ކާޑެއްދޫ އެއާޕޯޓް އަންނަ މަހު ވިލާއާ ހަވާލުކުރަނީ
ކާޑެއްދޫ އެއާޕޯޓް އަންނަ މަހު ވިލާއާ ހަވާލުކުރަނީ

ގދ. ކާޑެއްދޫ އެއާޕޯޓް، ވިލާ އެއާގެ އަތުން އަތުލީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުމަށް އަންނަ މަހު އެ ކުންފުންޏާ ކާޑެއްދޫ އެއާޕޯޓް ހަވާލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގުން 2013 ވަނަ އަހަރު 50 އަހަރަށް ވިލާ އެއާ ކުންފުންޏަށް ދީފައި ވަނިކޮށް ޖެނުއަރީ، 2017 ގައި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ. އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއީދުކުރި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ، އަންނަ މަހުގެ މެދު ތެރޭގައި އެއާޕޯޓް ވިލާއާ ހަވާލުކުރެވޭނެ ކަމަށެވެ. އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލީ ގާސިމް ވިދާޅުވެފައިވާ ގޮތުގައި ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުންނެވެ.

ސުޕްރީމްް ކޯޓުގައި ކުރިއަށްދިޔަ އެ މައްސަލައިގެ އަޑުއެހުމުގައި ގާސިމް ވިދާޅުވީ ވިލާ އިން ކާޑެއްދޫ އެއާޕޯޓް ހިންގީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އޭރު ސިވިލް އޭވިއޭޝަނުން އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ނުވަތަ ލައިސަންސް ބާތިލް ނުކުރުމަކީ އެ އެއްބަސްވުމާ ވިލާ އެއާއިން ޚިލާފް ނުވާކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެއާޕޯޓް އަތުލިތާ ހަތަރު އަހަރު މިހާތަނަށް ވީއިރު ވެސް އެތަނުގެ ހާލަތު ބަދަލުވެފައި ނުވާ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓް މިހާރު ހިންގަމުން އަންނަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ. އެއާޕޯޓްގެ ހާލަތު ދަށް ކަމުގެ ޝަކުވާތައް އެތަން ބޭނުންކުރާ މީހުން ވަރަށް ބޮޑަށް ފާހަގަކުރެ އެވެ. އެއާޕޯޓް އޮތް ރަށުގެ ޖެޓީގައި މިދިޔަ ހުކުރު ދުވަހު ރެނދުލައި އަރިއަޅާލައި ކޮންކްރީޓްގަނޑުން ބައެއް ފަޅަށް ވެސް ވެއްޓުނެވެ.