21 ޖެނުއަރީ 2022 - 11:38

ޓްރީ ޓޮޕް ހޮސްޕިޓަލުން ސިކުނޑީގެ ޓިއުމަރު ނެގުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.
ސިކުނޑީގެ ޓިއުމަރަށް ފަރުވާ ހޯދަމުން އައި އުމުރުން 66 އަހަރުގެ އެ މީހާގެ މި އޮޕަރޭޝަން ކުރީ އެ ހޮސްޕިޓަލުގެ ނާރުގެ އޮޕަރޭޝަން ޑިޕާޓްމެންޓްގެ ޓީމަކުންނެވެ.
ބޮލުގެ ނާށިގަނޑުން ބައެއް ނެގުމަށް ފަހު، ޓިއުމަރު ނައްތައިލުމަށް ކުރާ ކްރޭނިއޯޓޮމީ އޮޕަރޭޝަން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކުރި ޓީމުގައި ހިމެނެނީ ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑރ. ހުއާން ލޮރީޑޯ އާއި ހޭނައްތާ ޑރ. އައިމިނަތު ފިއުނާ އާއި ޑރ. ވިސްވަޖިތް އުދޭކުމާރާއި މެޑިކަލް އޮފިސަރު ޑރ. ގާސިމް ނިމާލެވެ. މި އޮޕަރޭޝަން ކުރުމުގައި ފަންނީ މުވައްޒަފުންނާއި ނަރުހުންގެ ޓީމުން ވެސް އެހީތެރިވި ކަމަށް ޓްރީ ޓޮޕުން ބުނެ އެވެ.
ޑރ. ހުއާން ލޮރީޑޯއަކީ ދާއިރާގައި ވަރަށް ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ، ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރެކެވެ. ތަފާތު ނާރުގެ ބަލިތައް ދެނެގަނެ، ވީހާ ވެސް ކުޑަކޮށް ފަޅާލައިގެން ކާމިޔާބު ބޮޑެތި އޮޕަރޭޝަންތައް ކުރުމައި ވެސް އޭނާއަކީ ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
"މި އޮޕަރޭޝަން ގޮސްފައި ވަނީ ވަރަށް ކާމިޔާބުކޮށްކަން، އަޅުގަނޑުމެން ވަރަށް އުފަލާއެކު ފާހަގަކޮށްލަން،" ޑރ. ހުއާން ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާރުގެބަލިތަކުގެ ހާއްސަ އަދި ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑިޕާޓްމެންޓް ހިންގަނީ ގާބިލް އަދި ނާރުގެ އޮޕަރޭޝަންތަކުގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ކޮންސަލްޓަންޓް ޑޮކްޓަރުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.