އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ކައުންސިލުން އަމިއްލަ އަށް ހަދަނީ
އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ކައުންސިލުން އަމިއްލަ އަށް ހަދަނީ

އައްޑޫގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައެޅުމަށް ހަދަން ޖެހޭ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ހަދަން ހަވާލުކުރި ކުންފުނިން އެ މަސައްކަތް ނުނިންމައި ގިނަ ދުވަސްވަމުން ދާތީ، އެންމެ ފަހުން އެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން އަމިއްލަ އަށް ކުރަން ނިންމާއި މިއަދު އޭގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ކައުންސިލުން އަމިއްލަ އަށް ހަދަނީ
އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ކައުންސިލުން އަމިއްލަ އަށް ހަދަނީ

މި މަސައްކަތް ފެށުމުގެ ގޮތުން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ހަދަން ހަވާލުކުރި ރިޔަން ޕްރައިވެޓް ލިމިޓެޑުން އެ މަސައްކަތް އިތުރަށް ކުރަން ބޭނުންނުވާ ކަމަށް ބުނެ، ކައުންސިލާއެކު ހެދި އެއްބަސްވުން އުވައިލަން އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ކައުންސިލުން އަމިއްލަ އަށް ލޭންޑް ޔޫސް ޕްލޭން ހަދަން ނިންމީ، އެ މަސައްކަތް ނުނިމި މިހާރު މާ ބޮޑަށް ދިގުލައިގެން ގޮސްފައި ވުމާއެކު، އައްޑޫގައި ބިން ބޭނުންކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައި ވާތީ، އެ މައްސަލަ އަށް އަވަސް ހައްލެއް ލިބޭނީ އަމިއްލަ އަށް އެ މަސައްކަތް ކޮށްގެން ކަމަށް ފެންނާތީ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކައުންސިލުން އަމިއްލަ އަށް މި މަސައްކަތް ކުރިޔަސް، ހަމަ ކަމެއް ކޮށްލަން ކުރާ ގޮތަކަށް ނޫން ކުރާނީ. މިކަމަށް ބޭނުންވާ އެކްސްޕަޓީސްގެ އެހީތެރިކަން ވެސް އަޅުގަނޑުމެން ހޯދާނަން،" އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި، ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތާ ކައުންސިލުން ހަވާލުވިއިރު، މި ޕްލޭން ހެދުމަށް ކުރަން ޖެހޭ އެންމެ ބުރަ މަސައްކަތް ކަމަށްވާ ޗާޓު ހެދުން އޮތީ ނިމިފަ އެވެ. އަދި ބޭސްލައިން ސާވޭތަކާއި ކުރެހުންތައް ވެސް ހުރީ ނިމިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ބާކީ އޮތީ ބިންތައް ބޭނުންކުރާނެ ގޮތާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާތަށް ހޯދައިގެން، ޕްލޭންތައް ފައިނަލްކުރުން،" މޭޔަރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ވެސް ނިމި، ލޭންޑް ޔޫސް ޕްލޭނަށް އަމަލުކުރަން ފެށޭނެ ކަމަށް ނިޒާރު ލަފާކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ އައްޑޫ ތަރައްގީ ކުރަން، ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން ހަދާ ޕްލޭނެކެވެ.

މި ޕްލޭން ނިމުމާއެ،ކު އައްޑޫން މީހުންނަށް ގޯތި ވެސް ދެވޭނެ ކަމަށާއި ބިމުގެ ދަތިކަން ހައްލުކުރުމަށް އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް އިރު، އެ މަޝްރޫއު މިހާރު އޮތީ އެވޯޑް ކުރުމުގެ މަރުހަލާގައި ކަމަށް ނިޒާރު ވިދާޅުވި އެވެ.

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނިންމަން ކައުންސިލްތަކަށް އެންމެ ފަހުގެ ތަރީހެއްގެ ގޮތުގައި އެލްޖީއޭ އިން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 އެވެ. އެކަމަކު އެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ގިނަ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ނުނިމެވެ.

ގިނަ ރަށްރަށުގައި ލޭންޑް ޔޫސް ޕްލޭން ނުނިމި އޮތީ، އެ މަސައްކަތް ކުރާނެ ބަޔަކު ނުލިބުމާއި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުން މަސައްކަތް ނިންމުން ލަސްވަމުން ދާތީ އެވެ.

އެލްޖީއޭ އިން ބުނެފައި ވަނީ ލޭންޑް ޔޫސް ޕްލޭން ނުނިމުނަސް، ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބިގެން ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ އިދާރާ އިން ވެސް އަންނަނީ 42 ރަށެއްގައި ލޭންޑް ޔޫސް ޕްލޭން ހަދައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.