23 ޖެނުއަރީ 2022 - 07:51

ބުދަ ދުވަހާ ގުޅޭ
އެއާ އެކުއެކީގައި، ރަޖުވާންގެ މިޒާޖުގައި ހުރި ތަފާތު ސިފައެއް ވެސް އަމާނާއަށް ފާހަގަކުރެވެން ފެށިއެވެ. ބައެއް އަކުރު ކިޔަން ރަޖުވާނަށް ވަރަށް އުނދަގުލެވެ. އެއްޗެއް ބުނެދިނީމައި އެ ނަގައިގަންނަން ވެސް ގިނަ ފަހަރު އުނދަގޫވެއެވެ. އާދައިގެ ކަންކަމާ ރުޅިއައިސް، އަމާނާ ގައިގައި ވަކިއަޅައި، ކަމަކާ ނުލައި ގަޑިއެއްހައި އިރު ރޮއިފާނެއެވެ. އެއީ ކުޑަކުދިންގެ އާންމު މިޒާޖެއް ނޫނެވެ. އަމާނާ އެންމެ ހައިރާންވީ، އެއިން އެއްވެސް ކަމެއް ފަޒީލަށް ފެންނަކަމަށް ނަހަދާތީއެވެ. ފަޒީލުގެ ނަޒަރުގައި އެއީ އާދައިގެ ކަމެކެވެ. ރަޖުވާން އުމުރުގެ ކުދިން އެހެން އުޅޭނެއެވެ. އުމުރު މަތިވާ ވަރަކަށް ރަނގަޅުވާނެއެވެ. އަމާނާއަކަށް އެއްބަހެއް ނުވެވުނެވެ. އެކި ދުވަހު އެކި ގޮތަށް ވާހަކަދައްކަމުން ގޮސް އަމާނާގެ ކެތްތެރިކަން ކޮޅުންލިއެވެ.
"އަހަރެން ބޭނުން ރަޖުވާން ޑޮކްޓަރަށް ދައްކަން،" އަމާނާ ވަރަށް ސާބިތުކަމާ އެކުގައި ބުންޏެވެ. "އެއީ ނޯމަލްކަމެކޭ ޑޮކްޓަރު ބުނެފިއްޔާ އަހަންނަށް އޯކޭ."
"އަހަރުމެންގެ ދަރިފުޅު އެނގޭނީ އަހަރުމެންނަށް. އަހަންނަށާ އަމާނާއަށް،" ފަޒީލު ބުންޏެވެ. "އެހެންނޫނަސް ރަޖުވާން ދައްކާ ކަހަލަ ޑޮކްޓަރެއް ރާއްޖެއަކު ނުވެސް ނެތް. އަމާނާއަށް ވެސް އެނގޭނެ އެ ކަން."
އަމާނާ ވިސްނައިލިއެވެ. ހިތަށްއެރިއެވެ. ފަޒީލު ބުނީ ތެދެކެވެ. ހަގީގަތުގައި ވެސް އެ ޒަމާނަކީ، އެ ނަފުސާނީ ކަންކަމަށް ފަރުވާދޭ ޑަކުޓަރުން ރާއްޖޭގައި ތިޔާގި ޒަމާނެއް ނޫނެވެ.
"އެހެންވިއްޔާ ލަންކާއަށް ހިނގާ. އިންޑިޔާއަށް ހިނގާ،" އަމާނާ އެދުނެވެ. "އަހަރުމެންނަށް ދެވޭނެއްނު."
އަމާނާ ހީކުރީ ފަޒީލު ކޮންމެވެސް ބަހަނާއެއް ދައްކާނެކަމަށެވެ. އެކަމަކު ފަޒީލު ދެކޮޅެއް ނެހެދިއެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ބޯޖަހައިލިއެވެ. އެހާ ފަސޭހައިން ފަޒީލު އެއްބަސްވުމުން އަމާނާ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް ފަޒީލު ދިޔައީ ދަތުރަށް ތައްޔާރުވަމުންނެވެ. ޕާސްޕޯޓު ހައްދައި، ޑޮލަރު ހޯދައި، އޮފީހަށް ޗުއްޓީ ސިޓީ ލިއެވެ. ސިޓީ ލިޔުނީ އަމާނާއަށް ދައްކައިގެންނެވެ. އެ ސިޓީއަށް ދެން ހެދީ ކިހިނެއް ހެއްޔެވެ؟ އަމާނާއަކަށް އެޔެއް ނޭނގެއެވެ. ޖެހިގެންއައި ދުވަހު ފަޒީލު އޮފީސް ނިންމައިފައި ގެއަށް އައި އިރު ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. އަމާނާ ސުވާލުކުރިއެވެ.
"ޗުއްޓީއެއް ނުދިން،" ވަރަށް ފޫހިވެފައި ފަޒީލު ބުންޏެވެ. "އަހަރެން ބުނިން ދަރިފުޅު ޑޮކްޓަރަށް ދައްކަންވެގެންނޭ. ވަރަށް އިމަޖެންސީއޭ. ބުނީ މި ދުވަސްކޮޅު އެތައް ބަޔަކު ޗުއްޓީގަޔޯ އުޅެނީ. އެހެންވެ އަހަންނަކަށް ޗުއްޓީއެއް ނުދެވޭނެޔޯ."
އަމާނާއަކަށް ގަބޫލެއް ނުކުރެވުނެވެ. އެކަމަކު ހަގީގަތް ހޯދޭނެ ގޮތެއް ވެސް ނެތެވެ. ސިޓީ ލީންތޯ އަހައިގެން ފަޒީލު ރުޅިއަތުވެއްޖެއްޔާ ފަހުން ހިތާމަކުރަން ޖެހޭނީ ވެސް އަމާނާއަށެވެ. ހުރިހައި ދިމާއަކަށް ވިސްނައިފައި އަމާނާއަށް ފެނުނު އެންމެ މޮޅު ގޮތަކީ، މާލެއަށް ރަނގަޅު ޑަކުޓަރަކު އަންނަންދެން އިންތިޒާރުކުރުމެވެ. އެ ކަމަށް ލޯހުޅުވައިގެން ހުރުމެވެ.
ރަޖުވާނާއި ފަޒީލުގެ ފަރާތުން ފެންނަމުންދިޔައީ ދާދި އެއްގޮތް އަލާމާތްތަކެކެވެ. އާންމު ގޮތެއްގައި އެ މީހުންގެ މައްސަލައެއް ނުހުރެއެވެ. ކެއުންބުއިމާއި، ކުޅެ ސަކަރާތްޖެހުމުގައި ވެސް އެއްވެސް އައިބުކަމެއް، އުކުނޑިކޮއްޓުމެއް ނުހުރެއެވެ. އެކަމަކު، ހަމަ ހުރެފައި މިޒާޖު ބަދަލުވެދާނެއެވެ. ރުޅިގަދަވެދާނެއެވެ. އަނގަގަދަވެދާނެއެވެ. ހަމަނުޖެހޭ ވާހަކަދައްކަން ފަށައިފާނެއެވެ. ވާހަކަދެއްކުން ހުއްޓައިލަފާނެއެވެ. އެއްދިމާއަކަށް ބަލަން އިނދެދާނެއެވެ. ފެންނުވަރާ ދުވަސްކޮޅެއް އަތުވެދާނެއެވެ. އެ ދުވަސްކޮޅު ކާނީ ވަރަށް މަދުންނެވެ. އަވަހަށް ނިދައިފައި ލަހުން ހޭލަފާނެއެވެ. ލަހުން ނިދައިފައި އަވަހަށް ހޭލަފާނެއެވެ. ބައެއް ފޯވަހި ދެ ހަފުތާއަށް ދެމިގެންދާ އިރު، އަނެއްބައި ފޯވަހި މަހަކަށް ވެސް ދެމިގެން ހިނގައިދާނެއެވެ. އަމާނާ ކެތްކޮށްލައިގެން ހުރީއެވެ.
ނަފުސާނީ ބަލިތަކަށް ފަރުވާދޭ ޑަކުޓަރުން ރާއްޖެއަށް އަންނަން ފެށި އިރު ރަޖުވާނަށް ދިހަ އަހަރު ފުރިއްޖެއެވެ. އެއް ފަހަރަކު ރަޝިޔާގެ އަންހެން ޑަކުޓަރެއް އައެވެ. އޭނަގެ މޮޅުކަމުގެ ވާހަކަ ނުދައްކާ މީހަކު ނެތެވެ. އަމާނާ ގަސްތުކުރީ އެ ފުރުސަތުގެ ބޭނުންހިފާށެވެ. ފަޒީލު އެއްބަހެއް ނުވިއެވެ. ކުރިން ދެެކެވުނު ވާހަކަ އަމާނާ ހަނދާންކޮށްދިނުމުން ވެސް ދައްކަން ފެށީ ބަހަނާއެވެ.
"އެއީ ކިތައް އަހަރު ކުރި؟" ފަޒީލު ސުވާލުކުރިއެވެ. "އޭރު އޭނަ ސަކަރާތްކަމަށް އަހަރެން ވެސް އެއްބަސް. އެކަމަކު މިހާރު ދިހަ އަހަރު ފުރިއްޖެ. ހުރިހާ ކަމެއް ނޯމަލްވެއްޖެ! އެހެންނޫނަސް މި ދުވަސްކޮޅު ފައިނޭންޝަލީ ވަރަށް ޓައިޓް."
"އަހަރެން އަތުގަ ލާރި އެބަހުއްޓޭ!" އަމާނާ ބުންޏެވެ. "އަހަރެންގެ ދަރިފުޅަށް އަހަރެން ހަރަދުކުރުމަކީ މައްސަލައެއް ނޫނެއްނު!"
"އެއީ މައްސަލައެއް!" ފަޒީލު ދުލެއް ނުދިނެވެ. "ވަރަށް ބޮޑު މައްސަލައެއް. އަހަންނަށް އެފޯޑުނުކުރެވޭތީ ދޯ އަމާނާ ސްޕެންޑްކުރަން ޖެހޭނީ. ދަރިފުޅު ބެލުމަކީ އަހަރެންގެ ޒިންމާއެއް ދޯ؟ މީހުން ވަރަށް މަލާމާތްކުރާނެ. ދެން އަމާނާ ބުނާނެ މީހުން ކިޔާ އެއްޗެއް ކިޔާފާނެ ނޫންހޭ. ނޫނީ، މީހުންނަކަށް ނޭނގޭނޭ. ބަލަ އަހަރެންގެ ސެލްފް ވެސް އަހަންނަށް މަލާމާތްކުރެޔޭ! ދެނޯ؟"
ފަޒީލު ބިރުގަންނަނީ ކޮން ކަމަކާ ކަމެއް އަމާނާއަކަށް ނޭނގެއެވެ. ހުއްދަ ނުލިބުމުން އަމާނާއަށް މަޖުބޫރުވީ ސިއްރުން އެ ކަން ކުރާށެވެ. އުނދަގޫ ނިންމުމެއް ނިންމާށެވެ. ފަޅާއަރައިފިއްޔާ ވާނީ ކިހިނެއްކަން ބުނަން ވެސް އަމާނާއަށް ދައްޗެވެ. އެހެންވިޔަސް، އެ ހިރާސްނަގަން އަމާނާ ތައްޔާރެވެ. ދަރިފުޅަށް ޓަކައެވެ. ފިރިމީހާއަށް ޓަކައި ވެސް މެއެވެ. އަމާނާގެ ނަޒަރުގައި ހައްލަކީ ފޮރުވުމެއް ނޫނެވެ. ފަރުވާކުރުމެވެ.
ޑަކުޓަރުގެ މިވާދެއް ހޯދަން ނަން ނޯޓުކޮށްގެން އަމާނާއަށް އެ ކަން ކާމިޔާބުވިއެވެ. ރަޖުވާން ތައްޔާރުކޮށްގެން ގެއިން ނުކުތެވެ. މަގުމަތިން ފަޒީލު ދިމާވިއެވެ. އަމާނާއަށް ޖެހުނީ ދޮގެއްހަދާށެވެ. އެ ކަން ވެސް ކުރިއެވެ. ޑަކުޓަރު އެތައް ސުވާލެއްކޮށް، ޓެސްޓުތަކެއް ވެސް ހެދިއެވެ. ވަރަށް ދިގުކޮށް މަޝްވަރާކުރިއެވެ. ރަޖުވާންގެ ބައްޕަ ގެންނަން ޑަކުޓަރު އެތައް ފަހަރަކު އެދުނެވެ. ނުގެނެވޭނެ ސަބަބު ވެސް އަމާނާ ޖެހުނީ ކިޔައިދޭށެވެ. ޑަކުޓަރުގެ ހުކުން ކުރުވެފައި ސާދާއެވެ.
"ދަރިފުޅުގެ މައްސަލަތަކެއް އެބަހުރި،" ރިޕޯޓުތައް ދައްކަމުން ޑަކުޓަރު ބުންޏެވެ. "ސްޕީޗް ތެރަޕީ ފަށަން މިހާރު ވެސް ލަސްވެއްޖެ! ދަރިފުޅުގެ ބައްޕައަށް ސިއްރުން ހުރިހާ ކަމެއް ނުކުރެވޭނެ. އޭނައަށް ވިސްނައިދޭން ޖެހޭނީ. މި ތަނަށް އޭނަ ނުގެނެވެންޏާ އަމާނާ އެ ކަން ކުރަން ޖެހޭނީ. އޭނަ ވަރަށް ބަހަނާދައްކާނެ. އަހަންނަށް ހީވަނީ ބައްޕަގެ ފަރާތުންހެން ދަރިފުޅަށް މި ބަލި ވާރުތަކުރީ."
ފަޒީލު ކަންކަން ސިއްރުކުރި ސަބަބު އަމާނާއަށް ވިސްނުނެވެ. ރުޅިއައުމުގެ ބަދަލުގައި އަމާނާ ވީ ދެރައެވެ. އެކަމަކު ފަޒީލު ރުޅިއަންނާނެކަން އަމާނާއަށް އެނގެއެވެ. ރަޖުވާން ޑަކުޓަރަށް ދެެއްކީމައެވެ. އަމާނާ ބޭނުންވީ ކުރިމަތިލާށެވެ. ކައިވެންޏަށް ޓަކައެވެ. އޮފީސް ނިންމައިފައި ފަޒީލު ގެއަށް އައި އިރު އަމާނާ އިނީ ހުރިހާ ރިޕޯޓެއް މޭޒުމަތީގައި އަތުރައިގެންނެވެ. ފަޒީލަށް އެއްވެސް ފުރުސަތެއް ނުދީ، ހުރިހައި ވާހަކައެއް އަމާނާ "އެއް ނޭވައިން" ނިންމައިލިއެވެ.
"ސްޕީޗް ތެރަޕީ މިހާރު ފަށަން އެބަ ޖެހޭ،" އަމާނާ އިތުރަށް ބުންޏެވެ. "ލަސްވާ ވަރަކަށް ހައްތަހާ އުނދަގޫވާނީ. ފަޒީލު ވެސް ހިނގާ އެ ޑޮކްޓަރަށް ދައްކަން."
ފަޒީލު ހަގީގަތް ސިއްރުކުރި ވާހަކަ އަމާނާއަށް ދެއްކުނީހެވެ. ޝަކުވާ ވެސް ކުރެވުނީހެވެ. އެހެން ނެހެދީއެވެ. ހައްލު ބޭނުންވާތީއެވެ. އެ ވަރުން ވެސް ފަޒީލަށް ހީވީ ފަޒީލު ފަލީހަތްކޮށްލިހެންނެވެ. އަމާނާގެ މޮޅުކަންދައްކައިލިހެންނެވެ. ވަގުތުން ހުރިހައި ކަރުދާސްތަކެއް ވިއްސިވިހާލިކޮށްލިއެވެ. ބައެއް އެއްޗެހި ވީދައިލިއެވެ.
"އަހަރެން ބުނީމެއްނު ރަޖުވާން ޑަކުޓަރަށް ދައްކައިގެން ނުވާނޭ!" މޫނަށް ކުޅުބުރާ ހިސާބަށް ގާތްވެފައި ފަޒީލު ބުންޏެވެ. "ދެން އެ ކަހަލަ ކަމެއް ކޮށްފިއްޔާ ހޭއަރުވާލާނަން. ފަހު ޗާންސު މި ދިނީ."
ނޫނެކެވެ. ހިތާހިތުން އަމާނާ ބުންޏެވެ. އެއީ ފަޒީލަށް އަމާނާ ދިން ފަހު ޗާންސެވެ. ފަޒީލު އޭގެ ބޭނުން ނުހިފީއެވެ. އެ ދުވަހުން އެ ދުވަހަށް އަމާނާ ނިންމުމެއް ނިންމިއެވެ. އެ ފަޒީލާ އެކުގައި އަމާނާއަކަށް ނޫޅެވޭނެއެވެ. އޭނަގެ ވިސްނުމާއި އަމާނާގެ ވިސްނުން ދުވަހަކު ވެސް ދިމައެއް ނުވާނެއެވެ. ބަލި ބޮޑުވެފައި ހުންނަ ދުވަސްވަރު ރަޖުވާނަށް ވެސް ފަޒީލު އަނިޔާކުރަން އުޅެއެވެ. އަމާނާގެ އެންމެ ބޮޑު ބިރަކީ އެއީއެވެ. ބައްޕައަށް ދަރިފުޅު ފޮރުވައިގެން އެއް ފުރާޅެއް ދަށުގައި ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟
ފަޒީލަށް ވީ ގޮތް އަމާނާއަށް ކިޔައިދިނީ ފަޒީލުގެ ގާތް ރައްޓެއްސެކެވެ. މާޒިންއެވެ. އަމާނާއަކީ ފަޒީލުގެ ދެވަނަ ކައިވެންޏެވެ. ކުރީ ކައިވެނި ކުރެވުނުތާ ހަފުތާއެއް ވެސް ނުވެ ކައިވެނި ރޫޅުނީއެވެ. މައްސަލައަކީ ފަޒީލުގެ ރުންކުރުކަމެވެ. ކުއްލި ރުޅިއެވެ. އޭގެ ފަހުން ފަޒީލު ދެން ނިންމީ މީހަކާ ނީންނާށެވެ. އަމާނާ ފެނުމުން އެ ހިޔާލު ބަދަލުވީއެވެ. ފަޒީލަށް އެ މައްސަލަ ދިމާވާން ފެށީ ފަޒީލުގެ މަންމަ ނިޔާވި ހިސާބުންނެވެ. ލިބުނު ބޮޑު ހިތްދަތިކަމަށް ސިކުނޑިއަށް އޮބިއޮންނަ ވަރު ނުވީއެވެ.
އަމާނާ ހިތަށްއެރިއެވެ. ފަޒީލު އެ ކަން ސިއްރުކުރީ ކީއްވެގެން ހެއްޔެވެ؟ އެ ގުޅުމަށް ދޭންވީ ނަމަކީ ލޯބި ހެއްޔެވެ؟ ނޫނެކެވެ. އަމާނާ ދެކެނީ ލޯތްބަކީ ފަރުވާއެއް ކަމަށެވެ. ދިރިހުރުމަށް ބޭނުންވާ ވިންދެއް ކަމަށެވެ. ފަޒީލު މަރައިލީ އަމާނާގެ ހިތް އެކަންޏެއް ނޫނެވެ. ބައްޔަށް ފަރުވާ ނުކޮށް ދަރިޔަކު ހޯދުމަކީ، ދަރިފުޅަށް ވެސް ފަޒީލު ދިން ދެރަޔެކެވެ. އެ ގުޅުމަށް އަމާނާ ދޭނެ ނަމަކީ ކެހިވެރިކަމެވެ.
މިހާރު ރަޖުވާނަށް ފަނަރަ އަހަރެވެ. އޭނަގެ ހާލު، ކުރިޔަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅެވެ. އެކަމަކު، ރަޖުވާން އުމުރުގެ އެހެން ކުދިންނާ އަޅާބަލައިފި ނަމަ، ތަފާތު ބޮޑެވެ. އެހެނަސް، ހާއްސަ ކިލާހަކަށް ވައްދާ ވަރަށް ވުރެ ރަޖުވާން ރަނގަޅެވެ. ފަޒީލުގެ ބައްޔަކީ ފަރުވާކުރެވޭ ބައްޔެކެވެ. އެކަމަކު ފަޒީލު މާ ބޯހަރެވެ. އޭނައަށް އޮޅުވައިލައިގެން ބޭސްކާންދީ، ފަރުވާ ވެސް ކުރެވުނީހެވެ. އެކަމަކު އަމާނާ ބޭނުންވީ ފަޒީލުގެ އަންބަކަށް ވާށެވެ. ފަޒީލުގެ މަންމައަކަށް ވާކަށް ނޫނެވެ. އަމާނާ ވަރިވީއެވެ. ފަޒީލު ދިޔައީއެވެ. ރަޖުވާން ހުރީ އަމާނާ ކައިރީގައެވެ. ދަރިފުޅުގެ ބަލި ރަނގަޅުކުރެވޭނެއެވެ. އަމާނާ ހުރީ އެ އުންމީދުގައެވެ. އަމާނާގެ ހުރިހައި ހަކަތައެއް ބޭނުންކުރާނީ އަމާނާގެ ދަރިފުޅަށެވެ. ފަޒީލުގެ ބައްޔަށް ޑަކުޓަރު ނަމެއް ވެސް ދިނެވެ. އެކަމަކު އަމާނާ އެ ބައްޔަށް ދޭނެ ނަމަކީ އަމިއްލައެދުމެވެ.
ނިމުނީ