15 ޑިސެމްބަރ 2016 - 21:07

ޔޮކަހާމާ، ޖަޕާން (ޑިސެމްބަރު 15) – އުތުރު އެމެރިކާގެ ޗެމްޕިއަން މެކްސިކޯގެ ކްލަބް އެމެރިކާ 2-0 އިން ބަލިކޮށް ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުން ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑް މިއަދު ޖާގަ ހޯދައިފި އެވެ.
އާދީއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ރެއާލް މެޑްރިޑް ބައްދަލުކުރާނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދި އޭޝިއާގެ ފުރަތަމަ ޓީމު ކަމަށްވާ ޖަޕާނުގެ ކަޝިމާ އެންޓްލާސްއާ ދެކޮޅަށެވެ.
ދުނިޔޭގެ ބައްރުތަކުގެ ކްލަބް ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗު މެޑްރިޑް މިއަދު ކާމިޔާބުކުރި އިރު ގޯލް ޖަހައިދިނީ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އަދި ބެލޮންޑިއޯ އެވޯޑް ދާދި ފަހުން ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ބެންޒެމާ ޖެހީ ޓޯނީ ކްރޫޒް ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލްކީޕަރު ބޯމަތީން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. ފަހު ލަނޑު ރޮނާލްޑޯ ޖެހީ އިތުރު ވަގުތުގެ ތެރޭ، އެމެރިކާ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ނެއްޓި އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ. އޭނާ އަށް އެ ބޯޅަ ފޯރުކޮށްދިނީ ޖޭމްސް ރޮޑްރިގޭޒެވެ.
މި މުބާރާތުގައި ފީފާ އިން އަންނަނީ ފުރަތަމަ ފަހަރަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ ސިސްޓަމް ބޭނުންކުރަމުންނެވެ. ހަތަރު ވަނަ އޮފިޝަލް ހުންނަ މޭޒުމަތީގައި ބަހައްޓާފައިވާ ޓީވީ ސްކްރީން މެދުވެރިކޮށް ރެފްރީ އަށް ރީޕްލޭ ބަލައިލެވޭނެ އެވެ. މިރޭގެ މެޗުގައި ވެސް ރެފްރީ ވަނީ މި ސިސްޓަމް ބޭނުންކޮށްގެން ބައެއް ނިންމުންތައް ކަށަވަރުކޮށްފަ އެވެ.
މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަޕާނަށް ދިން ފުުރުސަތެއްގެ ތެރެއިން މުބާރާތުގައި ބައިވެރިވި ޖަޕާން ލީގުގެ ޗެމްޕިއަން ކަޝިމާ އިން ފައިނަލަށް ދިޔައީ އިއްޔެ ހަވީރު ދެކުނު އެމެރިކާގެ ކްލަބް ޗެމްޕިއަން ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލް އަތުން 3-0 އިން މޮޅުވެގެންނެވެ.
ޖަޕާން ލީގުގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދާފައިވާ ކަޝިމާ އިން ވަނީ 1999/2000 ވަނަ އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖޭގެ ކްލަބް ވެލެންސިއާ ކޮޅަށް 16 ލަނޑު ޖަހައިފަ އެވެ.
ރެއާލް މެޑްރިޑް ވަނީ އިންޓަކޮންޓިނެންޓަލް ކަޕުގެ ނަމުގައި މި މުބާރާތް ބޭއްވި އިރު 1960، 1998 އަދި 2002 ވަނަ އަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ޓީމުން 2002 ވަނަ އަހަރު ޕެރެގުއޭގެ އޮލިމްޕިއާ 2-0 އިން ބަލިކޮށް ތަށި ހޯދިއިރު މިހާރުގެ ކޯޗު ޒައިނުއްޒީދާން ޒިދާނަކީ މުހިއްމު ކުޅުންތެރިއެކެވެ. މެޑްރިޑުން ވަނީ ކްލަބް ވޯލްޑް ކަޕުގައި ނަމުގައި ބާއްވަން ފެށި ފަހުން 2014 ވަނަ އަހަރު ތަށި ހޯދައިފަ އެވެެ.