22 ޖެނުއަރީ 2022 - 20:32

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއިދުކުރަން އަދާލަތު ޕާޓީން ނިންމައިފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންނަ މަހުގެ ފަހެއްގައި ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީއަށް ތާއިދުކޮށްދިނުމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޕާޓީގެ މަޝްވަރާ މަޖިލީހުގެ މަޝްވަރާކޮށް، އެ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރުމަށް ފާސްކޮށްފަ އެވެ. އަދި އެ ގޮތަށް ނިންމި މައިގަނޑު ހަތަރު ކަމެއް ވެސް، މި ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ފުރަތަމަ ކަމަކީ، އާ ގާނޫނުގެ ދަށުން މިހާތަނަށް އުފެދުނު ސަރުކާރުތަކަށް ބަލާއިރު މި ސަރުކާރުގައި އަމާން، ސުލްހަވެރި މުޖުތަމައުއެއް ގާއިމްކޮށް ސިޔާސީ ހަލަބޮލިކަން ކުޑަކޮށް އަދި ކޮވިޑުގެ ވަބާއާއެކު މެދުވެރިވި އިގުތިސޯދީ ދަތިތަކާއެކު ވެސް ރާއްޖޭގެ އިގުތިސޯދު ހަރުދަނާކޮށް ކާމިޔާބުކަމާއެކު ކޯލިޝަން ސަރުކާރެއް ހިންގަމުންދާތީ އެވެ.
އިސްލާމީ ޝަހުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެ ކަމަށް ފާހަގަކުރެވި ރައީސްގެ އަރިހުގައި އަދާލަތުން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި މިއަދާ ހަމައަށް ވެސް އެކަށީގެންވާ ހައްލެއް ހޯދުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވާފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އޭގެ އިތުރުން ގައުމު ސުލްހަ މަސަލަސްކަން ގާއިމްކޮށް މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރި އެވެ.
އަދާލަތުން ބުނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް މިނިވަން ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކޮށް ހަމަހަމަ އުސޫލެއްގެ ދަށުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދީ އުމްރާނީގޮތުން ރާއްޖެ ތަރައްގީކުރުމަށް މުޅި ރާއްޖޭގައި މަޝްރޫއުތައް ކުރިއަށްދާކަން ފެންނަން އޮތް ކަމަށެވެ.
"އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ދެމެހެއްޓުމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދައުލަތުގެ ނިޒާމް ހަރުދަނާކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުގައި ފަށާފައިވާ ސިޔާސީ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު މި ވަގުތަށް އޮތްގޮތް ކަމުގައި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ގަބޫލުކުރެވޭ،" ބަޔާނުގައި ބުންޏެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ ޓިކެޓުގައި މޫސާ ފަތުހީ އަދި އެމްއެންޕީގެ ޓިކެޓުގައި އަބްދުލް ހަންނާން އިދުރީސް ވާދަކުރައްވަ އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ދާއިރާ ތަމްސީލު ކުރެއްވި އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު ކެންސަރުގެ ބަލީގައި މިދިޔަ މަހު އަވަހާރަވުމުންނެވެ.