21 ޖެނުއަރީ 2022 - 11:44

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކުރީގެ ޑެޕިއުޓީ ފައިނޭޝަލް އޮފިސަރަށް އަލުން ވަޒީފާދޭން އެންގި އެންގުމާ ދެކޮޅަށް އެމްއޭސީއެލް އިން ކުރި އިސްތިއުނާފް އެ ކުންފުނިން އަނބުރާ ގެންގޮސްފި އެވެ.
އެމްއޭސީއެލްގައި މަސައްކަތްކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހާމިދު އެ ކުންފުނީގެ ވަޒީފާއިން ވަކިކުރީ އޮކްޓޫބަރު، 2019 ގަ އެވެ. އެ މައްސަލަ އޭނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން މިދިޔަ އަހަރު އަމުރުކުރީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ. އެ މައްސަލަ އެމްއޭސީއެލް އިން އޮތީ މިދިޔަ އަހަރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެ މައްސަލާގެ އިސްތިއުނާފް ބާތިލްކޮށް، ހައި ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ އެމްއޭސީއެލްގެ ފަރާތުން އެ ކޯޓަށް ސިޓީ ފޮނުވާފައިވާތީ އެ މައްސަލާގެ އިސްތިއުނާފް ބާތިލްކުރީ ކަމަށެވެ.
އެކަމަކު އެ މައްސަލަ އަނބުރާ ގެންދިޔައީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.
ހާމިދަށް އަލުން ވަޒީފާ ދިނުމުގެ އިތުރުން ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ވެސް އޭނާއަށް ދޭންޖެހޭނެ ކަމަށް ޓްރައިބިއުނަލުން އޮތީ ނިންމައިފަ އެވެ.