ރިޓަޔާމެންޓުން އެނބުރި އައިސް އައްޒާމް ސަސް އަށް
ރިޓަޔާމެންޓުން އެނބުރި އައިސް އައްޒާމް ސަސް އަށް

މިދިޔަ އަހަރުގެ ޖުލައި މަހު ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާކުރި ޓީސީ ސްޕޯޓްސް ކްލަބުގެ ކެޕްޓަން މުހައްމަދު އައްޒާމުގެ ނިންމުން ބަދަލުކޮށް ޕްރިމިއާ ލީގުގައި ކުޅޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ގުޅިއްޖެ އެވެ.

ރިޓަޔާމެންޓުން އެނބުރި އައިސް އައްޒާމް ސަސް އަށް
ރިޓަޔާމެންޓުން އެނބުރި އައިސް އައްޒާމް ސަސް އަށް

ނ. ކެނދިކުޅުދު އަށް އުފަން އުމުރުން 31 އަހަރުގެ އައްޒާމް ފުރަތަމަ ޑިވިޝަނަށް ނުކުތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންނެވެ. ނަމަވެސް ފުޓުބޯޅައިގައި އައްޒާމް ފާހަގަ ވާން ފެށީ އޭނާ މާޒިޔާއިން ބީޖީ ސްޕޯޓްސް ކުލަބަށް ބަދަލުވެ ދެއްކި ކުޅުމުންނެވެ. ބީޖީގެ ކެޕްޓަންކަން ވެސް ކުރި އައްޒާމް ޓީސީ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ.

އައްޒާމް ސަސްއާ ގުޅުނުކަން ހާމަކޮށްފައި ވަނީ އޭނާ ނިސްބަތްވާ ކެނދިކުޅުދޫގެ ކޮމެޓްސް ސްޕޯޓްސް ކުލަބުން މިއަދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ.

މިދިޔަ ސީޒަނުގައި ޒުވާން ސްކޮޑަކާ އެކު ނުކުތް ޓީސީގެ ކެޕްޓަންގެ ޒިންމާ އަދާކުރި އައްޒާމް ވަނީ ލީގު ފުރަތަމަ ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ޓީސީގައި ކުޅުނު 14 މެޗުގައި ހަ ގޯލު ޖަހައިފަ އެވެ.

ގައުމީ ޓީމުގައި ވެސް ގިނަ ފަހަރު މަތިން ހިމެނުނު އައްޒާމް ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ 2017 ވަނަ އަހަރެވެ. އެ އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އައްޒާމް ވަނީ ޓީސީން 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދިއިރު ވެސް ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި އޭނާ ވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝަގައި ބޭއްވި ޝެއިޚް ކަމާލް ކަޕްގެ ޗެމްޕިއަންކަން ވެސް ޓީސީއާ އެކު ހޯދައިފަ އެވެ.

ސަސް އިން ކުރިޔަށް އޮތް ދިވެހި ޕްރިމިއާ ލީގަށް އައްޒާމްގެ ސޮއި ހޯދާފައިވާއިރު، ޕްރެޒިޑެންޓްސް ކަޕް ކުރިޔަށް ދަނިކޮށް އެޓީމުގެ މުހައްމަދު ރަޝީދު (ހޮކޭ)، 36، ވަނީ ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާ ކުރިކަން އިއުލާން ކޮށްފަ އެވެ.

އެ ޓީމުން ޕްރެޒިޑެންޓްސް ކަޕް ނިންމާލީ ލީގު ބުރުގެ ހަތަރު ވަނައިގަ އެވެ. މި ސީޒަނުގައި އަލަށް އެޓީމާ ގުޅުނު ކުޅުންތެރިން ވަނީ އާ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ގެ އިރުޝާދުގެ ދަށުން މޮޅަށް ކުޅެފަ އެވެ.

ޕްރެޒިޑެންޓްސް ކަޕުގައި އެޓީމު ބަލިވީ ވެލެންސިއާ އާއި މާޒިޔާ އަދި ގްރީން ސްޓްރީޓްސް އަތުންނެވެ. މި ސީޒަނުގައި އެ ޓީމަށް ގެނައި އިބްރާހިމް އަތީގު ހަސަން ހަ ގޯލު ޖަހައިދިން އިރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ތިން ގޯލު ޖަހައި ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. އަދި ޒުވާން ފޯވާޑް މުހައްމަދު ސަހާއު ވެސް ވަނީ މުހިއްމު ލަނޑެއް އެޓީމަށް ޖަހައިދީފަ އެވެ.