ހާލަތު ބަދަލުވުމަށް އެމްޑީޕީގެ ސިޔާސަތުތައް ބަލައިގަނެ ތަންފީޒުކުރަންޖެހޭ: ނަޝީދު
ހާލަތު ބަދަލުވުމަށް އެމްޑީޕީގެ ސިޔާސަތުތައް ބަލައިގަނެ ތަންފީޒުކުރަންޖެހޭ: ނަޝީދު

އާއްމު ހާލަތު ބަދަލުވުމަށް އެމްޑީޕީގެ ސިޔާސަތުތައް ބަލައިގަނެ ތަންފީޒުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ށ. ފޯކައިދޫގައި މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ އުމްރާނީ ބިނާތަކުން އާއްމު ހާލަތު ބަދަލު ވެދާނެ ކަމަށް ވިސްނުމަކީ ކުށް ހީއެއް ކަމަށެވެ.

ބަނދަރާއި އެއްގަމު ތޮއްޓާއި ކޮންކްރީޓުގެ މިންވަރަކީ ތަރައްގީއެއް ނޫން ކަމަށާއި ތަރައްގީއަކީ، ނަޝީދު ވިދާޅުވި ގޮތުގައި، މީހާއަށް އަންނަ ހެޔޮ ބަދަލެވެ.

ބޭނުންވަނީ އާއްމު ހާލަތު ރަނގަޅުވެ، ހާސްކަމެއް ނެތި ދިރި އުޅެވޭނެ ގޮތެއް ފަހިވުމާއި ޖީބަށް ވަންނަ ފައިސާ އިތުރުވާނެ ގޮތްތައް ފަހިވުން ކަމަށާއި އެމްޑީޕީ ހިނގަމުން ދަނީ އެ ހާލަތު ރަނގަޅުކުރެވޭނެ ވިސްނުމެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އެ ކަންކަމުގެ ވާހަކައެއް އެ ކޯލިޝަނަށް ނުދެއްކޭނެ ކަމަށެވެ. އެ ޕާޓީގެ ވިސްނުމަކީ ހަނަފަސް ސަހަރާއަކަށް އެންމެން ޖަމާކޮށް ހަލާކުކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އާއްމު ހާލަތު ރަނގަޅުކުރުމަށް ވަކި ހާލަތެއްގައި ވަކި ކަމެއް ކުރަންޖެހެ އެވެ. ބޭސް ސިޓީ އާއި ފޮތް ލިސްޓަށް ސަލާންޖެހުން ނައްތާލުން ކަމަށާއި، އެމްޑީޕީ ފުރަތަމަ ވެރިކަމަށް އައިއިރު ދައުލަތުގެ އާމްދަނީ އަކީ ހަތަރު ބިލިއަން ރުފިޔާއަށް ވިޔަސް މިހާރު އެ އަދަދު 26 ބިލިއަނަށް އިތުރުވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އަދި ވެސް އެދެނީ ހާސްކަމެއް ނެތް، އުފަލުގައި ދިރިއުޅުން އުޅެވޭނެ ގޮތެއް ހޯދުންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މި ވެރިކަމުގައި މުހިއްމު ބަދަލެއް އައިސްފައިވާ ކަމަށެވެ. އެއީ، ޑިގްރީއަށް ހިލޭ ކިޔެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. އެންމެ ރަށެއްގެ ޒުވާނަކު ވެސް މަތީ ތައުލީމް ހާސިލްކޮށްފިނަމަ އެ ބަދަލު ރަށުން ފެންނަކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ސަރުކާރުން މުހިއްމު ކަންތައްތަކެއް ކުރި ނަމަވެސް އުއްމީދުކުރާ ބަދަލެއް އަދި ނާންނަ ކަމަށާއި އެއީ ޖީލެއްގެ މަސައްކަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މިއަދު އެންމެ ވޯޓަކުން ވެސް އެކަން ވާކަށް ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް، ތިޔަ ބޭފުޅުންގެ ތަސައްވަރު އެބަ ބަލައިގަންނަންޖެހޭ އަދި ތަންފީޒުކޮށް ހިންގަންޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އާއްމު މީހާގެ ނޭފަތު ކުރިއާ ހަމައިން ވިސްނައިގެން ތަރައްގީއެއް ނުލިބޭނެ އެވެ. އަތޮޅު ދުނިން ބޭރަށް ހުޅުވިފައިވާ ދުނިޔެއަށް ގުޅެންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި ފާހަގަވަމުން އަންނަ އަދި އަވަށްޓެރި ގައުމުގެ ރައްޔިތުންނާއި ދިވެހިންނާ މޫނު ކެނޑޭގޮތް ހެދުމުގެ ނުރައްކާ ގައުމުތަކުގެ ހަޔާތުން ފެނިފައި އެބަހުރި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އެ ކުރައްވަނީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އެ ކުރައްވާ ކަންތައްތައް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ގައުމުތަކުގެ އިސްތިގްލާލާއި މިނިވަންކަން ގެއްލި މި ދަނީ ބޮޑެތި ބާރުތަކާ ނަފްރަތު އުފެއްދުމުގައި އެއްގޮތަކަށް ވެސް އެ ބާވަތުގެ ކަމެއްގެ ތެރެއަށް ރައްޔިތުން ވެއްޓި ނުގެންނާނެ ކަމީ ޝައްކު އޮތް ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.