23 ޖެނުއަރީ 2022 - 15:37

ހިޔާ ފްލެޓްތަކުގައި ދަންވަރުގެ ވަގުތުތަކުގައި އަޑުގަދަވާ ކަހަލަ މަސައްކަތްތައް ކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެ މަސައްކަތްތައް ހުއްޓުވާފައި ވެސް ވާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި 5،000 އަށް ވުރެ ގިނަ މީހުން މިހާރު އުޅެމުން އަންނައިރު އެ މީހުންގެ އެއް ކަންބޮޑުވުމަކީ ދަންވަރު އެންމެން ނިދާ ވަގުތާ ދިމާކޮށް، ޖެހިގެން ހުންނަ ފްލެޓްގައި ތަންތަން ތޮރުފުމާއި މުށި ކެފުން ކަހަލަ އަޑުގަދަ މަސައްކަތްތައް ކުރާތީ އެވެ.
އެ ތަނުގައި އުޅޭ ބައެއް މީހުން، "މިހާރު" އަށް ބުނިގޮތުގައި އެކަމުގެ ޝަކުވާ ފުލުހުންނަށް ވެސް ހުށަހެޅި އެވެ. އެކަމަކު ފުލުހުންގެ ޖަވާބަކަށް ވަނީ 24 ގަޑިއިރު މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ ކަމަށެވެ. އެގޮތަށް 24 ގަޑިިއިރު މަސައްކަތް ކުރުމުގެ ހުއްދަ އެޗްޑީސީން ދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ފްލެޓްގެ އެތެރޭގެ މަސައްކަތް ނިންމަން ދިން މުއްދަތަށެވެ.
ނަމަވެސް ގިނަ ބަޔަކު ފްލެޓަށް ދިރިއުޅުން ބަދަލުކުރަން ފެށުމާއެކު، މިދިޔަ ޑިސެމްބަރު މަހުގެ 30 ގައި އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ ރޭގަނޑު 10:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް އަޑުގަދަވާ އެއްވެސް މަސައްކަތެއް ފްލެޓްތަކުގައި ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
މަނާކޮށްފައި އޮތަސް ބައެއް މީހުން ދަންވަރު މަސައްކަތް ކުރާތީ، އެކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން އެޗްޑީސީން ބުނީ އެކަމުގެ ޝަކުވާ އެ ކުންފުންޏަށް ވެސް ލިބެމުންދާ ކަމަށެވެ. އެ ޝަކުވާތައް ލިބުމުން އެކަން ބަލައި ހުއްޓުވަމުން އަންނަ ކަމަށާއި އެގޮތަށް މަސައްކަތް ކޮށްގެން ކުރާ ރިޕޯޓްތައް ވެސް މިހާރު މަދުވެފައިވާ ކަމަށެވެ.
ފްލެޓްތަކުގެ މަސައްކަތް ކުރުމަށް ދިން މުއްދަތު ސަރުކާރުން ވަނީ މި އަހަރުގެ މާޗު މަހުގެ 31 އަށް އިތުރު ކޮށްދީފަ އެވެ. އެ މުއްދަތާ ހަމައަށް ފްލެޓްގެ ކުލި ވެސް ފަސްކޮށްދީފައިވާއިރު، އެތަނުގެ މަހު ކުއްޔާ އެކު ސާވިސް ފީގެ ގޮތުގައި 8،500 ރ. ދައްކަން ޖެހެ އެވެ.