15 ޑިސެމްބަރ 2016 - 21:46

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ހއ. ދިއްދޫ އެއްލައްކަ ކަޕުގެ ފައިނަލުގައި ދިއްދޫގެ ވާދަވެރި ދެ ސަރަހައްދަކަށް ނިސްބަތްވާ ބްލެކްޒީނޯ އާއި ޓީނޭޖް ބޯއީސް ވާދަކުރަން ޖެހި ފައިނަލުގެ ފޯރި ގަދަވެއްޖެ އެވެ.

ދިއްދޫގެ ދެކުނު ސަރަހައްދަށް ނިސްބަތްވާ ބްލެކްޒީނޯ ފައިނަލުގެ ފުރުސަތު ހޯދީ ފުރަތަމަ ސެމީ ފައިނަލުގައި އިއްޔެ ހަވީރު އުތުރު ސަރަހައްދަށް ނިސްބަތްވާ ޓީނޭޖުގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން 8-1 އިން ކުރި ހޯދުމަށް ފަހު އެވެ. މި މެޗުން ބަލިވުމުން ޓީނޭޖަށް ދެން ޖެހުނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ ޓީމު ކަމަށްވާ ނާޑު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭށެވެ. މިއަދު ކުޅުނު މެޗު 3-2 އިން ކާމިޔާބުކޮށް ޓީނޭޖް މިވަނީ ފައިނަލުގައި ބްލެކްޒީނޯއާ ވާދަކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.

މި މުބާރާތް 2014 ވަނަ އަހަރު ކާމިޔާބުކުރި ބްލެކްޒީނޯ އާއި މިދިޔަ އަހަރުގެ ޗެމްޕިއަން ޓީނޭޖް ހޮނިހިރު ދުވަހު ބައްދަލުކުރާ ފައިނަލް މެޗުގެ ފޯރި މިހާރު ވެސް ވަނީ ދިއްދޫގައި ވަރަށް ގަދަވެފަ އެވެ. ރަށުގެ ދެ ސަރަހައްދަށް ނިސްބަތްވާ ދެ ޓީމުގެ ކުރިމަތިލުމަކަށް ވުމާ އެކު ވާދަވެރިކަން ވަރަށް ބޮޑެވެ. މީގެ އިތުރުން ސެމީ ފައިނަލުން ބޮޑު ތަފާތަކުން ޓީނޭޖް ބަލިވެފައިވާތީ ފައިނަލުގައި ބްލެކްޒީނޯ އަތުން ބަދަލު ހިފަން ޓީނޭޖް އޮތީ ތައްޔާރަށެވެ.
"ރަށުގައި ފައިނަލުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވަނީ. ހުރިހާ ރައްޔިތުން ވެސް ފައިނަލަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަނީ،" މުބާރާތުގެ އިންތިޒާމް ކޮމިޓީގެ މެމްބަރަކު ބުންޏެވެ.
ފައިނަލް މެޗު ބެލުމަށް ކައިރި ރަށްރަށުން ވެސް ދިއްދޫ އަށް މީހުން ޖަމާވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ މުހިއްމު ތިން ކުޅުންތެރިޔަކު ބްލެކްޒީނޯ އަށް ކުޅެ އެވެ. އެއީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އާއި ހުނަރުވެރި އެޓޭކިން މިޑްފީލްޑަރު އިސްމާއިލް އީސަގެ އިތުރުން އުއްމީދީ މިޑްފީލްޑަރު މުހައްމަދު އިރުފާނެވެ. ޓީނޭޖަށް ބަލާއިރު އެ ޓީމުގައި މި އަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕުގައި މޮޅަށް ކުޅުނު ބައެއް ކުޅުންތެރިން ހިމެނެ އެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެ ރަށުގައި ކުރިއަށްގެންދަވާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ލަތީފަކީ 80ގެ އަހަރުތަކުން ފެށިގެން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ހިންގައި އެ ރަށުގައި ޒުވާނުންނާ ގުޅޭ ހަރަކާތްތަކާއި އިޖްތިމާއީ ކަންކަން ރޭއްވެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން ދިއްދޫ ޓީމަށް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެންގޮސް ލަތީ ވަނީ ކުޅުވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިހާބުވެ، ލަތީ ވަނީ ދިއްދޫގައި އެއް ވަނަ އަށް 100،000ރ. ލިބޭ ފުޓްބޯޅަ މުބާރާތުގެ އިތުރުން ގުރުއާން މުބާރާތެއް ބާއްވަވައިފަ އެވެ. އަދި އެ ރަށަށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ގެންގޮސް ފުޓްބޯޅައިގެ ބޮޑު ހަރަކާތްތެއް އިންތިޒާމްކުރެއްވި އެވެ.