ގޫޗީގެ އިޝްތިހާރެއްގައި މިނިކާވަގެއް ބޭނުންކުރުމުން މީހުން ހިތްހަމަނުޖެހިފައި
ގޫޗީގެ އިޝްތިހާރެއްގައި މިނިކާވަގެއް ބޭނުންކުރުމުން މީހުން ހިތްހަމަނުޖެހިފައި

އިޓަލީގެ ލަގްޒަރީ ފެޝަން ބްރޭންޑް "ގޫޗީ"ގެ އިސްތިހާރުތަކެއްގައި އަސްލު މިނިކާވަގެއް ބޭނުންކުރުމުން ސޯޝަލް މީޑިއާގައި އެ ކުންފުންޏަށް ނުރުހުން އަމާޒު ވެއްޖެ އެވެ.

މިނިކާވަގެއް ބޭނުންކޮށްގެން އިޝްތިހާރު ހެދީ ޗައިނާގެ އާ އަހަރާ ދިމާކޮށް، ގޫޗީން ލޯންޗުކުރި ރެޑީ ޓު ވެއާ އަދި އެކްސެސަރީސް ޕްރޮޑަކްޓުތަކެއް އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއްގެ ތެރެއިންނެވެ. ޗައިނާގެ އާ އަހަރު ފާހަގަކުރަން މި ފަހަރު ރަމްޒެއްގެ ގޮތުގައި ބޭނުންކުރަނީ މިނިކާވަގެވެ.

އިޝްތިހާރު ކުރަން ނެގި ފޮޓޯތަކުގައި ފެންނަނީ މޮޑެލުން ގޫޗީގެ ޕްރޮޑަކްޓުތަކާ އެކު ތިބޭއިރުގައި، އެ މީހުންގެ ކައިރީގައި މިނިކާވަގެއް އޮންނަ ތަނެވެ.

މި ފޮޓޯތައް ނެގީ ޖަނާވާރުންގެ ރައްކާތެރިކަން ކަށަވަރުކުރާ އެމެރިކާގެ ޖަމިއްޔާއަކާ ގުޅިގެން ވިޔަސް، އަދި ފޮޓޯޝޫޓްގެ ތެރެއިން އެއްވެސް ޖަނަވާރަކަށް އަނިޔާވެފައި ނުވިޔަސް އާންމުން ވަނީ މި ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ގިނަ ބަޔަކު މިކަން ސިފަކުރީ ވަރަށް ކަންބޮޑުވާ ކަމެއްގެ ގޮތުގަ އެވެ. މިނިކާވަގަކީ ޕެޓް ކޮށްގެން ގެންގުޅެވޭނެ އެއްޗެއް ނޫން ކަމަށާއި ވިޔަފާރީތައް އިޝްތިހާރު ކުރަން ޖަނަވާރުން ބޭނުން ނުކުރުމަށާއި މިނިކާވަގު ކަހަލަ އެއްޗެއްހި، އެ އެއްޗެހީގެ އަސްލު މާހައުލު، ޖަންގަލިތަކުގައި މިނިވަންކަމާ އެކު އުޅެން ދޫކޮށްލުމަށް ވެސް ބައެއް މީހުން ގޮވައިލި އެވެ.

ގޫޗީން ހެދި އިޝްތިހާރަކަށް މިފަދަ ފާޑުކިޔުމެއް އަމާޒުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެންމެ ފަހުން 2019 ގައި ގޫޗީން ލޯންޗުކުރި ބޮލުގައި އަޅާ ފޮށާއެއް ކަމަށްވާ "އިންޑީ ފުލް ޓާބަން" އާ ގުޅިގެން ވެސް ގިނަ ބަޔަކު ހިތްހަމަނުޖެހުނެވެ.