23 ޖެނުއަރީ 2022 - 06:08

މިހާރު ފިލްމީ ދާއިރާގައި ވެސް މަސައްކަތް ކުރަމުން އަންނަ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސުނިލް ޝެޓީގެ ދެ ދަރިން މިއަހަރު ކައިވެނިކުރާ ކަމަށް ބުނެ މީޑިއާއަކުން މައުލޫމާތު ފެތުރުމުން އެކަމާ ހިތްހަމަނުޖެހި އޭނާ އެކަން ދޮގުކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ ކިޔާ ނޫހެއްގައި ޖެހި ހަބަރެއްގައި ވަނީ ސުނިލްގެ ދެ ދަރިން ކަމަށްވާ އާހާން ޝެޓީ އާއި އަތިޔާ ޝެޓީ މިއަހަރު ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި ހަބަރު ދޮގުކޮށް، އެކަމާ ރުޅިގަދަވެ، ސުނިލް ކުރި ޓުވީޓެއްގައި ބުނީ އެ ހަބަރު ފެނުމުން ހޭންވީ ކަމެއް ނުވަތަ ދެރަވާންވީ ކަމެއް ނޭނގޭ ކަމަށާއި ތެދުދޮގު ނުބަލާ މިކަހަލަ މައުލޫމާތު ފެތުރުމުގެ ބޭނުމެއް ނުވިސްނޭ ކަމަށެވެ.
ނޫސްވެރިކަމުގެ އަގު ވެއްޓެނީ މި ކަހަލަ ދޮގު ހަބަރު ފަތުރާތީ ކަމަށް އޭނާ ބުންޏެވެ.
ސުނިލްގެ އެންމެ ބޮޑު ދަރި އަތިޔާ، 29، ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލްއާ އެވެ. އަދި އާހާން، 26، ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ފެޝަން ޑިޒައިނާ ތާނިއާ ޝްރޮފްއާ އެވެ.