ކޮވިޑާ ގުޅިގެން އައިޖީއެމްއެޗުގައި އާންމު ސާޖަރީތައް މެދުކަނޑާލައިފި
ކޮވިޑާ ގުޅިގެން އައިޖީއެމްއެޗުގައި އާންމު ސާޖަރީތައް މެދުކަނޑާލައިފި

މި ދުވަސްވަރު ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވަމުން ދާތީ، އައިޖީއެމްއެޗުގައި އާންމު ސާޖަރީތައް ކުރުން މެދުކަނޑާލަން އެ ހޮސްޕިޓަލުން މިއަދު ނިންމައިފި އެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް ކޭސްތައް އިތުރުވާތީ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގެ ބައެއް އެހެން ހިދުމަތްތައް ވެސް ޑައުންގްރޭޑް ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ދުރާލައި ތާވާލުކޮށްގެން ހަދާ އާންމު ސާޖަރީތައް މެދުކަނޑާލަން ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އަދި ކޮވިޑްގެ ހާލަތަށް ބެލުމަށް ފަހު މި ސާޖަރީތައް އަލުން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ އާންމު ސާޖަރީތައް މެދުކަނޑާލިޔަސް އިމަޖެންސީ ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށެވެ.

މީގެ ކުރިން ވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް މެދުކަނޑާލާފައިވެ އެވެ. އަދި ބައެއް ހިދުމަތްތައް އޮންލައިންކޮށް ވެސް ދީފައިވެ އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޮން ރާއްޖެ އިން ފެނުނު ފަހުން ކޭސްތަކުގެ އަދަދު މައްޗަށް ދިޔައީ މި މަހުގެ ކުރީކޮޅުން ފެށިގެންނެވެ. ކޭސްތައް މައްޗަށް ދާން ފެށި ފަހުން، އިއްޔެ ވަނީ 2،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ރާއްޖޭގައި މިހާރު މި ބަލި ތަހައްމަލުކުރާ މީހުންގެ އަދަދު 9،000 އަށް ވުރެން މައްޗެވެ. ކޮވިޑް ބަލި ޖެހޭ މީހުން ގިނަވިޔަސް މި ވަގުތު އެޑިމިޓް ކޮށްގެން ފަރުވާ ދެނީ 43 މީހަކަށެވެ.