ރިޕޯޓް ކޮށްފާނަން، ކުރެވޭނެ ކަމެއް ނޯންނާނެ!
ރިޕޯޓް ކޮށްފާނަން، ކުރެވޭނެ ކަމެއް ނޯންނާނެ!

"ބަލަ، ޓްރާންސްޕޯޓް މިނިސްޓްރީން މި ކިޔަނީ ކޮންއެއްޗެއް؟" ޓެކްސީ ޑްރައިވަރަކު، ރޭ ގުޅައިފައި، ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނާ ބެހޭ ގޮތުން ވާހަކަ ދައްކަން ފެށި އެވެ.

ރިޕޯޓް ކޮށްފާނަން، ކުރެވޭނެ ކަމެއް ނޯންނާނެ!
ރިޕޯޓް ކޮށްފާނަން، ކުރެވޭނެ ކަމެއް ނޯންނާނެ!

"މާލެތެރެއަށް ދަތުރު ނުކުރަންޏާ ފިޔަވަޅު އަޅާނަމޯ،" އޭނާ ހިނިގަނޑެއް ޖަހާލި އެވެ.

ރިޕޯޓް ކޮށްފާނަން، ކުރެވޭނެ ކަމެއް ނޯންނާނެ!
ރިޕޯޓް ކޮށްފާނަން، ކުރެވޭނެ ކަމެއް ނޯންނާނެ!

ޓެކްސީއަކުން ދަތުރެއް ނުކޮށްދީފި ނަމަ ފިޔަވަޅު ނޭޅޭނެ ކަން އެއީ އެންމެ ކުޑަކުއްޖާ އަށް ވެސް އެނގޭނެ ކަމެކެވެ. ސަބަބަކީ، އެއްވެސް ވިޔަފާރިއަކީ، މަޖުބޫރުން ކުރެވޭނެ ވިޔަފާރިއަކަށް ނުވުމެވެ. އަދި ޓެކްސީތައް ވަކި ގަވައިދަކުން އަމަލުކުރަން ޖެހުނަސް، ދުވާލަކު ވަކި އަދަދަކަށް ވަކި ތަނަކަށް ދަތުރުކުރުން ލާޒިމްކޮށްފައި ނެތުމެވެ. އަދި ހަމަ އެހެންމެ، ޕްރައިވެޓް ކާރުތަކުގައި އެޕްތައް މެދުވެރިކޮށް ދަތުރު ކުރާއިރު، އަމިއްލަ ކާރެއްގައި ދަތުރުކުރުން މަޖުބޫރުކުރުވޭނެ ހަމަ އެންމެ ހަމައެއް ވެސް ނެތުމެވެ.

ރިޕޯޓް ކޮށްފާނަން، ކުރެވޭނެ ކަމެއް ނޯންނާނެ!
ރިޕޯޓް ކޮށްފާނަން، ކުރެވޭނެ ކަމެއް ނޯންނާނެ!

މާލެތެރެއިން މާލެތެރެއަށް ޓެކްސީއެއް ހޯދުމަކީ އެންމެ އުނދަގޫ އެއް ކަންތަކެވެ. އޭގެ ސަބަބުތައް ވެސް ވަރަށް ބައިވަރެވެ. މި ރިޕޯޓަށް ވާހަކަ ދެއްކި ޑްރައިވަރަކު، ވަރަށް ހިތްހަމަނުޖެހިފައި ހުރެ ފުރަތަމަ ވެސް ސުވާލު ކުރީ، "ޓްރާންސްޕޯޓް މިނިސްޓްރީ ގާތު އަހައިބަލަ ކޮބައިތޯ ރޯޑްވާދިނަސް އަށް އަހަރެމެން ދައްކާ ހުރިހާ ފައިސާ"އޭ ކިޔައިފަ އެވެ.

"އެ ފައިސާ އިން ގައިމު މާލޭގެ މަގުތައް ހަދައިފި ނަމަ މާލެތެރޭގައި ދަތުރު ކުރާނެ ޓެކްސީތައް ވާނެ. އައިޖީއެމްއެޗުން އޭޑީކޭ އާ ހަމައަށް ދާއިރު ކާރު އޮންނަނީ ފުނޑިފައި. އަހާބަލަ ފުލުހުން ގާތު ކޮބައިތޯ ހުރިހާ ޓްރެފިކް ޕޮލިހުން. މަޖީދީމަގުންް ދަތުރު ކުރުމެކޭ ކަނޑެއްގައި ފަތާފައި ދުރު ރަށަކަށް ދިއުމެކޭ އެއްފަދަ. ކަންކަން މިހެން ހުރެގެން ދޯ ޓެކްސީތައް މާލެ ތެރޭގައި ދަތުރު ނުކުރަނީ،" އޭނާ ބުންޏެވެ.

"މަޖީދީމަގުގެ ޓްރެފިކް ރަނގަޅުކޮށްލަދޭ ނަމަ އެކަނި ވެސް މިކަން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނީސް. ހަމައެކަނި ކޯންތައް އަޅާލިޔަސް މިކަން ހައްލުވާން އޮތް ކަމެއް މިއީ. އެވަރުކޮށް ނުދީ ތިބެގެން މި ބިރު ދައްކަނީ އަހަރެމެންނަށް."

އޭނާ ބުނާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީ އަކީ ހަމައެކަނި ނަމެކެވެ؛ ކަމެއް ކުރާ ތަނެއް ނޫނެވެ. އޭގެ މިސާލެއްގެ ގޮތުންް އޭނާ ބުނަނީ ގަވައިދުތަކަށް އަމަލުކުރޭތޯ ނުބެެލުމެވެ.

"ޖެނުއަރީ 1 އިން ފެށިގެން ސީޓް ބެލްޓް ވެސް އަޅަން ޖެހޭ. ކާކު އެކަން ބަލަނީ. މީހުން ތިއްބާ ވެސް ޓެކްސީ އަށް މީހުން އަރުވަނީ. ޕްރައިވެޓް ކާރުތަކުގައި ވެސް އެއްވެސް ހަމައެއް އުސޫލެއް ނެތި ދަތުރުކުރަނީ ފައިސާ ނަގައިގެން."

ޓެކްސީ ބޯޑާ އެކު މާލޭގައި 500 އަށް ވުރެ ގިނަ ޓެކްސީ ދުއްވަ އެވެ. އެކަމަކު މިހާރަކަށް އައިސް އެއްވެސް ޓެކްސީ ސެންޓަރަކުން ގިނަފަހަރު ފޯނެއް ނުނަގަ އެވެ. ފޯނު ނެގިޔަސް މާލެތެރެއަށް ދަތުރުކުރާނެ ޓެކްސީއެއް ނުލިބެ އެވެ. އެޕަކުން ވެސް ގިނަ ފަހަރު، ހާއްސަކޮށް ދުވާލުގެ ވަގުތުތަކުގައި މާލެތެރެއަށް ވިއްޔާ ޓެކްސީއެއް ނުލިބެ އެވެ. މަގުމަތީގައި ހުރެފައި އަތް އުފުލާލުމުން މަޑުކުރާ ޓެކްސީ، ކޮންތާކަށްތޯ އަހައިފައި މާލޭގެ އެޑްރެހެއް ބުނެފިއްޔާ ނުވާނެއޭ ކިޔައިފައި ދަނީ އެވެ. މި މައްސަލަ ބޮޑުވެ، ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފައި ވަނީ އެފަދަ ޓެކްސީތައް އެ މިނިސްޓްރީ އަށް ރިޕޯޓް ކުރުމަށެވެ.

"ރިޕޯޓް ކުރެވިދާނެ، މަގޭ ނަންބަރު ވެސް ދެވިދާނެ މިނިސްޓްރީ އަށް. ކީއް ކުރެވޭނީ. ހުއްދަ ބާތިލެއް ވެސް ނުކުރެވޭނެ. މަށަކަށް މަޖުބޫރެއް ނުކުރެވޭނެ ވަކި ދަތުރުތައް ކުރާކަށް. މަށަށް މަޖުބޫރު ކޮށްފިއްޔާ ޕްރައިވެޓް ކާރުތަކަށް ވެސް ޖެހޭނެ މަޖުބޫރުކުރަން. އެ މީހުން ބުނާނެ ތިމަންނަގެ އަމިއްލަ ކާރެކޭ، ތިމަންނަ ބޭނުން ތަނަކަށޭ ދަތުރުކުރާނީ،" ޑްރައިވަރު ކިޔައިދިނެވެ.

"މިސާލަކަށް ފެހި ބޯޑް [ޓެކްސީ ދިއްލޭ ބޯޑު] ޖަހައިގެން ދުއްވަނިކޮށް މީހަކު ހުއްޓުވައިފައި ދަތުރެއްކޮށްދޭން އެދުމުން އަހަރެން ނޫނެކޭ ބުނަނީ. އޭނަ ރިޕޯޓް ކުރަނީޔޯ. އަހަރެން އިނދެފާނެ އެޕަކުން ވެސް ދަތުރެއް ނަގައިގެން. އަހަރެން ކުއްލިއަކަށް އެހެން ތަނަކަށް ވެސް ދާން ޖެހިދާނެ. މިއީ ކިހިނެއް ކޮންޓްރޯލް ކުރެވޭނެ ކަމެއް/"

އޭނާ ބުނާ ގޮތުން، މާފަންނުން ހެންވޭރަށް ދާން 25 މިނެޓް ހޭދަވެ އެވެ. އެއީ 25ރ. އެވެ. އެކަމަކު ހެންވޭރުން ހުޅުމާލެ އަށް ގިނަވަގެން 15 މިނެޓް ހޭދަވާއިރު 75ރ. ލިބެ އެވެ. އެހެންވެ، މާލެ ކަހަލަ ހަލަބޮލިތަނެއްގައި، އަދި ޓެކްސީތަކަށް ގެއްލުން ހުރި ތަނެއްގައި ވިޔަފާރި ކުރުމުގެ ބޭނުމެއް ނެތެވެ.

"ދުވާލެއްގެ އާމްދަނީ އެބަ ތިން ގުނަވޭ ހުޅުމާލެ އަށް ދަތުރުކޮށްގެން. އަހަރެމެން ވެސް އަނބިދަރިން އެބަތިބި. ކުލި ދައްކަން ޖެހޭ. އަހަރެމެން އެކަންޏެއް ނޫން އަސާސީ ހިދުމަތްތަކާ ދޭތެރޭ ވިސްނާނީ. ސަރުކާރަށް އެއީ މުހިންމު ހިދުމަތެއް ވިއްޔާ އެކަން ފަސޭހައިން ކުރެވޭނެ ގޮތް ހަދައިދީ،" ޑްރައިވަރު ކިޔައިދިނެވެ.

މިއީ އާ ވާހަކައެއް ނޫނެވެ؛ ދެހާހުގެ ކުރީކޮޅުން ފެށިގެން ވެސް ޓެކްސީތަކާއި ޑްރައިވަރުންނާ ގުޅޭ ވަރަށް ގިނަ މައްސަލަތައް ހުރީ ފެންމަތިވެފަ އެވެ. ޓެކްސީތަކުގެ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާ ހިސާބަށް ވެސް ގޮސްފައި އޮތް މައްސަލައެކެވެ. މައްސަލަ ދިމާވާ ކޮންމެ ފަހަރަކު، ކޮންމެވެސް ނުފޫޒުތަކެއްގެ ތެރެއިން ކުރި ހޯދަނީ ޓެކްސީތަކެވެ.

ހަމައެކަނި މާލެ އިން ޓެކްސީ ލިބުމުގެ މައްސަލަ އެކަންޏެއް ނޫނެވެ. ޓެކްސީތަކާއި އާންމު ދަތުރުކުރާ އެހެން ކާރުތަކުން ބޮޑެތި ފީތައް ނެގުމުގެ މައްސަލަ މިހާރު ވެސް އެބައޮތެވެ. އޭގެ ހައްލަކީ، އާންމުން ވެސް އަދި ތަޖުރިބާކާރުން ވެސް ގަބޫލުކުރާ ގޮތުގައި މީޓަރު ހަރުކުރުމެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން ކުރާ ގޮތް ސަރުކާރުން ބަލަން ވެއްޖެ. މީޓަރު ހަރުކުރީމަ އެ މައްސަލަ އެ ހައްލުވީ،" ރޭ "މިހާރު"ގައި ޝާއިއުކުރި ހަބަރަށް މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވެ އެވެ.

މީޓަރު ހަރުކުރުމުގެ ވާހަކަތައް މީގެ ކުރިން ވެސް ދެކެވި، ޓްރާންސްޕޯޓުން ޓެސްޓްތަކެއް ވެސް ކޮށްފައި ވެ އެވެ. އެކަމަކު އެކަން ހުއްޓުނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަމަކު ޓެކްސީތަކުގައި މީޓަރު ހަރުކުރުމަކީ، ޓެކްސީތަކަށް ވެސް އަދި އާންމުންނަށް ވެސް ގެއްލުން އޮތް ގޮތެއް ނޫނެވެ. އެކަން އެގޮތަށް ހަމަޖެހިއްޖެ ނަމަ ކޮންމެ ތަނަކަށް ވެސް ދަތުރު ކުރަން ފަސޭހަ ކަމާ އެކު ޓެކްސީ ލިބޭނެ އެވެ.

"ހައްލަކީ މީޓަރަށް އަގު ނަގަން ފެށުން. ހައްލު އޮތްތަނުގައި ބާއްވައިފަ ހުސް ބޭކާރު ކަންކަން ޓުރާންސްޕޯޓުން ކުރަނީ. އެހެންނޫނަސް ދަތުރު ނަގާނީ ޑްރައިވަރު ބޭނުމިއްޔާ. މި ހުންނަނީކީ އަދަބު ދީގެން ހައްލު ހޯދޭނެކަން ކަމެއް ނޫން. ފާޑުފާޑުގެ އަގުތައް ލިމިޓުތައް ހެދުމަށްވުރެ މީޓަރަށް ދަތުރުކުރާ ގޮތަށް ތިޔަކަން ބަދަލުކޮށްލީމާ އެންމެނަށް ވެސް މާ ފަސޭހަވާނެ އަދި މިިހާރު ބޮޑު އަގުނެގުން ފަދަ މައްސަލަތައް ހައްލުވާނެ،" މީހަކު ކޮށްފައި އޮތް ކޮމެންޓެއްގައި ވެ އެވެ.

މީޓަރު ހަރުކުރުމުގައި، ނުވަތަ ރާއްޖެ އަށް މީޓަރު ނުގުޅޭ ނަމަ ދެން އޮތް ހައްލަކީ، އެމްޓީސީސީން ހުށަހަޅާފައިވާ ހައްލެވެ. އެއީ މާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް އާބާދީ ބޮޑެތި ރަށްރަށުގައި ބަހުގެ ހިދުމަތް ދިނުމެވެ. މާލޭގައި ދުއްވަން ކުދި ބަސްތަކެއް ގެނެސް، އޭގެ ހުއްދަ އަށް އެމްޓީސީސީން ވަނީ ހުށަހަޅައިފަ އެވެ. އޭގެ މަޝްވަރާތަކެއް ވެސް އަންނަނީ ކުރެވެމުންނެވެ.