ވިޖުދާން އަނެއްކާވެސް ދަ ގްރާންޑޭ އަށް
ވިޖުދާން އަނެއްކާވެސް ދަ ގްރާންޑޭ އަށް

މިހާރު ކުރިޔަށްދާ ޕްރެޒިޑެންޓްސް ކަޕުގައި ކްލަބް އީގަލްސް އަށް ކުޅުނު ފުލްބެކް އަހުމަދު ވިޖުދާން (ވިޖޫ) ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ސޮއިކޮށްފި އެވެ.

ވިޖުދާން، 24، އަކީ ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަނަށް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ތިން ސީޒަނުގައި ދެވަނަ ޑިވިޝަނުގައި އެ ޓީމަށް ކުޅެ، ޗެމްޕިއަންކަން ހޯދައިދީ، އޭގެ ފަހުން ދަ ގްރާންޑޭ 2019 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށީއްސުރެން ވިޖުދާން ކުޅެމުން އައީ އެ ޓީމަށެވެ.

ވީބީ ސްޕޯޓްސް ކުލަބާއި ވައިކަރަދޫ ސްޕޯޓްސް ކުލަބަށް ޔޫތު ޗެމްޕިއަންޝިޕުގައި ކުޅުމަށް ފަހު، ރ. އަލިފުށްޓަށް އުފަން ވުޖުދާން އެންމެ ފުރަތަމަ ފެނުނީ 2015 ވަނަ އަހަރު ތިންވަނަ ޑިވިޝަނުގައި ވާދަކުރި ސްޓެލްކޯ ރެކްރިއޭޝަން ކުލަބުންނެވެ. ސްޓެލްކޯއާ އެކު އެ އަހަރުގެ ތިންވަނަ ޑިވިޝަން ފައިނަލުން ބަލިވީ ދަ ގްރާންޑޭ އަތުންނެވެ.

ޖެހިގެން އައި 2016 ވަނަ އަހަރުން ފެށިގެން ގްރާންޑޭ އަށް ކުޅެމުން އަންނަ ވިޖުދާން ވަނީ އެޓީމު އޭގެ ފަހުން ހޯދި ހުރިހާ ކާމިޔާބީއެއްގައި ވެސް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. މި ސީޒަން ވެގެން ދާނީ އޭނާ އެ ޓީމަށް ކުޅެދޭ ހަވަނަ ސީޒަނަށެވެ.

ދަ ގްރާންޑޭއަށް ކުޅުނު ދެވަނަ ސީޒަނުގައި އޭނާ ވަނީ ޔޫތު ޗެމްޕިއަންޝިޕުގައި ކްލަބް އީގަލްސް އަށް ކުޅެ، އެ ޓީމާ އެކު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ތިން ސީޒަނުގައި ގްރާންޑޭއާ އެކު ދެވަނަ ޑިވިޝަން ކުޅުމަށް ފަހު 2018 ގައި އެޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވިއިރު ވެސް ވިޖުދާން ވަނީ އެޓީމުގައި މޮޅަށް ކުޅެފަ އެވެ. ދެވަނަ ޑިވިޝަން ކާމިޔާބު ކޮށްދިނުމަށް ފަހު އެ އަހަރުގެ ބާކީ ބައިގައި ވިޖުދާން ކުޅުނީ ދިވެގި ޕްރިމިއާ ލީގުގައި ވާދަކުރި ފޯކައިދޫ ފުޓުބޯޅަ ކުލަބަށެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ވިޖުދާންގެ ފެށުމެވެ.

ޖެހިގެން އައި ސީޒަނުގައި ގްރާންޑޭ އިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށުމުން ވިޖުދާން ވަނީ އަލުން ގްރާންޑޭއަށް ބަދަލުވެފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ފާއިތުވި ދެ ސީޒަނުގައި ވެސް އޭނާ ވަނީ އެ ޓީމުގެ ވައިސް ކެޕްޓަންކަން ކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި ދަ ގްރާންޑޭގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިނީ ވިޖުދާން އެވެ. އެ ސީޒަންގެ ފުރަތަމަ މެޗު ފެށިގެން އެއް މިނިޓާ 48 ސިކުންތުގައި ނިލަންދޫ ސްޕޯޓްސް ކޮޅަށް އޭނާ ޖެހި ލަނޑަކީ އެ ސީޒަނުގެ ވެސް ފުރަތަމަ ލަނޑެވެ.