20 ޖެނުއަރީ 2022 - 23:00

ކޮވިޑު-19 އަށް މި ވަގުތު ޕޮޒިޓިވްވެފައި ތިބި މީހުންގެ އަދަދު 10،000 އިން މައްޗަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 6،598 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ. އޭގެ ތެރެއިން 2،199 މީހުން ޕޮޒިޓިވްވި އެވެ. އެއާއެކު، ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދު 10،537 އަށް އަރާފައިވެ އެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލެއިން 3،910 ސާމްޕަލް ޓެސްޓުކުރިއިރު 1،348 މީހުންނަށް އެ ބަލި ޖެހިފައިވެ އެވެ. ރަށްރަށުން 531 މީހުން އަދި ރިސޯޓުތަކުން 83 މީހުން ޕޮޒިޓިވްވެފައިވެ އެވެ.
ކޮވިޑުގެ އާ ވޭރިއެންޓް، އޮމިކްރޯންއާ އެކު ރާއްޖޭގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. ނަމަވެސް ހޮސްޕިޓަލްގައި ފަރުވާ ދޭ މީހުންގެ އަދަދަށް މާ ބޮޑު ބަދަލެއް ނާދޭ އެވެ.
އެޑްމިޓުކޮށްގެން މި ވަގުތު އަންނަނީ 43 މީހަކަށް ފަރުވާ ދެމުންނެވެ.
ކޮވިޑުގެ ކަންކަން މެނޭޖުކުރަމުން އަންނަ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅާނީ ހޮސްޕިޓަލައިޒޭޝަނާއި ކެޕޭސިޓީއަށް ބެލުމަށްފަހު ކަމަށެވެ.
ނަމްބަރުތަކަށް އަންނަ ބަދަލުތައް މޮނީޓާކުރަމުންދާ ކަމަށް އެ ސެންޓަރުން މީގެ ކުރިން ބުނެެފައިވެ އެވެ.