުއެޗްއޯގެ ހުއްދަ ލިބިފައިވާ ރެޕިޑް ޓެސްޓުތަކަށް ކުރިއަށް އޮތް ތަނުގައި ހުޅުވާލެވޭތޯ ބަލާނެ ކަމަށެވެ.

ނަމަވެސް އޭގެ ބޭނުންކުރަން ހުއްދަ ދެވޭނެ ވަކި މުއްދަތެއް ވިދާޅެއް ނުވެ އެވެ.

ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް މިހާރު ހަދަމުން އަންނަނީ ޕީސީއާރު ޓެސްޓެވެ. ނަމަވެސް އެ ޓެސްޓު ހަދައިގެން ނަތީޖާ ލިބުމަށް ގިނަ ވަގުތު ނަގަ އެވެ. އެހެންވެ، ހަލުއިކޮށް ފެތުރެމުންދާ އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ވަނީ ރެޕިޑް ޓެސްޓް ބޭނުންކުރާ މިންވަރު އިތުރުކޮށްފަ އެވެ.

އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން އެ ގައުމަށް އެތެރެވުމަށް ފަހު ދެ ވަނަ ދުވަހު ކޮވިޑަށް ޓެސްޓުކުރަން ޖެހެ އެވެ. މީގެ ކުރިން ޕީސީއާރު ޓެސްޓް ހަދަން ޖެހުނަސް، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެއީ ޕީސީއާރް ޓެސްޓަކަށް ވާކަށް ނުޖެހެ އެވެ. ރެޕިޑް އެންޓިޖެން ޓެސްޓެއްގެ ނަތީޖާ ގަބޫލުކުރެ އެވެ.

ރެޕިޑް އެންޓިޖެން ޓެސްޓަކީ 15 މިނެޓާއި 30 މިނެޓާ ދެމެދުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ، އަގުހެޔޮ، އަމިއްލަ އަށް ވެސް ހަދާލެވޭ ޓެސްޓެކެވެ.

ރާއްޖޭގައި ރަސްމީކޮށް ރެޕިޑް ޓެސްޓަށް ހުއްދަ ނުދިން ނަމަވެސް ބައެއް ތަންތަނުން އަންނަނީ ޓެސްޓް ކިޓް ވިއްކަމުންނެވެ.