23 ޖެނުއަރީ 2022 - 12:40

ކޮވިޑް-19 ގެ ސަބަބުން ދަރިވަރުން ސްކޫލަށް ދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިމަތިކުރުވަމުންދާ ހުރަސްތައް ނައްތާލަންޖެހޭ ކަމަށް ބުނެ، އައިލެންޑާސް އެޑިއުކޭޝަނުން ބުނެފި އެވެ.
ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލާއި ކެންގަރޫ ކިޑްސް އަދި އަމީރު އަހުމަދު ޕްރީ ސްކޫލް ހިންގަމުން އަންނަ ކުންފުނިން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީގައި ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ނަމުގައި ސްކޫލްތަކަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެހެންވެ، އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓާ އަދްލީ ރަޝީދު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވަނީ ތައުލީމީ ދާއިރާ އަށް އިސްކަންދީ، ތަހުޒީބު އެހެން ގައުމުތަކުން ގެންގުޅޭ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ އެޖެންސީ އަށް ގޮވާލައިފަ އެވެ.
އެއީ، ދަރިވަރުންގެ ކިޔެވުމުގެ ހައްގުތަކަށް ބުރޫ ނާރާނެހެން ކޮވިޑު ފެތުރުން ކޮންޓްރޯލްކުރަން ހަދާފައި ހުރި ޕޮލިސީތަކެއް ކަމަށް އަދްލީ ވިދާޅުވި އެވެ.
"އެކަމަކު ސްކޫލުތަކަށް ވުރެ މާ ހައި ރިސްކް ތަންތަން ކަމަށްވާ ޕާކްތަކާއި ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި އަދި ސްކޫލަށްފަހު އޮންނަ އާފްޓާ ސްކޫލް ހަރަކާތްތައް ވެސް މި އޮންނަނީ ހުޅުވާލެވިފައި. މިއީ އަޅުގަނޑުމެން ދެކޭގޮތުގައި ކުދިންގެ ތައުލީމާ މެދު އެޗްޕީއޭ އިން ވިސްނާ ނުލައި ވަރަށް ދެރަކޮށް ކުރާ ކަމެއް،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލްތަކަށް އިސްކަންނުދީ އެހެން ހުރިހާ ކަމެއް ކުރިއަށް ނެރޭތީ އާއްމުންނަށް ވިސްނިފައި އޮންނަނީ ޕެންޑެމިކް ތެރޭގައި ދަރިވަރުން ސްކޫލަށް ނުފޮނުވިޔަސް ރަނގަޅު ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް ފާއިތުވި ދެ އަހަރު ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުންޏެވެ.
ކޮވިޑުގެ ފުރަތަމަ އަހަރު މާލެ ސަރަހައްދުގެ ގިނަ ދަރިވަރުންނަށް ކިޔަވައިދީފައިވަނީ އޮންލައިންކޮށެވެ. މަސް ދުވަހުގެ ބަންދަށްފަހު މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ކިޔެވުން ފެށިއިރު ކޮވިޑުގެ ކޭސްތައް އަނެއްކާ ވެސް އިތުރުވެފައިވާތީ އެޗްޕީއޭގެ ލަފައާއެކު ސްކޫލްގައި ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު ވެސް ވަނީ މަދުކޮށްފަ އެވެ.
އެ ސިޓީގައި ވެސް ބުނީ އޮންލައިންކޮށް ކިޔެވުމާއި ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔެވުން މިހާރު އޮންނަނީ އެއްވަރު ކަމަށް އާއްމުންނަށް ބެލެވިފައި އޮންނަ ކަމަށެވެ. އެކަމަކު ސްކޫލަށް ހާޒިރުވެގެން ކިޔެވުމާއި އޮންލައިންކޮށް ކިޔެވުން އެއްވަރެއް ނުކުރެވޭނެކަން ފާހަގަކޮށްފައިވެ އެވެ.
"މިއީ ޕޮލިސީ ލެވެލްގައި ތައުލީމީ ނަޒަރަކުން ނުވިސްނާތީ އެންމެންނަށް މިހާރު ވަރަށް ބޮޑަށް އޮޅިފައިވާ ކަމެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ވަސީލަތްތައް ނެތް ދަރިވަރުން، ގޭގައި ކިޔެވުމުގެ މާހައުލެއް ނުލިބޭ ދަރިވަރުން އަދި ޕްރީ ސްކޫލް ދަރިވަރުންނަށް އޮންލައިން ސްކޫލެއްގައި އެންމެ ރަނގަޅަށް ކިޔަވައެއް ނުދެވޭނެ އެވެ. ސްކޫލްތައް އެއްކޮށް އޮންލައިންކޮށް ބަދަލުކުރަންވާނީ މުޅި ގައުމު އެއްކޮށް ބަންދުކޮށް އެންމެ ފަހު ކަމެއްގެ ގޮތުގަ އެވެ." ސިޓީގައި ބުންޏެވެ.
މުގައްރަރާ އެއްގޮތަށް ފިލާވަޅު ނަގައިދިނުމުގެ އިތުރަށް ދަރިވަރުންނަށް ފިލާވަޅުތައް ދެން އޮތް ގްރޭޑަށް ދެވޭނެ ފަދަ އެކަށީގެންވާ މިންވަރަކަށް ދަސްވިތޯ ޔަގީންކުރުމަކީ ވެސް ޓީޗަރުންގެ ޒިންމާއެކެވެ. އެކަމަކު، ވޭތުވެދިޔަ ދެ އަހަރު ދަރިވަރުންގެ ކިޔެވުމަށް އައި ހުރަސްތަކުގެ ސަބަބުން މަންހަޖު ދޭހަ ނުވިޔަސް ގްރޭޑް ބަދަލުކޮށްފައިވެ އެވެ.
މިހާރު ވެސް ދަރިވަރުންގެ ކިބައިގައި ދިވެއްސާއި އިނގިރޭސި އަދި ހިސާބު ލިޔަންކިޔަން ދަތުމުގެ ހުނަރާއި ގުނަން އެނގުން ފަދަ އަސާސީ ހުނަރުތައް ކުރިއެރުމުގައި ލަސްވުމެއް ކުރިމަތިވެފައިވާ ކަމަށާއި އެއީ ޖީލެއްގެ ދަރިވަރުންނަށް ދިގު ދެމިގެންދާނެ ނޭދެވޭ އަސަރުތަކެއް ކުރިމަތިވާނެ ކަމެއްކަން ވެސް ސިޓީގައި ބުންޏެވެ.
"މިކަންކަން މިހެން އޮތް ހިނދު ތައުލީމީ ދާއިރާގެ ހުރިހާ ކަމެއް ރަނގަޅު ކަމަށް ނިންމައިގެން ތިބެވޭކަށް ނެތެވެ. އެޗްޕީއޭއިން ދަރިވަރުން ސްކޫލަށް ދިއުމަށް ކުރިމަތިކުރުވަމުންދާ ހުރަސްތައް ނައްތާލަންޖެހެ އެވެ. އެހެން ހުރިހާ ދާއިރާތަކަށް ހުރަސް އަޅާފައި ވެސް ސްކޫލްތައް ހުޅުވަންޖެހެ އެވެ. ސްކޫލްތައް ބަންދުކުރަން ވާނީ އެންމެ ފަހުން، އެހެން ހުރިހާ ތަންތަނެއް ބަންދުކުރުމަށް ފަހު އެވެ،" ސިޓީގައި ބުންޏެވެ.
"ސްކޫލްތަކަކީ އެންމެ ފުރަތަމަ ބަންދުކޮށް އެންމެ ފަހުން ހުޅުވިގެންދާ ތަންތަން ކަމުގައި ހަދައި އެޗްޕީއޭއިން ނެރެމުންދާ ޕޮލިސީތަކަކީ އެއްގޮތަކަށް ވެސް ބުއްދަ ގަބޫލުކުރެވޭ ހަމަޖެހޭ ޕޮލިސީއެއް ނޫނެވެ. މިއީ ދުނިޔޭގައި ތަހުޒީބު ވެފައިވާ އެހެން އެއްވެސް ކަންކޮޅެއްގައި ވެސް ގެންގުޅޭ އުސޫލެއް ނޫނެވެ."