15 ޑިސެމްބަރ 2016 - 22:35

ލޯކަލް ކައުންސިލްގެ އިންތިހާބު ފަސްކުރުމާ ގުޅިގެން އެމްޑީޕީ ހަރުގެ ކުރިމަތީގައި މިދިޔަ ހުކުުރު ދުވަހު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު މާލީ، އަލީ ނިޔާޒް ހަތް ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު މިރޭ ދޫކޮށްލައިފި އެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ނިޔާޒް ދޫކޮށްލީ މިރޭ 8:30 ގައި ފުލުސް އޮފީހަށް ހާޒިރުކުުރުމަށް ފަހު ކަމަށެވެ.
"މިރޭ ހާޒިރުކުރުމަށް ފަހު އެންގީ ބަންދުން ދޫކޮށްލިކަން. އޭގެ ކުރިން ފުލުހުން ވަނީ ބަޔާނެއް ނަގާފައި،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.
އެމްޑީޕީގެ އޮފިޝަލް ވިދާޅުވީ ނިޔާޒު ބަންދުކުރުމުން ޕާޓީގެ ހިންގުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.
އެމްޑީޕީގެ މާލީ ކަންތައްތައް ބެލެހެއްޓެވުމުގެ އިތުރުން ނިޔާޒަކީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިންތިހާބަށް ލަފާދޭ ގައުމީ ކޮމިޓީގައި އެމްޑީޕީ ތަމްސީލްކުރައްވާ މެމްބަރު ވެސް މެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާދެއްވުމުން ޕާޓީގެ ކަންތައްތައް ހިންގަވަނީ ޗެއާޕާސަންގެ ނައިބު މާލީ އަދި ޗެއާޕާސަންގެ ނައިބު އިދާރީ އެވެ.