ބަލިތަކުން ރައްކާތެރިވާން މަސައްކަތް ކުރުން
ބަލިތަކުން ރައްކާތެރިވާން މަސައްކަތް ކުރުން

އިސްލާމް ދީނަކީ އިންސާނާ ހުރިހާ ގޮތަކުން ތަރުބިޔަތު ކުރުމަށް ތަފާތު އެކިއެކި ކަންކަން އެ ދީނުގައި ރޭވިފައިވާ ދީނެކެވެ. މިގޮތުން އިންސާނާ ރޫޙާނީ ގޮތުންނާއި، އަޅުކަމުގެ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ފަދަ ތަފާތު ހައިސިއްޔަތު ތަކުން ތަރުބިޔަތު ކުރާއިރު އޭގެ ތެރޭގައި އިންސާނާ ޖިސްމާނީ ގޮތުން ތަރުބިޔަތުކުރަން ވެސް އިސްލާމް ދީނުގައި ރޭވިފައިވެ އެވެ. މިކަމަށް މަގުފަހިވާ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އިސްލާމްދީން ބާރުއަޅާފައި ވަނީ އިންސާނާގެ ހަށިގަނޑު އެންމެހާ ބަލިތަކުން ރައްކާތެރިވެ ހުރުމަށެވެ.

މިގޮތުން ބަލާއިރު ފާހަގަ ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ، ސާފުތާހިރުކަމަށް އިސްލާމްދީން ދީފައިވާ އަހަންމިއްޔަތެވެ. އިސްލާމީ ނަޒަރުން ބަލާއިރު ސާފުތާހިރު ކަމަކީ އީމާންކަން ފުރިހަމަވުމަށްޓަކައި ކޮންމެހެން ލާޒިމުވާ އެއް ކަންތަކެވެ. ދެވަނަ ކަމަކީ، އިސްލާމީ ޢިބާދާތުގެ ގިނަ ކަންތައްތައް އަދާ ކުރުމަށްޓަކައި ސާފުތާހިރުކަން ނުވަތަ ޠަހާރަތު ލާޒިމުވުމެވެ. މި ޠަހާރަތުގެ ތެރޭގައި ނަޖިސް ފިލުވައިލުމާއި ޙަދަޘް އެރެގަތުން ހިމެނެ އެވެ. ޙަދަޘް އެރެގަތުމަކީ ޙަދަޘް ވެރިވާ ކަމެއް މެދުވެރިވުމުން ޠަހާރަތުގެ ގޮތުން ކުރަން ޖެހޭ ވުޟޫއާއި ހިނައިގަތުމެވެ. ނުވަތަ ޙަދަޘް އެރެގަތުމުގެ މާނައިގައި ނުވަތަ އެ ސޫރައިގައި ޠަހާރަތުގެ ގޮތުން ކުރަން ޖެހޭ ކަންކަމެވެ. މިސާލަކަށް ތަޔައްމުމު ކުރުމާއި ސުންނަތް ވުޟޫ އާއި ސުންނަތް ހިނައިގަތުން ފަދަ ކަންކަމެވެ.

ތިންވަނަ ކަމަކީ، ފެން ބޭނުންކުރުމުގައި ފެންއެއްޗަކަށް އަތްލާން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އޭގެ ކުރިން އަތް ދޮވުމެވެ. ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ގޮތުގައި ނިދިން ތެދުވެ އެއްވެސް ކަމަކަށް ފެން ބޭނުން ކުރާނަމަ ފެން އެތީގެ ތެރެއަށް އަތްލުމުގެ ކުރިން އަތް ދޮންނަން ޖެހެ އެވެ. މިޒަމާނުގައި އަޅުގަނޑުމެންގެ ދިރިއުޅުން ހުންނަ ގޮތުން މިކަން މިފަދަ ގޮތަކަށް ނެތް ނަމަވެސް އެއިން އަޅުގަނޑުމެންނަށް ދަލީލު ލިބެނީ އަޅުގަނޑުމެން ނަޖިސް ފިލުވާލުމަށް ނުވަތަ ޙަދަޘް އެރެގަތުމަށް ނުވަތަ ކެއިން ބުއިމަށް ބޭނުން ކުރާ ފެން ރައްކާތެރިކަމާ އެކު ބަލަހައްޓަން ޖެހޭ ކަމެވެ.

ހަތަރުވަނަ ކަމަކީ، ދަތްތައް ސާފުކޮށް ބެލެހެއްޓުމެވެ. މުސްލިމުންނަށް ވަރަށް ބޮޑު ބުރައަކަށް ނުވާނެ ނަމަ ކޮންމެ ފަރުޟު ނަމާދަކަށް ދަތްތައް ސާފު ކުރުމަށް ކީރިތިރަސޫލާ ﷺ އަމުރު ކުރެއްވީސް ކަމަށް އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެ އެވެ. (މުސްލިމް). ފަސްވަނަ ކަމަކީ، ކުރިން މިދެންނެވި ކަންކަމުގެ ތެރެއިން ބައެއް ކަންކަން ވެސް ހިމެނޭ ގޮތުގައި ފިޠުރަތުގެ ޚިޞާލުތަކުގެ ގޮތުގައި 10 ކަމެއް ކުރަން ކީރިތިރަސޫލާ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި ވުމެވެ. މީގެ ތެރޭގައި މަތިމަސް ކޮށުމާއި، (ރީތިކޮށް) ތުބުނޅި ބެހެއްޓުމާއި، ދަތް އުނގުޅުމާއި، އަނގަޔާއި ނޭފަތުގެ ތެރެއަށް ފެންލައި ސާފު ކުރުމާއި، ނިޔަފަތި ކެނޑުމާއި، އިނގިލިތަކުގެ ކުދިހުޅުތަކާއި ދޭތެރެތައް ދޮވުން ފަދަ ކަންކަން ހިމެނިފައިވެ އެވެ.

އިންސާނާ ޖިސްމާނީ ބަލިތަކުން ރައްކާތެރިވުމަށް އިސްލާމްދީން ބާރު އަޅަނީ ހަމައެކަނި ހަށިގަނޑުގެ ސާފުތާހިރުކަމަށް ދޭ ސަމާލުކަމުން އެކަންޏެއް ނޫނެވެ. އެހެންކަމުން ސާފުތާހިރުކަމުގެ ތެރޭ ހިމެނޭ ފަސްވަނަ ކަމަކީ، ތިމާ އުޅޭތަނާއި ތިމާ ލާ ފޭރާން ސާފުކޮށް ބެލެހެއްޓުމެވެ. އިސްލާމްދީނުގައި މިކަމަށް ވެސް ވަރަށް ބޮޑަށް ބާރު އަޅައެވެ. ކީރިތި ޤުރުއާނުގައި މާތްރަސޫލާ ﷺ އަށް މުޚާޠަބު ކުރައްވައި އެކަލޭގެފާނުގެ ހެދުންކޮޅު ސާފު ކުރެއްވުމަށް އަމުރު ކުރައްވާފައިވެ އެވެ. (އަލްމުއްދައްޘިރު 4). އަޅުކަންތަކަށް ކުރިމަތިލާ ހިނދު ޒީނަތްތެރިކަން މަތީ ތިބުމަށް އަމުރު ކުރައްވާފައިވެ އެވެ. (އަލްއަޢުރާފް 31). އިމާމް އަޙްމަދުގެ މުސްނަދުގައި ރިވާވެފައިވާ ޙަދީޘެއްގެ މާނައިގައި ވަނީ "ތިޔަބައިމީހުން އުޅޭތަނާއި ތިޔަބައިމީހުން ލައިއުޅޭ ހެދުން ރީތިކޮށް ސާފުކޮށް ބަހައްޓާށެވެ! ހަޑިމުޑުދާރު ކަމަކީ މާތް ﷲ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ". ހަޑިމުޑުދާރު ކަމަށް މާތްﷲ ރުހިވޮޑިގެން ނުވާ ހިނދު އަނެއްކޮޅުން ސާފުތާހިރުވެ ތިބޭ މީހުން ދެކެ މާތް ﷲ ރުހިވޮޑިގެން ވެ އެވެ. (އަލްބަޤަރާ 222)

ސާފުތާހިރުކަމުގެ އިތުރަށް އެންމެހާ ބަލިބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކުން ދުރުހެލިވުމަށް ވެސް އިސްލާމްދީން ބާރުއަޅަ އެވެ. މިގޮތުން މުޅަތަކެތި ނުވަތަ އޭގެ ހުކުމުގައިވާ ތަކެއްޗާއި ލެޔާއި އޫރުމަސް އިސްލާމް ދީން ވަނީ ޙަރާމް ކުރައްވައިފަ އެވެ. (އަލްމާއިދަތު 3). ބަނގުރަލާއި މަސްތުވާ އެހެންތަކެތި އިސްލާމް ދީނުގައި ވަނީ ޙަރާމް ކުރައްވައިފަ އެވެ. (އަލްމާއިދަތު 90). އަނބިމީހާ ޙައިޟުގެ ދުވަސްވަރު އެއްދާން ނުކުރުމަށް ވަނީ އަމުރު ކުރައްވައިފަ އެވެ. (އަލްބަޤަރާ 222). ޒިނޭކުރުމާ ގާތްވެސް ނުވުމަށް ވަނީ އަމުރު ކުރައްވައިފަ އެވެ. (އަލްއިސްރާއު 32). މީގެ އިތުރަށް މީހުން ހިނގާބިނގާވާ މަގުމަގަށާއި ހިޔާ ހޯދާ ގަސްގަސް ދޮށަށާއި ހުއްޓިފައިވާ ފެންގަނޑު ގަނޑަށް ޤަޟާޙާޖާ ކުރުން ކީރިތިރަސޫލާ ވަނީ މަނާ ކުރައްވައިފަ އެވެ (މުސްލިމް). ގައިންގަޔަށް އަރާބަލިތަކުން ސަލާމަތްވުމަށްޓަކައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެފަދަ ބަލިފެތުރި ޢާންމުވެފައިވާ ތަންތަނަށް ނުދިއުމަށް އަދި އެތަންތަނުން މީހުން އެހެން ތަންތަނަށް ނުދިއުމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވެ އެވެ. (އަލްބުޚާރީ). ކެއުމާއި ބުއިމުގައި، މެދުމިންވަރެއް ގެންގުޅުމަށް އިރުޝާދު ދެއްވާފައިވެ އެވެ.

ބަލިތަކުން ރައްކާތެރިވުމުގައި ވަރަށްބޮޑު އެހީތެރިކަމެއް ލިބޭނެ އަނެއް ކަމަކީ އިންސާނާގެ ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމެވެ. މާތް ﷲ ދެއްވި ރިޒުޤުގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތި ކައިބޮއެ އުޅުމަށް ތަކުރާރުކޮށް ކީރިތި ޤުރްއާނުގައި ﷲ އަންގަވާފައިވެ އެވެ. އަދި މާތް ނަބިއްޔާ ﷺ ގެ ރިސާލަތުގެ ތެރެއިން ހިމެނޭ މުހިންމު އެއް ކަމެއްގެ ގޮތުގައި މާތް ﷲ ބަޔާން ކުރައްވާފައި ވަނީ އެކަލޭގެފާނު ރަނގަޅު ތަކެތި ޙަލާލުކަން ބަޔާން ކުރައްވާ ކަމަށާއި ނުރަނގަޅު، ގެއްލުން ލިބޭ ތަކެތި ޙަރާމްކަން އެކަލޭގެފާނު އުންމަތަށް ބަޔާންކޮށްދެއްވާ ކަމަށެވެ. (އަލްއަޢުރާފު 157). އެހެންކަމުން ރަލާއި އޫރުމަހާއި މަސްތުވާ ތަކެއްޗާއި ލެޔާއި މިނޫން ވެސް މިފަދަ މުޑުދާރު ތަކެތި ކެއުން އިސްލާމް ދީނުގައި ޙަރާމްވެގެންވެ އެވެ.

ޖިސްމާނީ ބަލިތަކުން ޙިމާޔަތް ލިބުމަށް ސަލާމަތީ ފިޔަވަޅުތަކެއްގެ ގޮތުން އިސްވެ ދެންނެވި ކަންކަން އިސްލާމްދީނުގައި އައިސްފައިވިޔަސް އަޅުގަނޑުމެންނަށް ބައެއް ފަހަރު ބަރާބަރަށް އެއަށް ޢަމަލު ނުކުރެވެ އެވެ. އަދި ބަލިޖެހުމާއި ފަސޭހަވުން އެއީ މާތް ﷲ ގެ މިންވަރުގެ ދަށުން އޮންނަ ކަމެކެވެ. އެހެންކަމުން ބަލިޖެހުމަކީ ދިރިއުޅުމުގެ ސުންނަތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ބަލިތަކުން ފަރުވާ ލިބިގަތުމަށް އިސްލާމް ދީން ބާރު އަޅަ އެވެ. އެއީވެސް ހަމަ އިންސާނާ ބަލިތަކުން ސަލާމަތްވެ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި އިސްލާމްދީން ދޭ އަހަންމިއްޔަތުގެ ދަށުން ހިމެނޭ ކަމެކެވެ. މިގޮތުން ބައްޔެއް ޖެހިއްޖެ ނަމަ އެ ބައްޔަކާ ގުޅޭ ފަރުވާ އެއް ކުރުމަށް ކީރިތރަސޫލާ ﷺ އަންގަވާފައިވެ އެވެ. އަދި ހަށިގަނޑު ނުވަތަ އަމިއްލަ ނަފްސް ހަލާކުގެ ތެރެއަށް އެއްލާ ނުލުމަށް ކީރިތިޤުރުއާނުގައި އަންގަވާފައިވެ އެވެ. (އަލްބަޤަރާ 195.

މި ފާހަގަކުރި ހުރިހާ ކަންކަމުން ދޭހަވަނީ އިންސާނާގެ ހަށިގަނޑު ސަލާމަތުން ބެހެއްޓުމަށްޓަކައި އިސްލާމްދީން ބާރު އަޅާ މިންވަރެވެ. އެހެންކަމުން މުސްލިމުންގެ މައްޗަށް ލާޒިމު ވެގެންވަނީ ތަފާތު ޖިސްމާނީ ބަލިތަކުން އިންސާނާ އަބަދުވެސް ސަލާމަތްވެ ހުރުމަށް މަސައްކަތް ކުރުމެވެ. އަދި މިގޮތަށް މަސައްކަތް ކުރުމާ އެކު ބައްޔެއް ޖެހިއްޖެ ނަމަ އެކަމަށް އެކަށޭނަ ފަރުވާ ހޯދަން މަސައްކަތް ކުރުމެވެ. އެއީ ދުނިޔޭގައި އިންސާނާ އަށް ބާއްޖަވެރިކަން ހޯދައި އާޚިރަތަށްޓަކައި މަސައްކަތް ކުރުމަށް އިންސާނާގެ ޞިއްޙަތަކީ ނުހަނު ބޭނުންތެރި އެއްޗަކަށް ވާތީ އެވެ.